ރާއްޖެ އާއި އިންޑިއާގެ ދެމެދުގައިވާ ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަސައްކަތް ކުރުމަށް މަތީ ފަންތީގެ ކޮމިޓީއެއް އެކުލަވާލުމަށް އީސް ޑރ. މުހައްމަދު މުއިއްޒު އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މަޝްވަރާ ކުރައްވައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، މަޝްވަރާ ކުރައްވާފައިވަނީ ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ ދުބައީގައި މިހާރު ކުރިއަށްދާ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖުގެ 28 ވަނަ ސަމިޓުގެ ތެރެއިންނެވެ.

ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުމުގައި ރައީސް އާއި އިންޑިއާގެ ބޮޑުވަޒީރު ވަނީ، ދެ ގައުމު ދޭދޭ ގުޅުންތައް ވަރުގަދަކުރެއްވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައި ކަމަށެވެ. އެގޮތުން އިގުތިސޯދީ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ދެގައުމުގެ ރައްޔިތުންގެ މެދުގައި ގުޅުންބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވާ ކަމަށް ބުންޏެވެ.

މީގެ އިތުރުން ރާއްޖެ އާއި އިންޑިއާއާ ދެމެދު މަތީ ފަންތީގެ ކޮމިޓީއެއް އެކުލަވާލުމާއި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ރައީސް އާއި އިންޑިއާގެ ބޮޑުވަޒީރު މަޝްވަރާކުރެއްވިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ޕީޕީއެމުން ކުރިއަށް ގެންދިޔަ "އިންޑިއާ އައުޓް" ކެމްޕޭނުގެ ސަބަބުން، މި ސަރުކާރުން އިންޑިއާއެކު ގާތްގުޅުމެއް ނުބައްވާނެ ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ. ނަމަވެސް ރައީސް މުއިއްޒު ގެންދަވަނީ އިންޑިއާއެކު އޮންނަ ގާތް ގުޅުމަށް އިހުތިރާމްކުރައްވާ، މަޝްވަރާތަކުގެ އަލީގައި އިންޑިއާ ސިފައިން ބޭލުމުގެ ކަންކަން ކުރައްވާނެ ކަމަށް ވިދާޅުވެފައިއެވެ.

ސަރުކާރުން ވަނީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަދަދު ވެސް ހާމަކޮށްފައެވެ. އެގޮތުން ސަރުކާރުން ބުނެފައިވަނީ ރާއްޖޭގައި އިންޑިއާގެ 77 ސިފައިން އެބަތިބި ކަމަށެވެ.