ލ. އަތޮޅުގައި ހިންގަމުންދާ ޖަމިއްޔާއެއް ކަމަށްވާ ލާމު ޔޫތު ޑެވަލޮޕްމަންޓު (ލީޑް) ގެ ފަރާތުން އިންތިޒާމްކޮށް ކުރިއަށް ގެންދާ ލީޑް ވެޓްރަންސް ފުޓްސަލް ކަޕްގެ ދެވަނަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.
ލީޑް ވެޓްރަންސް ފުޓްސަލް މުބާރާތުގައި ބައިވެރިވުމަށް މިއަހަރު ހުޅުވާލީ މުޅި ރާއްޖެއަށެވެ. އެގޮތުން ރާއްޖޭގެ ކޮންމެ ހިސާބެއްގެ، ދިވެހި ކޮންމެ ރައްޔިތަކަށްވެސް މުބާރާތުގައި ކުޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ލީޑުން މައުލޫމާތު ދީފައިވެއެވެ. މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލީ ޖަމިއްޔާ ޖަމާއަތްތަކަށާއި އަމިއްލަ ވިޔަފާރިތަކުގެ އިތުރުން ކޯޕަރޭޓިވް ސޮސައިޓީތަކަށާއި ސަރުކާރު އިދާރާތަކަށާއި ކުންފުނި އަދި އަމިއްލަ ކުންފުނިތަކަށެވެ.
ލީޑުން މައުލޫމާތު ދީފައިވާ ގޮތުގައި ޓީމުތަކުގައި ހިމެނޭނީ ދިވެހި ރާއްޖެއަށް ނިސްބަތްވާ 35 އަހަރުން މަތީގެ ކުޅުންތެރިންނެވެ. އެހެން ނަމަވެސް ކޮންމެ ޓީމަކަށްވެސް އެޓީމަކުން ބޭނުންވާނަމަ، އުމުރުން 30 އަހަރާއި 35 އަހަރާ ދެމެދުގެ އެއް ކުޅުންތެރިއަކު ޓީމުގައި ހިމެނުމަށް ފުރުސަތު ލިބޭނެއެވެ. މުބާރާތުގައި ބައިވެރިކުރުމަށް ނިންމާފައި ވަނީ އެންމެ ފުރަތަމަ ފޯމު ހުށަހަޅާ 16 ޓީމަކަށެވެ.
ލީޑުގެ ރައީސް މުހައްމަދު އަފްރާހް (އައްޕި) "ވަން" އަށް ވިދާޅުވީ މީގެ ކުރިން 2022 ވަނަ އަހަރު ބޭއްވި ވެޓެރަންސް މުބާރާތަކީ ކާމިޔާބު ފުރިހަމަ މުބާރާތެއް ކަމަށާއި އެ މުބާރާތަށް ވުރެވެސް އިންތިޒާމު ރަނގަޅު މުބާރާތެއް ގެނެސްދޭން ލީޑުން ޒުވާނުންނާއެކު މަސައްކަތް ކުރަމުންދާ ކަމަށެވެ.
އައްޕި އިތުރަށް ވިދާޅުވީ ވެޓްރަންސް މުބާރާތް ބާއްވާ މައިގަނޑު މަގުސަދަކީ އުމުރުން ދުވަސްވަމުންދިޔަ ނަމަވެސް، ވެޓްރަންސް ކުޅުންތެރިންނަކީ ޒުވާނުންގެ ކުރިމަގަށް މުހިއްމު ބައެއްކަން އަންގައިދިނުން ކަމަށާއި އަދި ވެޓްރަންސް އުމުރުގެ ކުޅުންތެރިންގެ ފިޓްނަސްއަށް ކަސްރަތާއި ސިއްހީ ދުޅަހެޔޮ ކަމަށް އަހަންމިއްޔަތުކަން ދޭން ޖެހޭކަން ދައްކުވައިދިނުން ކަމަށެވެ.
އޭގެ އިތުރުން މުބާރާތުން ހާސިލްވާނެ އެންމެ ބޮޑު ކަމެއްގެ ގޮތުގައި އައްޕި ފާހަގަކުރެއްވީ އެކުވެރި މާހައުލެއްގައި އޭރާއި މިހާރުގެ ކުޅުންތެރިން އެކުގައި ޝާމިލްވެ، ރަށުގެ، އަތޮޅުގެ ކުޅިވަރަށް މުހިއްމު ގުޅުންތަކެއް ބަދަހި ވެގެން ދިޔުމެވެ. އައްޕި އިތުރަށް ފާހަގަކުރެއްވީ ލީޑުގެ ކޮންމެ ހަރަކާތެއްގައިވެސް ޒުވާނުންގެ ބައިވެރިވުން ފުރިހަމައަށް ލިބޭ ކަމަށާއި އަބަދުވެސް އެ ޒުވާނުންނަށް ޝުކުރުވެރިވާ ކަމަށެވެ.
މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 20 ވަނަ ދުވަހުގެ ރޭ 12:00 އެވެ. އޭގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަކޮށް، ހުށަހެޅުމުގެ އިތުރުން މުބާރާތުގައި ބައިވެރިވާ ފީގެ ގޮތުގައި 1500 ރުފިޔާ ދެއްކުމަށް ލީޑުން ވަނީ އިރުޝާދު ދީފައެވެ. މުބާރާތުގެ ގަވާއިދާއި ފޯމު ސެޓް، ލީޑު ޕޭޖުން ލިބޭނެ ކަމަށް ޖަމިއްޔާއިން އިރުޝާދު ދެއެވެ.
މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ޖެނުއަރީ މަހުގެ ފަސްވަނަ ދުވަހުއެވެ. މުބާރާތުގެ މެޗުތައް ކުރިއަށްދާނީ ލ. ފޮނަދޫ ފުޓްސަލް ދަނޑުގައެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް މިފަހަރު 15،000 ރުފިޔާގެ ފައިސާގެ އިނާމް ލިބިގެންދާނެއެވެ.
މުބާރާތާ ގުޅޭ އިތުރު މައުލޫމާތު 9557667 އަށް ގުޅާލުމުން ލިބޭނެއެވެ.
މީގެ ކުރިން 2022 ވަނަ އަހަރު ބޭއްވި އަލް މުދިޝް ލީޑް ވެޓެރަންސް ކަޕް ފެނުނީ ފޯރިގަދަކޮށެވެ. އެއަހަރުގެ ފައިނަލް މެޗުގައި މެދުއަވަށު ސްޕޯޓްސް ކްލަބު (އެފްއެމްއެސްސީ) ބަލިކޮށް، ތަށި ނެގީ ލ. މާވަށެވެ. ފައިނަލް މެޗުގައި މާވަށް މޮޅުވީ 4-2 ގެ ނަތީޖާއަކުންނެވެ. އެ މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
ފުޓްސަލް
ފުޓްސަލް
ފުޓްސަލް
ފުޓްސަލް