އައްޑޫ ސިޓީގައި މާރާމާރީ ހިންގުމަށް ތައްޔާރުކޮށްފައި ހުރި ކަމަށް ބެލެވޭ ތޫނު ހަތިޔާރުތަކެއް ފުލުހުން ހޯދައިފިއެވެ.
ފުލުހުން މިއަދު ބުނީ، އައްޑޫގައި މިފަހުން ހިންގި މާރާމާރީތަކާ ގުޅިގެން 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
"އަދި މާރާމާރީ ހިންގުމަށް ތައްޔާރުކޮށްފަ ހުރި ކަމަށް ބެލެވޭ ތޫނު ހަތިޔާރާއި، އެހެނިހެން ބައެއް އާލާތްތައް ހޯދިފައިވޭ،" ފުލުހުން ބުންޏެވެ.
އައްޑޫގައި ގޭންގު މާރާމާރީތައް ހުއްޓުވުމަށް އައްޑޫ ސިޓީ ޕޮލިސް ސްޓޭޝަންތަކާއި، ސައުތު ޕޮލިސްގެ ސީރިއަސް ކްރައިމް ސެލް އަދި ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ދަނީ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. ތޫނު ހަތިޔާރުތަކެއް ފުލުހުން ހޯދާފައިވަނީ އެ އޮޕަރޭޝަންގެ ތެރެއިންނެވެ.
އައްޑޫގައި މިދިޔަ ހުކުރު ދުވަހު ހިންގި މާރާމާރީ އާއި މިދިޔަ އާދިއްތަ ދުވަހު ހިންގި މާރާމާރީގެ ތުހުމަތުގައި އިތުރު ފަސް މީހަކު ފުލުހުން ހައްޔަރުކުރީ މިއަދުގެ ވަގުތެއްގައެވެ. ފުލުހުން ބުނީ މިދިޔަ ހުކުރު ދުވަހު ހިންގި މާރާމާރީއާ ގުޅިގެން 23 އަހަރުގެ ދިވެހި ފިރިހެނަކު ރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ.
އަދި އިއްޔެ ހައްޔަރުކުރި 23 އަހަރުގެ މީހާ އާއި ރޭ ހައްޔަރު ކުރި މީހާގެ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރު ކުރުމުން، އެ ދެމީހުންވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން މިދިޔަ އާދިއްތަ ދުވަހު ހިންގި މާރާމާރީއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހަތަރު ދިވެހި ފިރިހެނުން ވަނީ ހައްޔަރުކޮށްފައެވެ. އެއީ 18 އަހަރާއި 20 އަހަރާއި 21 އަދި 23 އަހަރުގެ މީހުން ކަމަށް ފުލުހުން ބުންޏެވެ.
އާދިއްތަ ދުވަހު ހިންގި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ޒަހަމްވެފައިވަނީ 20 އަހަރުގެ މީހެކެވެ. އޭނާއަށް ގްރޫޕަކުން ހަމަލާދިނީ ގޭގެ ސިޓިން ރޫމް ތެރޭގައި ހުއްޓައެވެ.
އައްޑޫގައި ހުކުރު ދުވަހުގެ ރޭ ހިންގި މާރާމާރީއެއްގެ މައްސަލައަކާ ގުޅިގެން ފުލުހުން ވަނީ މީގެ ކުރިން ހަތަރު މީހަކު ވެސް ހައްޔަރުކޮށްފައެވެ. އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ 18 އަހަރާއި 19 އަހަރާއި 20 އަހަރާއި 23 އަހަރުގެ ހަތަރު މީހުންނެވެ.
އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން އެ އެންމެން ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު