އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޓޮޓެންހަމް އާއި މެންޗެސްޓާ ސިޓީން ކުޅުނު މެޗު 3-3 އިން އެއްވަރުވެގެން ނިމިއްޖެއެވެ.
ސިޓީ ދަނޑުގައި މިރޭ ކުޅުނު މެޗު ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، ސިޓީން ލީގުގައި އެންމެފަހުން ކުޅުނު ތިން މެޗުންވެސް އެޓީމު ވަނީ އެއްވަރުވެފައެވެ. އަދި ޓޮޓެންހަމް އެންމެފަހުން ކުޅުނު ހަތަރު މެޗުން އެޓީމަށް ލިބުނީ އެންމެ ޕޮއިންޓެކެވެ. އެއީ މިރޭ ލިބުނު ޕޮއިންޓެވެ.
ސިޓީން މިވަގުތު ތާވަލުގެ ތިންވަނައަށް ސޮއްސާލައިފައި އޮތް އިރު، އެޓީމަށް 14 މެޗުން ލިބިފައި ވަނީ 30 ޕޮއިންޓެވެ. ލިވަޕޫލް ދެވަނައިގައި އޮތީ 14 މެޗުން 31 ޕޮއިންޓާއެކުގައެވެ. އާސެނަލް މިވަގުތު ތާވަލުގެ އެއްވަނަ ދަމަހައްޓަމުން ދަނީ 14 މެޗުން 33 ޕޮއިންޓާއެކުގައެވެ.
މެޗު ފެށިގެން ސިޓީން ކުރިއަށް ޖެހި ކުޅެމުން ދަނިކޮށް، ހަވަނަ މިނެޓުގައި ޓޮޓެންހަމްއިން ފުރިހަމަ ކުރި އަވަސް ކައުންޓާ އެޓޭކަކުން އެޓީމުން ލީޑު ނެގިއެވެ. އެ ގޯލު ޖެހީ ކެޕްޓަން ސޮން ހިއުން-މިންއެވެ. ސޮންގެ އެ ގޯލަށް މާ ގިނައިރެއް ނުވަނީސް، ނުވަ ވަނަ މިނެޓުގައި ސިޓީން ނަތީޖާ ހަމަހަމަ ކުރިއެވެ. އެ ގޯލަކީ ހިލޭ ޖެހުމަކުން ހުރަސްވި ގޯލަކުން ސޮން ފައިގައި ޖެހި ބައިކޮޅަށް ވަން ގޯލެކެވެ.
އޭގެ ފަހުން ސިޓީން މެޗު ކޮންޓްރޯލްކޮށް މޮޅަށް ކުޅެން ފެށި އިރު، ޖެރެމީ ޑޮކޫ އާއި އާލިން ހާލަންޑަށް ލިބުނު ހުސް ފުރުސަތުތައް ބޭކާރުވިއެވެ. ސިޓީން ފުރަތަމަ ފަހަރަށް މެޗުގެ ލީޑު ނެގީ 31 ވަނަ މިނެޓުގައެވެ. އެ ގޯލު ޖެހީ ފިލް ފޮޑެންއެވެ.
އެ ނަތީޖާއާއެކު ހާފު ނިމިގެން ގޮސްފައިވާ އިރު، ދެވަނަ ހާފަށް ޓޮޓެންހަމް ކުޅުން ރަނގަޅު ކުރިއެވެ. އެގޮތުން 69 ވަނަ މިނެޓުގައި ޖިއޮވާނީ ލޮ ސެލްސޯ ދުރުން ޖެހި ހިތްގައިމު ގޯލާއެކު ޓޮޓެންހަމްއިން ނަތީޖާ ހަމަހަމަ ކުރިއެވެ.
ދާދި ހަމަހަމަކޮށް ދެވަނަ ހާފު ފެނިގެން ދިޔަ އިރު، އެ ގޯލާއެކު މެޗު އެއްވަރުވާން ދަނިކޮށް، 81 ވަނަ މިނެޓުގައި ޖެކް ގްރީލިޝް އަނެއްކާވެސް ސިޓީއަށް ލީޑު ނަގައިދިނެވެ. އެ ގޯލާއެކު ސިޓީން މޮޅެއް ޔަގީންކުރި ކަމަށް ފެނުނު ނަމަވެސް، ޓޮޓެންހަމް ދުލެއް ނުދިނެވެ. 90 ވަނަ މިނެޓުގައި ޑެޖާން ކްލުސޭވްސްކީ ޓޮޓެންހަމްއަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ.
މެޗު ފޯރިގަދަކޮށް ފަހު މިނެޓް ކޮޅަށް ދިޔަ އިރު، ސިޓީން ރެފްރީއަށް ނުރުހުންވީ އިތުރު ވަގުތުގައި ޕްލޭ އޮން އެއް ދެއްކުމަށްފަހު ކަށިގަނޑު ފުމެގެންނެވެ. މެދުތެރެއިން ހާލަންޑް ހޯދި ބޯޅައެއްގައި އޭނާއަށް ފައުލް ކުރުމުން ރެފްރީ ޕްލޭ އޮންއަށް ދޫކޮށްލުމަށްފަހު، ހާލަންޑް ކުރިއަށް އެއްލި ބޯޅައަކަށް ގްރީލިޝް ހުސްކޮށް ކުރިއަށް އަރަނިކޮށް ރެފްރީ ކަށިގަނޑު ފުމެ، ސިޓީއަށް ހިލޭ ޖެހުމެއް ދިނެވެ.
އެހިސާބުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އާއި ހާލަންޑް އަދި އެހެން ކުޅުންތެރިންވެސް ރެފްރީއަށް ވަރަށް ބޮޑަށް ޝަކުވާ ކުރިއެވެ. އަދި މެޗު ނިމުމުންވެސް ހާލަންޑާއި ގާޑިއޯލާވެސް ފެނުނީ ރުޅިއައިސް ރެފްރީއަށް އެއްޗެހި ގޮވިތަނެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު