ހިނގުމުގެ ފައިދާގެ ވާހަކަ އަބަދުވެސް ދެކެވެއެވެ. އެއީ ސިއްހަތަށް ރަނގަޅުކަމެއްގެ ގޮތުގައެވެ. ނަމަވެސް އާދަކޮށް ހިނގުމަކީ ކިހާ ފައިދާ ބޮޑު ކަމެއްކަން އެނގެނީ ވަރަށް މަދު މީހަކަށެވެ. ތިރީގައި މި ލިޔެލަނީ ކޮންމެ ދުވަހަކު ތިރީސް މިނިޓް ހިނގުމުގެ ސިއްހީ 30 (ތިރީސް) ފައިދާއަކާ ގުޅޭގޮތުން ދާދިފަހުން މެޑިކަލް ނިއުސްގައި ޝާއިއުކޮށްފައިވާ ލިޔުމެއްގައި ހިމަނާފައިވާ މައުލޫމާތެވެ. މި ތިރީސް ފައިދާއާ ގުޅޭގޮތުން ލިޔާނީ ކޮންމެ ފަހަރަކު ފައިދާއަކާ ގުޅޭގޮތުން ވަކިވަކީންނެވެ. އޭރުން ހިނދުކޮޅެއްގެ ތެރޭގައި ކިޔައިލެވޭނެއެވެ.

ކޮންމެ ދުވަހަކު އާދަވެގެން 30 މިނިޓް އިރު ހިނގާލުމަކީ ސިއްހީ ރަނގަޅު އާދައެކެވެ. އެއީ އިންސާނުންގެ ޖިސްމާނީ، ނަފްސާނީ، އެމޯޝަނަލް ސިއްހަތަށް ނުހަނު ފައިދާހުރި ކަމެކެވެ. އިންސާނުންގެ ހަށިގަނޑު އުފެދިފައިވަނީ ހިނގުމަށް ބޭނުންތެރިވާ ގޮތަށެވެ. ނަމަވެސް ހިތާމައަކީ ގިނަ މީހުން މިކަން ކުރަނީ ވަރަށް މަދުންކަމެވެ. މިހާރު ދިރިއުޅުމުގެ އާދަތައް ހުންނަގޮތުން ގިނަ ވަގުތު ހޭދަކުރެވެނީ އިށީނދެ އިނދެއެވެ. ހިނގާލެވެނީ މަދު ހިނދުކޮޅެއްގައެވެ.

ނަމަވެސް މިއީ ހިތްވަރު އެލުވައިލައި ދޫކޮށްލަންވީ ކަމެއް ނޫނެވެ. ތިރީސް މިނެޓުގެ ހިނގާލުމަށް ވަގުތު ހޯދުމަކީ ގިނައިރު އިށީނދެ އިނުމުން ލިބޭ ގެއްލުންތައް ފޫބައްދާލަން ވެސް ލިބޭ ފުރުސަތެކެވެ.

ހިނގާލުން ކޮންމެ ދުވަހެއްގެ އާދައަކަށް ހެދުމުގެ އެންމެ މޮޅުކަމަކީ އެއީ އެކަމަށް އެއްވެސް ހޭދައެއް ކުރަންޖެހޭ ކަމަކަށް ނުވާތީއެވެ. އަގުބޮޑު ޖިމަކަށް ދާކަށް ނުޖެހެއެވެ. ކަސްރަތެއްގެ ގޮތުގައި ހިނގާލަން ބޭރަށް ނުކުމެލުމަކީ ނަފްސާނީގޮތުންވެސް ފައިދާތަކެއް ކުރާކަމެކެވެ.

ހިނގާލުމުގެ އަނެއް ފައިދާއަކީ އެކަން އާއިލާގެ މެންބަރުންނާއެކު ނުވަތަ ރައްޓެއްސަކާއެކު ކޮށްލެވޭނެ ކަމަކަށްވުމެވެ. ނޫނީ ގްރޫޕް ހަދާލައިގެންވެސް އެކަން ކުރެވިދާނެއެވެ. ހަމަ އެގޮތަށް ހިނގާލުމުގެ ތެރޭގައި އެކަކު އަނެކަކާ ވާހަކަދައްކާލައި ހިޔާލު ބަދަލުކޮށްލެވޭނެއެވެ. މިހާރަކަށް އައިސް ކުރިމަތީ ހުރެ މީހަކާ އަނގައިން ބުނެލުމަކީ ވެސް މަދުން ނޫނީ ލިބޭ ފުރުސަތަކަށް ނުވެއެވެ.

ހިނގާލުމަކީ ވަގުތު ނަގާލުން ކަމުގައި ހީކުރެވޭނަމަ އެއީ، ދެވަނަ ފަހަރަށްވެސް ވިސްނާލަން ޖެހޭ ކަމެކެވެ. ތިރީގައި ދެން މި ލިޔެލަނީ ހިނގުމުގެ ސަބަބުން ހަށިގަނޑަށް ލިބޭނެ ތިރީސް ފައިދާއެއްގެ ވާހަކައެވެ.

ހަލުއި ފިޔަވަޅުތަކެއްގައި ހިނގުމަކީ ހިތުގެ މަސަލްތަކަށް ކަސްރަތު ދިނުމަށް އޮތް ވަރަށް ރަނގަޅު ގޮތެކެވެ. ހިނގުމަކީ ހަގީގަތުގައިވެސް ހިތަށް ދެވޭ ކަސްރަތެކެވެ. އޭގެ ސަބަބުން ހިތުގެ ހިނގުން އަވަސްވެއެވެ. މިއީ މިނެޓަކު ހިތުގެ ވިންދުޖަހާ މިންވަރު އިތުރުކޮށްދޭ ކަމެކެވެ. އާއްމު ހާލަތުގައި ހިތުގެ ވިންދުޖަހާ މިންވަރާއި ކަސްރަތުކުރާއިރު ހިތުގެ ވިންދު ޖަހާ މިންވަރު ތަފާތުވާނެއެވެ. ހިތުގެ މަސަލްތަކަށް ވެސް ހަށިގަނޑުގެ އެހެން މަސަލްތަކެކޭ އެއްފަދައިން ކަސްރަތު ބޭނުންވާނެއެވެ.

ހިތަށް ކަސްރަތު ދޭން އެންމެ ރަނގަޅު ގޮތަކީ ހިތުގެ ވިންދު އަވަސްވާނެ ކަމެއް ކުރުމެވެ. ހިތަށް ކަސްރަތު ލިބޭ ކަންކަމުން ހިތުގެ މަސަލްތައް ވަރުގަދަކޮށްދޭނެއެވެ. ހިތަށް ބޮޑަށް ބާރުކުރާ ޒާތުގެ ކަސްރަތު ކުރުމުގެ ކުރިން ހިތުގެ އާއްމު ކަސްރަތުތައް ކުރުމަކީވެސް ބޭނުންތެރިކަމެކެވެ. ހިތުގެ ހާލަތު ރަނގަޅުވުމަކީ ހިތުން އަދާކުރާ ވަޒީފާ، ހަށިގަނޑަށް ބޭނުންވާ ލޭ ފޮނުވައިދިނުމާއި އޮކްސިޖަން ފޯރުކޮށް ދިނުމަށް ނުހަނު ބޭނުންތެރިކަމެކެވެ.