ރޭ އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ބުރު ސްޕޯޓްސް ކްލަބު ވާދަކުރި މެޗުގައި ލައިޓްތައް މައްސަލަ ޖެހި، ގިނަ އިރުތަކެއް ވަންދެން މެޗު މެދުކަނޑާލަން ޖެހިއްޖެއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ރޭ މާޒިޔާއިން ކުޅުނު މެޗުގައި ބުރު އަތުން މޮޅުވީ 6-0 ގެ ނަތީޖާ އަކުންނެވެ. މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅުގައި ލައިޓް މައްސަލަ ޖެހިގެން، ދަނޑު ނިވުމުން ބައިގަޑި އިރެއް ހާއިރު ވަންދެން މެޗު މެދުކަނޑާލަން ޖެހިފައިވެއެވެ.

ގަލޮޅު ދަނޑުގެ މައްސަލަ ބޮޑުވެފައި އޮތް އިރު، އެ ދަނޑު މަރާމާތުކުރަން މިދިޔަ ސަރުކާރުން އެކިފަހަރު މަތިން އިއުލާނުކޮށްވެސް، އެކަން ކޮށްފައެއް ނުވެއެވެ. އިންޑިއާ ސަރުކާރުގެ އެހީގައި ދަނޑު މަރާމާތުކުރަން ފަށަންވެގެން، ކުރެހުން ދައްކާލި ނަމަވެސް، ސަރުކާރު ނިމިގެން ގޮސްފައި ވަނީ ދަނޑުގެ މަރާމާތު މަސައްކަތް ނުކުރެވިއެވެ. މިހާރު ބައިނަލްއަގުވާމީ މެޗުތައް ހޯސްޓް ކުރުމަށްވެސް އުނދަގޫތަކާ ދިމާވަމުންދާ އިރު، ދަނޑުގެ ސިޑިބަރީގެ ބޮޑުބައެއްވެސް ބޭނުމެއް ނުކުރެވެއެވެ.

އޭގެ އިތުރުން ލައިޓްތަކުގެ އަލިމަޑުކަމުން ރޭގަނޑު ބައިނަލްއަގުވާމީ މެޗުތައް ކުޅުންވެސް މިވަގުތު އޮތީ މަޑު ޖައްސާލައިފައެވެ.

މާޒިޔާއިން ރޭގެ މެޗު ކާމިޔާބު ކުރި އިރު، އެޓީމުގެ ގޯލުތައް ޖެހީ ސާބިއާގެ ފޯވަޑް ވޮޖިސްލާވް ބަލަބަނޮވިޗާއި ހަމްޒާ މުހައްމަދު (ހަމްޕު)ގެ އިތުރުން ޖަޕާންގެ މިޑްފީލްޑަރު ޓޮމޯކީ ވާޑާ އަދި ނާއިޒް ހަސަން (ދާދު)އެވެ. ބަލަނަނޮވިޗް ވަނީ މެޗުގައި ހެޓްރިކް ފުރިހަމަ ކޮށްފައެވެ.

ރޭގެ މެޗުން މޮޅުވެ، ލީގުގެ އެއް ވަނައިގައި އޮތް ކްލަބް އީގަލްސްއާ އެއް ޕޮއިންޓަށް ގާތަށް ޖެހިލައިފައެވެ. އީގަލްސް އަށް 13 މެޗުން 35 ޕޮއިންޓް ލިބިފައިވާ އިރު، މާޒިޔާއިން ވަނީ 12 މެޗުން 34 ޕޮއިންޓް ހޯދައިފައެވެ. އީގަލްސް އަށް އޮތީ މިމަހު 19 ވަނަ ދުވަހު މާޒިޔާއާ ކުޅޭ މެޗެވެ. އީގަލްސްއާ ކުޅޭ މެޗުގެ އިތުރުން މާޒިޔާއަށް ދެން އޮތީ ޓީސީ ސްޕޯޓްސް ކްލަބާ ކުޅެން ޖެހޭ މެޗެވެ.