އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީއާއި ޓޮޓެންހަމް ވާދަކުރި މެޗު 3-3 އިން އެއްވަރުވި އިރު، އެ މެޗު ނިމެންދަނިކޮށް ރެފްރީ ސިމޮން ހޫޕާ ހެދި ގޯސް، ކޯޗު ޕެޕް ގާޑިއޯލާ ދިފާއުކޮށްފިއެވެ.

ސިޓީ ދަނޑުގައި ރޭ ކުޅުނު ފޯރިގަދަ މެޗު 3-3 އިން އެއްވަރުވެފައި އޮއްވައި، ސިޓީއަށް ލިބުނު ރަނުގެ ފުރުސަތެއް ރެފްރީ ހުއްޓުވިއެވެ. ސިޓީން ރެފްރީއަށް ނުރުހުންވީ އިތުރު ވަގުތުގައި ޕްލޭ އޮން އެއް ދެއްކުމަށްފަހު ކަށިގަނޑު ފުމެގެންނެވެ. މެދުތެރެއިން އާލިން ހާލަންޑް ހޯދި ބޯޅައެއްގައި އޭނާއަށް ފައުލް ކުރުމުން ރެފްރީ ޕްލޭ އޮންއަށް ދޫކޮށްލުމަށްފަހު، ހާލަންޑް ކުރިއަށް އެއްލި ބޯޅައަކަށް ޖެކް ގްރީލިޝް ހުސްކޮށް ކުރިއަށް އަރަނިކޮށް ރެފްރީ ކަށިގަނޑު ފުމެ، ސިޓީއަށް ހިލޭ ޖެހުމެއް ދިނެވެ.

އެ ހިސާބުން ސިޓީގެ ކޯޗު ގާޑިއޯލާ އާއި ހާލަންޑް އަދި އެހެން ކުޅުންތެރިންވެސް ރެފްރީއަށް ވަރަށް ބޮޑަށް ޝަކުވާ ކުރިއެވެ. އަދި މެޗު ނިމުމުންވެސް ހާލަންޑާއި ގާޑިއޯލާވެސް ފެނުނީ ރުޅިއައިސް ރެފްރީއަށް އެއްޗެހި ގޮވިތަނެވެ. މެޗަށްފަހު އެކަމަށް ސުވާލުކުރުމުން ގާޑިއޯލާ ބުނީ "އާޓެޓާ ޖަވާބު ދިން ގޮތަށް ޖަވާބު ދޭން،" ބޭނުން ނުވާ ކަމަށެވެ. ރެފްރީއަށް ގޯސް ހެދި ދާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

"ބައެއް ފަހަރު ރެފްރީންގެ ކަންތަކުގައި އަހަރެންވެސް ވިސްނުން ކައްސާލައި. އެކަމަކު މިރޭ އެހެނެއް ބުނަން ބޭނުމެއް ނޫން. އަބަދުވެސް ގޯސް ހެދޭނެކަން ގަބޫލުކުރަންވާނެ. ރެފްރީންނަކީވެސް އިންސާނުން،" ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ބުނީ އޭނާ ހައިރާންވީ، އަތުގެ އިޝާރާތުން ޕްލޭ އޮންއަށް ދޫކުރުމަށްފަހު، ގްރީލިޝްއަށް ހުސްކޮށް ބޯޅަ ލިބުނު ހިސާބުން ރެފްރީ ކަށިގަނޑު ފުމުމުން ކަމަށެވެ.

ރޭގެ މެޗުގައި ރެފްރީ ނިންމި ނިންމުމަށް ހާލަންޑް ވަރަށް ބޮޑަށް ނުރުހުންވިތަން ފެނިގެން ގޮސްފައިވާ އިރު، "އެކްސް" ގައި އޭނާ ވަނީ ނުރުހުމުގެ ބަސްތައް ރެފްރީއަށް އަމާޒުކޮށްފައެވެ.