ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނެޝަނަލަ ކޮންގްރެސް (ޕީއެންސީ)ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ޝިފާގު މުފީދު (ހިސްޓޯ) އެ މަގާމުންނާއި ޕާޓީން ވަކިވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ އުފައްދަވާ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް)އާ ގުޅިވަޑައިގެންފިއެވެ.

ޕީއެންސީން ވަކިވެވަޑައިގަންނަވާ ސަބަބު ހާމަކޮށް އެ ޕާޓީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ހިސްޓޯ ސޮއިކުރައްވާ ފޮނުއްވި ސިޓީގައި ވިދާޅުވީ އޭނާ ޕާޓީން ވަކިވެވަޑައިގަތީ ޕީއެންސީގެ ތެރޭގައި ކަންކަން ހިނގަމުންދާ އުސޫލާ މެދު ހިތްހަމަނުޖެހި، ދިވެހީންގެ ރާއްޖެ ދިވެހިން އެދޭ މަގަށް ގެންދެވޭނެ ކަމަށް ގަބޫލު ނުކުރެވޭތީ ކަމަށެވެ.

“މަނިކުފާނާއި އަޅުގަނޑު ނިސްބަތްވާ ޕާޓީ ހިނގާ މަގަކީ "ހައްދުންމަތިން" އަންނަ މީހަކު ޕާޓީ އޮފީސް ތެރެއަށް އަޑަފި ހިއްޕަވައިގެން ނުކުންނަވައި، ޕްރޮގްރެސިވް ކޮންގްރެސްގެ އެންމެ މެންބަރުންގެ މޫނަށް “ހައްޕުނޑު” ބުރުވުމުގެ ނޭއްގާނީ އުސޫލު ކަމަށްވެ، މިފަދަ ހާލަތެއްގައި މޫނުމަތީ މާލީސްކޮށްގެންވެސް އެ މެންބަރުންގެ މާޔޫސްކަން ފިލުވައި ދިވެހީންގެ ރާއްޖެ ދިވެހީން އެދޭ މަގަށް ގެންދެވޭނެ ކަމަށް ގަބޫލު ނުކުރެވޭތީ،” ހިސްޓޯގެ ސިޓީގައިވެއެވެ.

"ހައްދުންމަތިން" އަންނަ މީހެއް ކަމަށް ހިސްޓޯ އެ އިޝާރާތް ކުރެއްވީ ޕީއެންސީގެ ޗެއާޕާސަން އަދި ރައީސް މުއިއްޒުގެ ސީނިއަ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި އަބްދުއްރަހީމް އަބްދުﷲއަށް ނިސްބަތްކުރައްވައެވެ.

ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި ހިސްޓޯ ޕީއެންސީން ވަކިވެވަޑައިގެންނެވުމަށްފަހު ޕީއެންއެފްއާ ގުޅިވަޑައިގެންފައިވާ ކަން އެ ޕާޓީން ވަނީ "ވަން" އަށް ކަށަވަރުކޮށްދީފައެވެ.