މާފަންނު ފެއަރީ ކޯނަރު، އަލީ ޝިފާން މަރާލިކަން ސާބިތުވެގެން، މާލޭ މުނިސިޕަލްޓީގެ ހާއްސަ ދަފްތަރު 2193 މުހައްމަދު ޝައިފަންގެ، މައްޗަށް ހައިކޯޓުން އިއްވި މަރުގެ ހުކުމަަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފިއެވެ.
އަލީ ޝިފާން މަރުވީ ވެސްޓްޕާކް ރެސްޓޯރަންޓު ކުރިމަތީގައި ހުއްޓައި ހަތަރު ސައިކަލެއްގައި ދިޔަ ބަޔަކު ތޫނު އެއްޗަކުން ހަމަލާދީ ހިންގި މާރާމާރިއކާ ގުޅިގެންނެވެ. އެއީ 2012 ވަނަ އަހަރުގެ އޭޕްރީލް މަހުގެ އެއްވަނަ ދުވަހު ހަވީރު 4:40 ހާއިރު އެވެ.
މި މައްސަލައިގައި ދައުލަތުން ހަ މީހެއްގެ މައްޗަށް ދައުވާ ކުރިއެވެ. އޭގެ ތެރޭގައި ހިމެނެނީ، މ. ދިންމަނަ އަބްދުﷲ ތިލްމީޒު އާއި މާލޭ މުނިސިޕަލްޓީގެ ހާއްސަ ދަފްތަރު 2193 މުހައްމަދު ޝައިފަން އާއި މ. ސިލްވަނެސްޓް މުހައްމަދު މިޝާން އަބްދުލް ހާދީގެ އިތުރުން، ޅ. ކުރެންދޫ މާފަހި މުހައްމަދު އާސިފް އާއި ބ. ތުޅާދޫ ކާނިމާގޭ ރައްޒާން އަބްދުއްރަހްމާންގެ އިތުރުން މ. ނަލަހިޔާ މަންޒިން އަލީ ނަބީހުއެވެ.
ކްރިމިނަލް ކޯޓުން އެމީހުންގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ހުކުމް ކުރުމުން، ލިބިފައިވާ ހެއްކާއި ގަރީނާތަކަށް ބެލުމަށްފަހު، އޭގެ ތެެރެއިން ތިން މީހެއްގެ މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
އެ ތިން މީހުންނަކީ، މ. ދިންމަނަ އަބްދުﷲ ތިލްމީޒު އާއި މާލޭ މުނިސިޕަލްޓީގެ ޚާއްސަ ދަފްތަރު 2193 މުހައްމަދު ޝައިފަން ގެ އިތުރުން މ. ސިލްވަނެސްޓް މުހައްމަދު މިޝާން އަބްދުލް ހާދީއެވެ. ނަމަވެސް ޝިފާން މަރާލުމުގެ ކުށް ސާބިތުވާ ކަމަށް 10 މެއި 2016 ގައި ހައިކޯޓުން ހުކުމް ކޮށްފައި ވަނީ ހަމައެކަނި ޝައިފަންގެ މައްޗަށެވެ.
އެހެންކަމުން ޝައިފާންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްލައިގައި ބުނެފައި ވަނީ، ދައުވާއަށް އިންކާރު ކުރާއިރު ކާފީހެކި ނެތް ހާލަތުގައި އެ މީހެއްގެ މައްޗަށް ދައުވާ ސާބިތު ކުރާނެ އެއްވެސް އިހުތިމާލެއް ނޯންނާނެ ކަމަށެވެ.
ޖިނާއީ މައްސަލަތަކުގައި ހެތްކަކީ ޝައްކާއި ވަހުމުން ދުރުވެެގެންވާ، އަދި އެއްވެސް ތަގައްޔަރުވުމެއްނެތި ސާފު ސީދާކޮށް ޝަރީއަތަަށް ލިބެންޖެހޭ ހަގީގީ ވަސީލަތެއް ކަމަށާއި، ގަތުލުގެ މައްސަލަތައް ސާބިތު ކުރުމަށް އިސްލާމް ދީނުގައި ކަނޑައަޅާފައިވާ މިންގަނޑަކީ ސައްހަ ސާބިތު މިންގަނޑެއް ކަމަށާއި، އެއީ އެއްވެސް ޝައްކެއް ސުބުހައެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތު ވުމުގެ މިންގަނޑު ކަމަަށްވެސް ބުނެފައިވެއެވެ. އެ މިންގަޑާ ތައާރަފުވާ ފަދައިން އެފަަ އެއްވެސް މައްސަލައެއް ޝަރީއަތަށް ސާބިތު ނުވާނެ ކަމަށްވެސް ބުނެފައިވެއެވެ.
އެކަންތައް ފާހަގަކޮށް ޝައިފަންގެ ފަރާތުން ބުނެފައި ވަނީ، މި މައްސަލައިގަ ދައުލަތުން ހުށަހެޅި ހެކިންގެ ހެކި ބަހުގައި ކަށަވަރުނުވާ ބޮޑެތި މައްސަލަތަކެއް ހުރި ކަމަށާއި، ހެކިން ހާދިސާ ސިފަކޮށްދޭ ގޮތުގައި ތަފާތުތަކެއް އެބަހުރި ކަމަށެވެ. ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ތެރެއިން ބައެއް ފަރާތްތައް ދައުލަތުގެ ދައުވާއާ ހިލާފަށް ހެކިބަސް ދީފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
މި މައްސަލައިގެ ޑީއެންއޭ ރިޕޯޓާމެދުވެެސް އެ ފަރާތުން ވަނީ ސުވާލު އުފައްދައިފައެވެ.
މި މައްސަލައިގައި ޝައިފާންގެ ފަރާތުންނާއި ދައުލަތުން ހުށަހެޅި ހެކިތަކަށްބަލައި ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ، ޝިފާން މެރުވެފައި ވަނީ އޭނާގެ ބުރަކައްޓާއި އަތަށް ލިބުނު ފުން ޒަހަމްތަކެއްގެ ސަބަބުން ގިނަ ލޭތަކެއް ފޭބުމުގެ ސަބަބުން ޝޮކް ޖެހިގެން ކަމަށެވެ. އަދި މައްސަލައާ ގުޅޭ ހެކިންގެ ހެކި ބަހުންނާއި ތަހުގީގީ ބަޔާންތަކަށް ބަލާއިރު، އަދި ޝިފާންގެ ނިޔަފަތިން ނެގި ޑީއެންއޭ އާއި ޝައިފަންގެ ޑީއެންއޭއާ ދިމާވާތީ، ވަޅިއަކުން ޝައިފާން ޝިފާނަށް ހަމަލާދިންކަމަށް ސާފުވާ ކަމަށްވެސް ބުނެފައިވެއެވެ.
މި މައްސަލައިގެ ހެކިންގެ ހެކި ބަހުގައި ފުށުއެރުންތަކެއް ހުރި ނަމަވެސް ދައުވާ ސާބިތުވުން ނަފީކުރާ މިންވަރުގެ ފުށުއެރުންތަކެއްނެއްކަމަށާއި، އޭނާއަށް ހަމަލާ ދީފައިވަނީ މަރާލުމުގެ ނިޔަތުގައިކަން ސާބިތުވާކަމަށް ވެސް ބުނެފައިވެއެވެ.
އެހެންކަމުން ޝައިފާންގެ މައްޗަށް ދައުލަތުން އުފުލާފައިވާ، ގަސްތުގެ މަރުގެ ކުށް އެއްވެސް ޝުބުހެއް ނެތް މިންވަރަށް ސާބިތުވާތީ، ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވާ ހައިކޯޓުގެ ހުކުމަށް މި މައްސަލަ ބެއްލެވި ސުޕްރިމް ކޯޓުގެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން ތާއީދު ކުރާކަމަށް ވަނީ ހުކުމް ކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު