ފުލުހުންނަށް ޕްރޮމޯޝަން ދިނުން ހުއްޓުވައިދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.
ސިވިލް ކޯޓުގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ އެ މައްސަލައިގައި އޭސީސީން އެދިފައިވަނީ ފުލުހުންނަށް ޕްރޮމޯޝަން ދިނުމުގެ ވަގުތީ އަމުރަކަށް ކަމަށެވެ. އަދި ޕްރޮމޯޝަން ދިނުމުގައި އަމަލުކުރާ އުސޫލުތަކުގެ މައުލޫމާތު ހޯދުމަށްވެސް ވަނީ އެދިފައެވެ.
ނިމިދިޔަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ސަރުކާރު ނިމެން ދެ ދުވަހަށް ވެފައި ވަނިކޮށް، ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަރުންގެ ރޭންކުގެ އޮފިސަރުންނަށް ޕްރޮމޯޝަންތަކެއް ދީފައެވެ. އެއިރު އިންތިގާލީ މަރުހަލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ވަނީ ޕްރޮމޯޝަން ދިނުމުގެ ކަންކަން މަޑުޖައްސާލަ ދިނުމަށް އެދިފައެވެ.
އެކަމާ ގުޅިގެން އެއިރު ފުލުހުން ބުނެފައިވަނީ އެ ޕްރޮމޯޝަންތައް ދިނުމަށް ނިންމާފައިވަނީ މިއަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ކަމަށެވެ. އަދި އެއީ ހިދުމަތުގެ މަގާމުގެ ކުރިއެރުން ދިނުމުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އެކަމަށް ކަނޑައަޅާފައި ހުރި އުސޫލުތަކާ އެއްގޮތަށް ދެމުންދާ ޕްރޮމޯޝަންތަކެއް ކަމަށް ބުންޏެވެ.
"ޕްރޮމޯޝަން އޭރު ހަވާލުނުކުރީ އިންތިހާބު ކައިރިވެފައި އޮތުމުންނާއި އެކަމުގެ ސަބަބުން ނޭދެވޭ ތަސައްވުރެއް އުފެދިދާނެ ކަމަށް ދެކޭތީ،" ފުލުހުން ބުނެފައިވެއެވެ.
އެނގިފައިވާ ގޮތުގައި އެ ޕްރޮމޯޝަންތައް ދީފައިވާކަން އެއިރުގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ ރައީސް ޑރ. މުއިއްޒަށް އަންގަވައިފައެވެ. އަދި އެ ޕްރޮމޯޝަންތަކަކީ މިދިޔަ އޮގަސްޓު މަހު ދޭން ނިންމި ޕްރޮމޯޝަންތަކެއް ކަމަށާއި އެއީ ގާނޫނާ އެއްގޮތަށް ދިން ޕްރޮމޯޝަންތަކެއް ކަމަށްވެސް ވަނީ އަންގަވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު