އިޓަލީ ލީގުގައި ރޭ އިންޓަ މިލާނުން ކުޅުނު މެޗުގައި، އެންމެފަހުގެ ޗެމްޕިއަން ނަޕޯލީ ބަލިކޮށްފިއެވެ.

ނަޕޯލީގެ ޑިއޭގޯ އަރްމާންޑޯ މަރަޑޯނާ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުން އިންޓަ މޮޅުވީ 3-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. އެ މޮޅާއެކު އިންޓައިން ތާވަލުގެ އެއްވަނައަށް ޖެހިލީ 14 މެޗުން 35 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ޔުވެންޓަސްއަށް 14 މެޗުން 33 ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި އިންޓަގެ ވާދަވެރި އޭސީ މިލާން އޮތީ 14 މެޗުން 29 ޕޮއިންޓާއެކުގައެވެ. ހަތަރުވަނައިގައި އޮތް ރޯމާއާއި ނަޕޯލީއަށް 14 މެޗުން 24 ޕޮއިންޓް ލިބިފައިވާ އިރު، ތަފާތަކީ ފައިދާ ގޯލުގެ ތަފާތެވެ.

ރޭ ރޯމާއިން ކުޅުނު މެޗުގައި ސަސުއޯލާ ކައިރިން ރަށުން ބޭރުގައި މޮޅުވި 2-1 ގެ ނަތީޖާއަކުންނެވެ.

ރޭ އިންޓައާއި ނަޕޯލީ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ދެޓީމުގެ ފަރާތުންވެސް ހަމަލާތައް އުފެއްދިތަން ފެނިގެން ދިޔަ އިރު، އިންޓަގެ ލައުޓާރޯ މާޓިނޭޒާއި ފެޑެރީކޯ ޑިމާކޯގެ ހަމަލާތައް ވީ ނާކާމިޔާބެވެ. އަނެއްކޮޅުން ނަޕޯލީގެ ޖިއޮވާނީ ޑި ލޮރެންޒޯއާއި މަޓެއޯ ޕޮލިޓާނިއޯއަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވިއެވެ.

މެޗު ހަމަހަމަކޮށް ދަނިކޮށް، 44 ވަނަ މިނެޓުގައި ހަކާން ޗަލަނޮގްލޫ ދުރުން ފޮނުވާލި ބޯޅަ ގޯލަށް ވައްދާލައިި އިންޓައަށް ލީޑު ނަގައިދިނެވެ. އެ ގޯލާއެކު ދެވަނަ ހާފަށް ލީޑުގައި ނުކުމެ، އިންޓަ ފެނުނީ ކުޅުން ރަނގަޅު ކުރިތަނެވެ.

މެޗުގެ 62 ވަނަ މިނެޓުގައި މާޓިނޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި ނިކޮލާ ބަރޭލާ އިންޓަގެ ދެވަނަ ގޯލު ޖަހައިދިން އިރު، އެޓީމަށް ތިންވަނަ ގޯލު ޖަހައިދިނީ މާކަސް ތުރާމެވެ. އެއީ ޖުއާން ކުއަޑްރާޑޯގެ ހުރަހަކުން ޖެހި ގޯލެކެވެ.