ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން އަދި ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ސިވިލް ސާވިސް ވަޒީފާގައި މި ދައުރު ނިމެންދެން ހުންނަވަން ބޭނުންފުޅުވާތީ ކޮންޓްރެެކްޓެއް ދިނުމުގެ މަސައްކަތް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ފަށާފައިވާތީ، އެ ކޮމިޝަންގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކުރުމަށް ނިންމައިފިއެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް މައްސަލައެއްގެ ގޮތުގައި އެކަން ފާހަގަކުރައްވާފައިވަނީ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ އެވެ. މިއަދުގެ ކޮމިޓީ ބައްދަލުވުމަށް އެ މައްސަލަ ހުށަހަޅުއްވަމުން ޔައުގޫބު ވިދާޅުވީ އެ މައްސަލައަކީ ސިވިލް ސާވިސްގެ ވަރަށް ގިނަ މުވައްޒަފުންގެ ކަންބޮޑުވުމެއް ކަމަށެވެ.
"މި އިޝޫއަކީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ ސިވިލް ސާވިސްގެ ވަޒީފާގައި ހުންނަން ބޭނުންވާތީ ފަސްޓްލޭޑީއަށް ބޭނުންވާގޮތަށް، ފިޓުވާގޮތަށް، މިއިން ދުވަހަކުވެސް ސިވިލް ސާވިސް ކޮމިޝަނުން އަމަލުނުކުރާ ގޮތަކަށް މަގާމެއް އުފައްދައި، އެ މަގާމުގައި ވަޒީފާ އަދާކުރެވޭ ގޮތަށް އެ މާހައުލު ބައްޓަންކޮށް އެ މަސައްކަތް ސިވިލް ސާވިސް ކޮމިޝަނުން ކުރަމުންދާތީ އެކަމުގެ ނުރުހުން ވަރަށް ގިނަ ސިވިލް ސާވަންޓުންގެ މެދުގައި އޮތަތީ އަޅުގަނޑުމެން މިކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައި، އެކަމާ ގުޅޭގޮތުން ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުންނާ ބައްދަލުކުރައްވަން ފެނިވަޑައިގަންނަވާ ނަަމަ، އެ މަސައްކަތައިގެން ކުރިއަށްދާން،" އޭނާ ވިދާޅުވިއެވެ.
ޔައުގޫބު ހުށަހެޅުއްވި އެ މައްސަލައާ ގުޅިގެން ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ވަނީ އެއީ ކިހިނެއް ހިނގާ ކަމެއްތޯ އާއި، އެއީ ގާނޫނާ އެއްގޮތަށް ހިނގާ ކަމެއްތޯ ބެލުމަށް ސީއެސްސީގެ މެންބަރުން ކޮމިޓީއަށް ހާޒިރުކުރުމަށް ހުށަހަޅުއްވައިފައެވެ. އެ ހުށަހެޅުއްވުމަށް ޔައުގޫބު ވަނީ ތާއީދުކުރައްވައިފައެވެ.
ކޮމިޓީއަށް އަހުމަދު އަބްދުﷲ ހުށަހެޅުއްވި ހުށަހެޅުއްވުމަށް އެއްވެސް މެންބަރަކު އިއުތިރާޒުކުރައްވާފައި ނުވާތީ، ސީއެސްސީގެ މެންބަރުން ކޮމިޓީއަށް ހާޒިރުކުރުމަށް ވަނީ ނިންމައިފައެވެ. ކޮމިޓީގެ މުގައްރިރު، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ ވިދާޅުވީ އަންނަ ހޯމަ ދުވަހު ބާއްވާ ކޮމިޓީ ބައްދަލުވުމަށް ސީއެސްސީގެ މެންބަރުންނަށް ހާޒިރުވެވޭތޯ ބެއްލަވާނެ ކަމަށެވެ.
މެޑަމް ސާޖިދާ އަކީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ސީނިއާ ސައިންޓިފިކް އޮފިސަރެވެ. މެޑަމް ސާޖިދާ ވަނީ ފަސްޓް ލޭޑީގެ ޒިންމާތައް އަދާކުރައްވަމުންވެސް ސިވިލް ސާވިސްގައި ހިދުމަތްކުރައްވަން ބޭނުންފުޅުކަން ސީއެސްސީއަށް ލިޔުމުން ދަންނަވައިފައެވެ.
އެކަމާ ގުޅިގެން ސީއެސްސީގެ ރައީސް މުހައްމަދު ނާސިހު "ވަން" އަށް މީގެ ކުރިން ވިދާޅުވެފައިވަނީ، މެޑަމް ސާޖިދާ އެދިވަޑައިގެންފައިވަނީ، އެ ކަމަނާގެ ވަޒީފާގެ މަސްއޫލިއްތުތައް ކުޑަކޮށް، ހިދުމަތުގައި ދެމި ހުންނެވޭނެ ގޮތެއް ހެެއްދެވުމަށް ކަމަށެވެ.
"މިހާރު ހުންނެވީ އަހަރީ ޗުއްޓީގައި. ދެން ޗުއްޓީން އެނބުރި ވަޑައިގެން މި އިންތިޒާމުތައް ހަމަޖައްސައިދޭން އެދިވަޑައިގެންފައި އޮތީ. މިކަމަށް ވަކިން ކޮންޓްރެކްޓެއް ހަދާނެ. އެއީ ދާއިމީ ވަޒީފާއަކަށް ނުވާނެ އޭރަށް، ނަމަވެސް ކޮންޓްރިބިއުޓް ކުރައްވާނެ،" ނާސިހު ވިދާޅުވެފައިވެއެވެ.
މެޑަމް ސާޖިދާ ހިދުމަތްކުރެއްވި ނަމަވެސް ހުންނަވާނީ ނޯ-ޕޭ ލީވްގައި ކަމެއް ނުވަތަ މުސާރައެއް ދެއްވާނެ ކަމެއް ނާސިހު ވިދާޅެއް ނުވެއެވެ.
ނާސިހު އިތުރަށް ވިދާޅުވެފައިވަނީ މެޑަމް ސާޖިދާ ބޭނުންފުޅުވަނީ އެ ދާއިރާއަށް މަހަކު 40 ގަޑިއިރު ހިދުމަތްކޮށްދެއްވުމަށް ކަމަށާއި އެކަމަަށް ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސްގެ މުސާރަ އާއި އިނާޔަތް ކަނޑައެޅުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ދައުލަތުން އެލަވަންސެއް ދޭން ޖެހެއެވެ. އެ އެލަވަންސްގެ މިންވަރަކީ ރައީސުލްޖުމްހޫރިއްޔާގެ މުސާރައިގެ ތިންބައިކުޅަ އެއްބައެވެ.
ޚަބަރު
ޚަބަރު
ޚަބަރު