މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ ރާއްޖޭގެ އެންމެ ބޮޑު، އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް "ވަން ސްޕޯޓްސް" ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2024، އަންނަ އަހަރުގެ ޖެނުއަރީ މަހު 15 ވަނަ ދުވަހު ފެށުމަށް ތާވަލުކޮށްފައިވާ އިރު، ކުރީ އަހަރުތަކަށް ވުރެވެސް ފުރިހަމައަށް މިފަހަރު މުބާރާތް އިންތިޒާމް ކުރުމަށް މިހާރުވެސް ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ. 15 ވަނަ ދުވަހު މުބާރާތުގެ ކުޅުން ފެށުމަށް ތައްޔާރުވެފައި އޮތް ނަމަވެސް، 14 ވަނަ ދުވަހުގެ ރޭ ހާއްސަ ޗެރިޓީ މެޗެއް މިފަހަރުވެސް ކުޅެވިގެން ދާނެއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޗެރިޓީ ޝީލްޑް މެޗުގައި މިފަހަރު ވާދަކުރާނީ އެންމެފަހުގެ ޗެމްޕިއަން ލ. ގަމާއި އޭގެ ކުރީ އަހަރުގެ ޗެމްޕިއަން، ތ. ތިމަރަފުއްޓެވެ.
މިއަހަރު މުބާރާތުގެ މީޑިއާ ޕާޓްނަރުގެ ގޮތުގައި "ވަން ސްޕޯޓްސް" ހަމަޖައްސައި، އެއްބަސްވުމުގައި ސޮއިކުރީ މިއަދު "ވަން" އޮފީހުގައި ބޭއްވި ހާއްސަ އިވެންޓްގައެވެ. ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ، އެ ޖަމިއްޔާގެ ރައީސް ރިލުވާން މޫސާއެވެ. "ވަން"ގެ ފަރާތުން ސޮއިކުރެއްވީ، "ވަން" މީޑިއާ ގްރޫޕްގެ ޗެއާޕާސަން، މިންހާ ފާއިޒެވެ.
މިއަދުގެ އެއްބަސްވުމަށްފަހު ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް ރިލުވާން މޫސާ، ވިދާޅުވީ "ވަން" އާއެކު ޖެހިޖެހިގެން ތިންވަނަ ފަހަރަށް މީޑިއާ ޕާޓްނަރުގެ ގޮތުގައި ސޮއިކުރަނީ، އިތުބާރު އޮތުމުން ކަމަށާއި ވޭތުވެދިޔަ ތަނުގައި ފުރިހަމަ ކަވަރޭޖެއް ގެނެސްދީފައިވާތީވެސް ކަމަށެވެ.
"ފާއިތުވި އަހަރުތަކުގައި ވަން އޮންލައިނުން ކަވަރޭޖް ގެނެސްދީފައިވާ ގޮތާމެދު ވަރަށް ހިތްހަމަ ޖެހޭ. އަހަރެމެންނަށް މުސްތަގުބަލުގައިވެސް މި މުބާރާތުން ގެނެސްދޭން ބޭނުންވާ އުންމީދީ ވިސްނުން ގެނެސްދެވޭނެ ވަން އޮންލައިނާއެކު. އެހެންވީމަ ވޭތުވެދިޔަ ތަނުގެ މަސައްކަތަށްވެސް ބަލައި، އަދި ކުރިއަށް އޮތްތަނަށް އިތުބާރުވެސް ކުރާތީ ވަން އާއެކު އަނެއްކާވެސް ކުރިއަށް ދާން މި ނިންމީ،" ރިލުވާން ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގައިވެސް 102 ޓީމަކުން ބައިވެރިވެ ކުޅެފައިވާ އިރު، 250 އަށްވުރެ ގިނަ މެޗު ކުޅެވިގެންދިޔައެވެ. އެ ހުރިހާ މެޗެއްގެވެސް އިންތިޒާމް ފުރިހަމައަށް ގޯލްޑަން އެސޯސިއޭޝަނުން ކުރިއަށް ގެންގޮސްފައިވާ އިރު، މިފަހަރު މެޗުތައް އިތުރުވާނެއެވެ. އެގޮތުން، ކުރިއަށް އޮތް މުބާރާތުގައި 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅެވިގެންދާނެއެވެ.
"ވަން ސްޕޯޓްސް" ގެ ފަރާތުން މުބާރާތަށް ހާއްސަ ކަވަރޭޖެއް ގެނެސްދިނުމަށް މިފަހަރުވެސް ވަނީ ނިންމާފައެވެ. އަދި މުބާރާތުގެ ކަވަރޭޖް އެންމެ ފުރިހަމަކޮށް ގެނެސްދޭން މިހާރުން ފެށިގެން ދަނީ މަސައްކަތް ކުރަމުންނެވެ.
ފުޓްސަލް ކުޅުންތެރިންނަށް ރާއްޖޭގައި ތަނަވަސްކޮށްދޭ އެންމެ ރަނގަޅު ޕްލެޓްފޯމަކަށް ގޯލްޑަން ފުޓްސަލް ޗެލެންޖްވެފައި އޮތް އިރު، އަންނަ އަހަރުގެ މުބާރާތުގެ ސްޕޮންސާޝިޕަށްވެސް މިހާރު ވަނީ ފުރުސަތު ހުޅުވާލައިފައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މިދިޔަ ދެ އަހަރު އަދި މިއަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް