ޔޫއެފާ ޗެމްޕިއަންސް ލީގު ގްރޫޕް އޭގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން ގަލަޓަސަރާއީއާ އެއްވަރުވި އިރު، ރެއާލް މެޑްރިޑާއި އާސެނަލުން ގްރޫޕްގެ އެއްވަނަ ޔަގީންކޮށްފިއެވެ.
ރޭ ގަލަޓަސަރާއީ ދަނޑަށް ނުކުތް އިރުވެސް ޔުނައިޓެޑަށް މޮޅެއް ހޯދަން މަޖުބޫރުވެފައި އޮތް އިރު، ދެ ފަހަރަކަށް ދެ ގޯލުގެ ލީޑު ގެއްލުވާލައި މެޗު އެއްވަރުވީ 3-3 ގެ ނަތީޖާއަކުންނެވެ. އެ މެޗުން އެއްވަރުވެ ޔުނައިޓެޑް ގްރޫޕްގެ ފުލުގައި އޮތީ ފަސް މެޗުން ހަތަރު ޕޮއިންޓާއެކުގައެވެ.
ބާކީ އެއް މެޗު އޮތް އިރު، އެޓީމަށް ކިރިޔާވެސް ސަލާމަތްވެވެން އޮތީ ގަލަޓަސަރާއީން ކުޅޭ ފަހު މެޗުގެ ނަތީޖާއަށްވެސް ބަލައިގެންނެވެ. ޔުނައިޓެޑުން ފަހު މެޗުގައި އެއްވަނައިގައި އޮތް ބަޔާން މިއުނިކާ ދެކޮޅަށް ނުކުންނަ އިރު، ބަޔާން އޮތީ ފަސް މެޗުން 13 ޕޮއިންޓާއެކު ކޮލިފިކޭޝަން ޔަގީން ކޮށްފައެވެ. ދެވަނައިގައި އޮތް ކޯޕަންހޭގަން އާއި ތިންވަނައިގައި އޮތް ގަލަޓަސަރާއީއަށް ފަސް މެޗުން ލިބިފައި އޮތީ ފަސް ޕޮއިންޓެވެ.
ޔުނައިޓެޑުން ރޭގެ މެޗު ފަށައިގެން 11 ވަނަ މިނެޓުގައި ލީޑު ނެގި އިރު، އެޓީމަށް ގޯލު ޖަހައިދިނި އަލެހާންޑްރޯ ގާނާޗޯއެވެ. އަދި އޭގެ ފަސް ވަރަކަށް މިނެޓްފަހުން ޔުނައިޓެޑުން ނަތީޖާގެ ފަރަގު ބޮޑުކުރި އިރު، އެ ގޯލު ޖެހީ ބްރޫނޯ ފެނާންޑޭޒްއެވެ.
ޔުނައިޓެޑުން ރަނގަޅަށް މެޗު ފެށި ނަމަވެސް ހާފު ނިމުމުގެ ކުރިން ހަކީމް ޒިޔެޗް ޖެހި ގޯލުން ގަލަޓަސަރާއީ މެޗަށް އަނބުރާ ވަންނަން މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް ދެވަނަ ހާފުގެ ކުރީކޮޅުގައި ސްކޮޓް މެކްޓޮމިނޭ ޖެހި ގޯލުން ޔުނައިޓެޑް އަނެއްކާވެސް ހަމަޖެހިލިއެވެ.
ޔުނައިޓެޑުން ރަނގަޅު ފޯމެއްގައި ކުޅެމުން ދަނިކޮށް 62 ވަނަ މިނެޓުގައި ޒިޔެޗް ވަނީ ހިލޭ ޖެހުމަކުން ގަލަޓަސަރާއީގެ ދެވަނަ ގޯލު ޖަހައިފައެވެ. ޒިޔެޗް އޭރިއާ ބޭރު އަރިމަތިން ޖެހި ބޯލަ ސީދާ އަންދްރޭ އޮނާނާއަށް ދިމާލަށް ދިޔަ ނަމަވެސް، އޭނާ ޕަންޗުކުރަން އުޅެނިކޮށް ގައިގައި ޖެހި ބޯޅަ ދިޔައީ ގޯލު ތެރެއަށެވެ.
ގަލަޓަސަރާއީން އެއްވަރުކުރި ގޯލު، 71 ވަނަ މިނެޓުގައި ޖެހީ ކަރޭމް އަކްތާގޮކުލޫއެވެ.
ރޭ ގްރޫޕް ބީގައި އާސެނަލުން 6-0 އިން ލެންސް ބަލިކުރި އިރު، އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އެޓީމުގެ ގޯލުތައް ޖަހައިދިނީ ކައި ހަވާޓްސް އާއި ގެބްރިއަލް ޖީސަސް، ބުކަޔޯ ސަކާ، ގެބްރިއަލް މާޓިނެލީގެ އިތުރުން މާޓެން އޮޑެގާޑާއި ޖޯޖީނިއޯއެވެ.
އާސެނަލް އެ ގްރޫޕްގެ އެއްވަނަ ޔަގީންކުރީ ފަސް މެޗުން 12 ޕޮއިންޓާއެކުގައެވެ. ރޭ ސެވިއްޔާއިން އެ ގްރޫޕްގައި ޕީއެސްވީއާ ދެކޮޅަށް ކުޅެ ބަލިވި އިރު، ދެވަނައިގައި ޕީއެސްވީ އޮތީ ފަސް މެޗުން އަށް ޕޮއިންޓާއެކުގައެވެ. ތިންވަނައިގައި ފަސް ޕޮއިންޓާއެކު އޮތް ލެންސަށް އަދި ހަނި ފުރުސަތެއް އެބައޮތެވެ. ސެވިއްޔާ މިހާރު އޮތީ ފުލުގައި، ކަޓައިފައެވެ.
ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލައިލާ އިރު، ގްރޫޕް ސީގައި ރެއާލް މެޑްރިޑުން ނަޕޯލީ ބަލިކުރީ 4-2 ގެ ނަތީޖާއަކުންނެވެ. އިންޓަ މިލާނުން ބެންފިކާއާ 3-3 އިން އެއްވަރުވި އިރު، އެތުލެޓިކޯ މެޑްރިޑް ވަނީ ފެޔެނޫޑް ކައިރިން 3-1 އިން މޮޅުވެފައެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު