ވަރަށްގިނަ އަންހެނުން އަހަންމިއްޔަތުކަންދޭ އެއްކަމަކީ ހަމުގެ ރީތިކަން ހިފެހެއްޓޭތޯ ބެލުމެވެ. މަދު ނޫން އަދަދެއްގެ ފިރިހެނުން ވެސް މެއެވެ. ރީތި، އޮމާން ހަންގަނޑެއްގެ ވެރިޔަކަށް ވުމަކީ އުފަލެކެވެ. އޭގެ ސަބަބުން މީހާ، އަމިއްލަ ނަފްސުގެ އިތުބާރު ބޮޑުވެ އަރާމާއި ހިތްހަމަޖެހުން އިތުރުކޮށްދެއެވެ. މި ގޮތަށް ހަންގަނޑު ރީތިކޮށް ބެހެއްޓުމަށްޓަކައި އަޅައިލަން ޖެހޭ ކަންތައްތަކަކާއި އަޑުއަހަން ޖެހޭ ނަސޭހަތްތަކެއްވެސް ހުރެއެވެ.
ގައިގެ ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް އެހީތެރިވާ ގިނަ ކަންތައްތަކެއް ހުރެއެވެ. އެގޮތުން ތިމާގެ ބާރުގެ ދަށުގައިވާ ކަންތައްތަކަކާއި ތިމާއަށް ބާރު ނުފޯރުވޭ ކަންތައްތަކެއް ހުރެއެވެ. ތިރީގައި މި ލިޔެލަނީ ހަންގަނޑަށް އޭގެ ސަބަބުން އަސަރުކޮށްފާނެ ކަންތައްތަކެއްގެ ވާހަކައެވެ.
- • ހަންގަނޑާމެދު އަޅައިލުން ނުބެހެއްޓުމާއި ތާއަބަދު ހަންގަނޑުގެ ސާފުތާހިރުކަމާމެދު ފަރުވާކުޑަވުމާއި އެމީހެއްގެ ހަމާ ނުގުޅޭ އުފެއްދުންތައް ބޭނުންކުރުމުން ލިބޭ ގެއްލުންތައް ބޮޑެވެ.
- • ގަދަ އަވީގެ ސަބަބުންނާއި އިރުގެ ދޯދިތަކުން ބައެއް މީހުންގެ ހަމަށް ވަރަށް ބޮޑަށް ގެއްލުން ލިބެއެވެ.
- • މޫސުމީގޮތުން އަންނަ ބަދަލުތަކުގެ ސަބަބުން ވެސް ހަންގަނޑަށް ތަފާތު އަސަރުކުރެއެވެ. މީގެ ތެރޭގައި ވާރޭވެހުމަށްފަހު ކުއްލިއަކަށް ޖައްވުގެ ހޫނުގަދަވުމާއި ގަދައަށް ދުމުގެ އަސަރު ހުންނަ ތަންތަނަށް ހުށަހެޅުމާއި މާބޮޑަށް ހަންގަނޑު ހިކިގެންދާ ގޮތް މެދުވެރިވުން ހިމެނެއެވެ.
- • ނަފްސާނީގޮތުން މީހާ ސްޓްރެސްއަށް ދާގޮތް ދިމާވުމަކީ ލޮލުގެ ވަށައިގެންނާއި އަނގައިގެ ކައިރިން ހަންގަނޑު ކުރަކިވެ ރޫ އެރުމަށް މެދުވެރިވާ ސަބަބެކެވެ.
- • ފުރާވަރުގެ ސަބަބުން ހޯމޯންތަކަށް އަންނަ ބަދަލުތަކާއި، މާބަނޑު ވުމުންނާއި ޕީރިއަޑްގެ ސަބަބުންނާއި، ޙައިޟު ނުވާ އުމުރަށް ދިއުމުގެ ސަބަބުން ވެސް ހަންގަނޑަށް ނޭދެވޭ ބަދަލުތައް އާދެއެވެ.
- • ދުންފަތުގެ އިސްތިއުމާލުކުރުމަކީ ހަންގަނޑު މުސްކުޅިވުމަށް ބާރުއަޅާ ސަބަބެކެވެ. އޭގެ ސަބަބުން މޫނަށް އަވަހަށް ރޫއެރުމާއި ހަންގަނޑު ކުރެކިވާ ސަބަބަކަށްވެއެވެ. ވީމާ، ދުންފަތް ބޭނުންކުރުމާ ދުރުހެލިވާށެވެ.
- • ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ނުބޮވޭނަމަ ހަންގަނޑު ހިކުމަށާއި ހަންގަނޑުގެ ރީތިކަމަށް އަސަރުކުރާނެއެވެ.
- • ކުޅިވަރު ކުޅުމާއި އެކަށީގެންވާ ކަސްރަތު ނުކުރުމަކީ ހަންގަނޑަށް ގެއްލުން ލިބޭ ސަބަބެކެވެ.
- • ފައިދާހުރި ކާނާއާއި ދުރުހެލިވުމާއި، ހަކުރާއި ސަރުބީގެ ކާނާ ގިނައިން ބޭނުންކުރެވޭނަމަ ހަމުގެ ރީތިކަން ގެއްލި އޭގެ ނޭދެވޭ އަސަރުކުރާނެއެވެ.
- • ހޫނާއި އިރުން އަންނަ، ހަމަށް ގެއްލުން ދެނިވި ދޯދިތަކުން ހަށިގަނޑު ރައްކާތެރިކުރުން މުހިންމެވެ. އެގޮތުން:
- • ދުވާލުގެ އެންމެ އަވިގަދަ ވަގުތުތަކުގައި ސީދާ ހަންގަނޑަށް އިރުގެ ހޫނު ގަދަ ދޯދި އެޅޭގޮތަށް އަވީގައި އުޅުން މަދުކުރުން މުހިންމެވެ.
- • އިރުގެ ދޯދިން ގައިގެ ހަންގަނޑު ސަލާމަތްކުރުމަށްޓަކައި އަތް ނިވާވާވަރުގެ ހެދުން ލުމާއި ބޮލާއި ކަނދުރާ ނިވާވާގޮތަށް ހުންނަ ތޮފި ބޭނުންކުރުން ރައްކާތެރިއެވެ.
- • އިރުގެ ދޯދިތަކަށް ހުށަހެޅޭ ތަންތަނަށް ނުކުންނައިރު ސަންސްކްރީން ބޭނުންކުރުމުން، ހަންގަނޑު ހިމާޔަތްކޮށްދެއެވެ. ގިނަ މީހުންނަށް ހީވެފައި އޮންނަގޮތުން ސަންސްކްރީން ބޭނުންކުރާނީ މޫދަށް އެރޭއިރު ނުވަތަ ގޮޑުދޮށުގައި މަޑުކުރަން ދާނަމައެވެ. ނަމަވެސް އެއީ އެހެން އޮތްކަމެއް ނޫނެވެ.
- • ދުންފަތުގެ އިސްތިއުމާލުކުރުމަކީ މީހާގެ އަސްލު އުމުރަށްވުރެ މުސްކުޅިކަމަށް ދައްކައިދޭކަމެކެވެ. އެހެންވުމުން ދުންފަތާ ދުރުވުމަކީ އާއްމު ސިއްހަތަށް ބޭނުންވާ ކަމަކަށްވާއިރު ހަމުގެ ސިއްހަތައްވެސް ނުހަނު ބޭނުންތެރިކަމެކެވެ.
- • ނަފްސާނީގޮތުން މީހާ ހާސްކަމާއި ސްޓްރެސްއަށް ގެންގޮސްދޭ ކަންކަމުން ދުރުވުމަށް މަސައްކަތްކުރާށެވެ! އޭގެ ސަބަބުން މޫނުގައި ބިހި ނެގުމާއި އިތުރު ގެއްލުންތަކަށް މަގުފަހިކުރެއެވެ.
- • ސައިބޯނި ލައިގެން ގިނަވަގުތު ފެންވެރުމުން ހަންގަނޑަށް ގެއްލުން ލިބެއެވެ. އޭރުން ހަމުގައި ހުންނަ ތެޔޮކަން ގެއްލި ހަން ކުރަކިވެ ހިކޭގޮތް މެދުވެރިވެއެވެ.
- • ފެންވަރާއިރު ހޫނުގަދަ ފެނުން ގިނައިން ފެންވެރުމުގެ ބަދަލުގައި ތާފަނާކަން ހުންނަވަރުގެ ފެނުން ފެންވެރުމުގެ ފައިދާ ބޮޑެވެ. އެއީ ކުރިންވެސް ބުނެވުނު ފަދައިން ހަމަށް ފައިދާހުރި ތެޔޮކަން ހަމުން އެއްކޮށް ފިލައިގެން ގޮސް ހަން ކުރަކިވިޔަ ނުދިނުމަށްޓަކައެވެ.
- • ސައިބޯނިކަން ގަދަ ސައިބޯނި ބޭނުންކުރުމުން ދުރުހެލިވުމާއި މައިލްޑް ސައިބޯނި ބޭނުންކުރުމަށް އާދަކުރާށެވެ. އެހެނީ ސައިބޯންޏަކީ ސާފުތާހިރު ކޮށްދޭ އެއްޗެއް ކަމުގައި ވިޔަސް އެއީ އޭގެ ސަބަބުން ހަންގަނޑަށް ގެއްލުން ވެސް ލިބިދާނެ އެއްޗެކެވެ.
- • ހަންގަނޑުގެ އެކިތަންތަނުން އިސްތަށި ބާލާއިރު ޖެލް ނުވަތަ ކްރީމްފަދަ އެއްޗެއް ބޭނުންކުރުމާއި، އިސްތަށި ފަޅާފައި ހުންނަ ގޮތާއި އިދިކޮޅަށް ރޭޒަރުފަދަ ތަކެތި ބޭނުން ނުކުރުމާއި އެމީހެއްގެ ހަމާ ނުގުޅޭ ހެއާ ރިމޫވާ ފަދަ ތަކެތި ބޭނުންނުކުރުން ބުއްދިވެރިއެވެ.
- • ފެންވެރުމަށްފަހު ހަންގަނޑު ހިކިކޮށް ހުންނަ ނަމަ އެމީހަކާ މުނާސަބު ކްރީމެއް ފަދަ އެއްޗެއް ބޭނުންކޮށްގެން ހަމުގެ ތެތްކަން ހިފެހެއްޓުމަށް ފަރުވާ ބަހައްޓާށެވެ.
- • ހަށިގަނޑަށް ބޭނުންވާ ހަމަ ނިދި ނިދުމާއި ނިދިން މަހުރޫމްވާފަދަ ސަބަބުތަކާ ދުރުހެލިވުމަކީ ވެސް ރީތި ހަންގަނޑެއް ހުރުމަށް ލޯބިކުރާ މީހާ ކުރަންޖެހޭ ކަމެކެވެ.
- • ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުމާއި އޭގެ ތެރޭގައި މޭވާއާއި ތަރުކާރީއާއި ގޮވާމުގެ ވައްތަރުތަކާއި ހަށިގަނޑަށް ބޭނުންވާ ޕްރޮޓީން އެކުލެވޭ ކާނާ ހިމެނުމަށް ފަރުވާތެރިވުން މުހިންމެވެ. ގިނަ އަދަދެއްގެ ހަކުރާއި ސަރުބި އެކުލެވޭ ކާނާއާ ދުރުހެލިވުމަކީ ރީތި ހަންގަނޑެއް ހުރި ހަށިގަނޑެއްގެ ވެރިޔަކަށް ވުމަށް އޮތް ފަރުވާއެކެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް