ކުރީގެ ރައީސް އަބްދުﷲ ޔާމީން، ޕީޕީއެމް ދޫކުރައްވައި، ޕީޕަލް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރެއްވުމަކީ މާބޮޑު ޗެލެންޖެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޔާމީން އިސްވެ ހުންނަވައި އެ މަނިކުފާނު އުފެއްދެވި ޕާޓީ ދޫކުރައްވައި، އާ ޕާޓީއެއް އުފައްދަން މަސައްކަތް ކުރައްވާކަން އެ މަނިކުފާނުގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ހާމަކުރެއްވީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. އެއާއެކު ޕީޕީއެމް ލީޑާޝިޕުގެ ބޭފުޅުން ވަނީ ރައީސް މުއިއްޒާއެކު ކުރިއަށް ވަޑައިގަތުމަށް ނިންމަވައިފައެވެ. އަދި ރައީސް ޔާމީންގެ އާ ޕާޓީ، ޕީއެންއެފް އުފައްދުމުގެ ހުއްދަ ލިބުމާއެކު މަސައްކަތްތައް މިހާރު އަންނަނީ ކުރަމުންނެވެ.
ތުރުކީއަށް ކުރެއްވި ދަތުރުފުޅަށްފަހު، ކޮޕް28 ވަނަ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ޔޫއޭއީގެ ދުބައީއަށް ކުރެއްވި ދަތުރު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެން ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުމުގައި ނޫސްވެރިޔަކު ވަނީ ރައީސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެންނެވުމަކީ ކިހާވަރެއްގެ ޗެލެންޖަކަށްވާނެތޯ އަދި މަޖިލިސް އިންތިހާބު ކާމިޔާބު ކުރުމަށް ކިހާ ބޮޑު ހުރަހަކަށްވާނެތޯ ސުވާލު ކޮށްފައެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ގައުމު ކުރިއެރުވުމުގައި ހުރިހާ ބޭފުޅުންގެ އެއްބާލުމާއެކީގައި ގައުމު އިސްކޮށްގެން ކުރިއަށްދާން ބޭނުންކަމުގައިވާ ނަމަ، ރައީސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެންނެވުމަކީ ވަރަށް ރަނގަޅު ނިންމެވުމެއް ކަމަށެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ގައުމު ކުރިއެރުވުމުގައި ހުރިހާ ބޭފުޅުންގެ އެއްބާލުމާއެކީގައި ގައުމު އިސްކޮށްގެން ކުރިއަށްދާން ބޭނުންކަމުގައިވާ ނަމަ، ވަރަށް ރަނގަޅު ގޮތެއް އެއީ" ރައީސް މުއިއްޒު ވިދާޅުވިއެވެ.
"އަދި ޗެލެންޖްތައް ކުރިމަތިވަންޏާ، އެ ޗެލެންޖުތަކާއެކީގައި ގައުމީ ވިސްނުމުގައި ކުރިއަށް ދެވޭނެ. އަޅުގަނޑަކަށް ނުފެނޭ އަޅުގަނޑުމެންގެ ތެރޭގައި މާ ބޮޑު ކަންތައްތަކެއް އުފެދިގެންދާނެ ކަމަކަށް"
ރައީސް މުއިއްޒު ވިދާޅުވީ ސިޔާސީ ހުރިހާ މީހުން ވެސް ބޭނުންވަނީ ގައުމަށް ރަނގަޅު ގޮތް ވުމަށް ކަމަށެވެ. އެ މަނިކުފާނު ހުންނެވީ ގައުމީ ވިސްނުމުގައި ހުރިހާ ބޭފުޅުންނާ ގުޅިގެން ކުރިއަށް ވަޑައިގެންނެވުމަށް ތައްޔާރަށް ކަމަށް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާ ކުރެއްވުމަށްފަހު، ދިވެހި ގައުމާ މުހާތަބު ކުރައްވައި އެންމެ ފުރަތަމަ ދެއްވި ހިތޯބުގައި ވެސް "އެކުވެރިވާށޭ، ބައިބައި ނުވާށޭ، ގައުމު އިސްކުރުމުގައި" ދެމިހުންނާނެކަން ފާހަގަކުރައްވާފައިވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު