ފުޓްބޯލް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް)ގެ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުވާ މައްސަލައިގައި އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.
ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެދިގެން ބައްސާމުގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަން އިތުބާރު ހިފޭ މަސްދަރަކުން ވަނީ "ވަން" އަށް ކަށަވަރުވެފައެވެ.
ބައްސާމްގެ ފާސްޕޯޓް ހިފަހައްޓާފައިރު، އެފްއޭއެމްގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ މައްސަލައިގައި އެންމެ ބޮޑު ތުހުމަތުތަކެއް އަމާޒުވަނީ ބައްސާމަށް ކަމަށާއި ހެކި ހޯދުމަށް ފަހު ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ދައުވާ ކުރެވޭނެ ކަމަށް ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ ހުސައިން ޝަމީމް ވަނީ މިދިޔަ ހަފުތާގައި ވިދާޅުވެފައެވެ.
"ފުލުހުންނާއި އަޅުގަނޑުގެ ތުހުމަތަކީ އެފްއޭއެމްއަށް ފީފާއިން ފޮނުވާ ފައިސާ، ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް އެކި ކަންކަމަށް ބޭނުންކުރަނީއޭ. ރާއްޖޭގައި އެބަހުރި އެކި ގައުމުތަކުން ފޮނުވާ ފައިސާ ބޭނުންކުރާނެ އުސޫލުތަކެއް، ގާނޫނުތަކެއް ހަދާފަ. ފީފާއިން ފޮނުވާ ފައިސާއަކީ އެފްއޭއެމްއަށް ފޮނުވާ ފައިސާއެއް ނޫން. ދިވެހި ރައްޔިތުންނަށް ދޭ ފައިސާއެއް. އެ އަމާނާތް ވަކި ބަޔަކާ ހަވާލުކޮށްފައި މި އޮންނަނީ. އެ ފައިސާ އެންމެ ރަނގަޅަށް ބޭނުން ކޮށްފައިވޭތޯ މި ބަލަނީ. އެބަހުރި ފެންނަން އެކިއެކި ގޮތްގޮތަށް ފައިސާ ޖަމާކޮށްފައިވާ ތަން،" ޝަމީމް ވިދާޅުވެފައިވެއެވެ.
އެފްއޭއެމްއަށް ރާއްޖޭން ބޭރުން ލިބޭ ފައިސާ ނަހަމަ ގޮތުގައި އަމިއްލަ މަންފާ ހޯދަން ބޭނުންކުރާ މައްސަލައިގެ ތަހުގީގަށް، ޕީޖީގެ އަމުރަކަށް މިދިޔަ މަހުގެ ތެރޭގައި ފުލުހުން ވަނީ އެފްއޭއެމް ހައުސްއަށް ވަދެފައެވެ. ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެފްއޭއެމްއަށް ވަނީ އެ އެއޯސިއޭޝަންގެ މާލީ މުއާމަލާތްތަކާ ގުޅޭ ޖިނާއީ ތަހުގީގަކަށް ހެކި ހޯދުމަށެވެ.
އެފްއޭއެމްގެ މުވައްޒަފުންނަށް މުސާރަ ނުދޭތާ އެތައް މަހެއް ވަނީ ވެފައެވެ. އޭގެ އިތުރުން ދަރަނީގެ ބޮޑެތި މައްސަލަތަކެއްވެސް ފެންމަތިވެފައިވާ އިރު، އެފްއޭއެމްގެ ޝަކުވާ ގިނަ ބަޔަކު އަންނަނީ ކުރަމުންނެވެ. ފުލުހުން ބައެއް މީޑިއާތަކަށް ބުނީ އެފްއޭއެމްއަށް ވަދެ ހޯދި ހޯދުމުގައި އެ އިދާރާގެ ލިޔެކިޔުންތަކުން މައްސަލައަށް ބޭނުންވާ ހެކިތައް ހޯދިފައިވާ ކަމަށާއި އަދި އަންނަނީ ތަހުގީގު ކުރަމުން ކަމަށެވެ.
މަނީ ލޯންޑަރިންނާއި ހިޔާނާތުގެ ތުހުމަތު ރައްދުވާ، އެފްއޭއެމްގެ ވެރިން ވިދާޅުވެފައި ވަނީ އެ ތުހުމަތުތަކަކީ ޒާތީ ތުހުމަތުތަކެއް ކަމަށެވެ. އަދި އެ މައްސަލައިގައި ބުނެފައިވާ އެއްވެސް ކަމެއް އެފްއޭއެމްއިން ނުހިންގާ ކަމަށް ފީފާއަށް އަންގާފައިވާނެ ކަމަށާއި ފީފާ އާއި އޭއެފްސީގެ ސަމާލުކަމަށް އެކަންކަން ގެނެސްފައިވާ ކަމަށްވެސް އެފްއޭއެމްއިން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު