މިއަދު އޮތް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގުގެ ޕްރެސް ކޮންފަރެންސުން ބައެއް މީޑިއާތަކުގެ ނޫސްވެރިން ބޮއިކޮޓް ކޮށްފިއެވެ.
ޔުނައިޓެޑުން މިއަދު ބޮއިކޮޓް ކޮށްފައިވަނީ ހަތަރު ނޫހެއްގެ ނޫސްވެރިންނެވެ. އެއީ ސްކައި ސްޕޯޓްސް، އީއެސްޕީއެން، މެންޗެސްޓާ އިވްނިން ނިއުސް އަދި މިރާގެ ނޫސްވެރިންނެވެ. އެ ކްލަބުން ބުނެފައިވަނީ ބައެއް ނޫސްތައް ބޮއިކޮޓް ކުރީ "ނެގެޓިވް" ވާހަކަތަކަށް ޖާގަ ދެވެން ނެތުމުން ކަމަށެވެ.
ނޫސްވެރިން ބޮއިކޮޓް ކުރަން ޔުނައިޓެޑުން ނިންމީ، އެ ކްލަބުގެ ކޯޗު އަތުން ޑްރެސިން ރޫމްގެ ރޫހު ގެއްލި ބައިބައިވެފައިވާ ކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކޮށް ޖެހި ހަބަރަކާ ގުޅިގެންނެވެ. އެ ކްލަބުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޔުނައިޓެޑުން ނޫސްވެރިންނާ ދޭތެރޭ ފިޔަވަޅު އެޅީ، އެ ނޫސްވެރިން ކްލަބުން ބޭނުންނުވާ ހަބަރުތައް ފަތުރާތީ ނޫން ކަމަށާއި، އެ ކްލަބުގެ ބަސް ނުހޯދައި ހަބަރުތައް ފަތުރާތީ ކަމަށެވެ.
ޔުނައިޓެޑުން އިތުރަށް ބުނީ އެ ކްލަބުން ނޫސްވެރިންގެ ހަމަތަކަށް މަސައްކަތް ކުރާނެ ކަމަށާއި، އަވަސް މުސްތަގުބަލެއްގައި އެ ނޫސްވެރިންނާއެކު މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމުވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
އެ ވާހަކައާ ގުޅޭގޮތުން މިއަދުގެ ޕްރެސްގައި ވާހަކަދައްކަމުން ޓެން ހާގު ބުނީ ނޫސްވެރިން ފުރަތަމަ ކްލަބުގެ ބަހެއް ހޯދުން މުހިއްމު ކަމަށާއި، އޮޅުވާލުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ޔުނައިޓެޑުގައި މިވަގުތު ތިބި ކުޅުންތެރިންގެ ތެރެއިން ދެތިން ކުޅުންތެރިން ފިޔަވައި ދެން ހުރިހާ ކުޅުންތެރިން އެކުގައި މަސައްކަތް ކުރަން، އޭނާއާއެކު ތިބި ކަމަށްވެސް ޓެން ހާގު ބުންޏެވެ.
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް