ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކުރި ފްލެޓްގެ މައްސަލަ 20 ދުވަހުގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލައި ނިންމާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވި ނަމަވެސް އެ މައްސަލަ ބެލުމަށް، ވަންނަން ޖެހޭ މިނިސްޓްރީގެ ސިސްޓަމަށް ވަނުމުގެ އެކްސެސް މިނިސްޓްރީން އޭސީސީއަށް އަދި ދީފައިނުވާ ކަމަށް އެކޮމިޝަންގެ ރައީސް އާދަމް ޝާމިލް ވިދާޅުވެއްޖެއެވެ.
ފްލެޓް ދިނުން ހުއްޓުވުމަށްފަހު، އޭސީސީން ކުރިއަށްގެންދާ، އެ މައްސަލައިގެ ތަހުގީގު ލަސްވަމުންދާ މައްސަލައިގައި ރައްޔިރުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މިއަދު ހާޒިރުކޮށް އެ ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލު ތަކާ ގުޅިގެން، ކޮމިޝަންގެ ރައީސް ވިދާޅުވީ، ކޮމިޝަމުން އެ މައްސަލަ ބަލަމުން ދަނީ ވަރަށް ބޮޑު އިސްކަމެއް ދީގެން ކަމަށެވެ.
ނަމަވެސް ރެ އާއި ދުވާލު އެ ކޮމިޝަނުން އެކަމުގެ ތަހުގީގުތައް ކުރިއަށް ގެންދާއިރު، އެކަމާ ބެހޭ އެންމެ މުހިއްމު ކަމަކީ ފޯމުތައް ވެރިފައި ކުރުން ކަމަށާއި، އެކަމަށް ބޭނުންވާ، ހައުސިން މިނިސްޓްރީގެ ޕޯޓަލްއަށް އަދިވެސް އެކްސެސް ދީފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެެ.
"އަޅުގަނޑުމެންގެ ޓީމުން މިހާރު ވަނީ، މިނިސްޓްރީގަ އެކަމަށް ބޭނުންވާ ނިޒާމުގެ ތެރެއަށް އަޅުގަނޑުމެނަށް އެކްސް ދިނުމަށް ދަންނަވައިފަ ނަމަވެސް އަދި އަޅުގަނޑުމެންނަށް އެކްސަސް އެއް ނުލިބޭ، ޓެކްނިކަލީ ހަމަޖައްސަން ޖެހޭ ކަންކަން އެބަހުރި، ނަމަވެސް އަދި އެކްސެސްއެއް ނުލިބޭ،"
އެކަމުގެ ތަހުގީގަށް ބޭނުންވާ ހުރިހާ ތަކެއްޗެއް އޭސީސީއަށް ދީފައިވާ ކަމަށާއި، 20 ދުވަހުގެ ތެރޭގައި އެކަމުގެ ތަހުގީގު ނިންމާނެކަމަށް އޭސީސީން ބުނެފައިވާ ކަމަށް މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި ހައުސިން މިނިސްޓާރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވި މައްސަލައިގައި މެންބަރުން ސުވާލު ކުރެއްވުމުން ކޮމިޝަންގެ ރައީސް ވިދާޅުވީ، މިނިސްޓަރު އެ ވިދާޅުވަނީ ކޮން އެއްޗެހިތަކެއްގެ ވާހަކަކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް އެ ބޭފުޅުން އެންމެ ބޭނުންވެގެން އުޅޭ އެކްސް އަދިވެސް ދީފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ.
އިތުރު ތަފްސީލް ދެއްވަމުން އޭސީސީގެ ޓެކްނިކަލް އިންވެސްޓިގޭޝަން އޮފިސަރު ތޯއިފު އަބްދުއްރައްޒާގު ވިދާޅުވީ، އެކަމުގެ ތަހުގީގު ކުރިއަށްގެންދާނެ ގޮތުގެ ޕްލޭނެއް ހަދައި މުއްދަތުތަކެއް ވެސް ކަނޑައަޅާފައިވާ ކަމަށެވެ. ނަމަވެސް އެ މަސައްކަތް ފުރިހަމައަށް ފެށޭނީ އެކްސެސް ލިބިގެން ކަމަށްވެސް ވިދާޅުވިއެވެ. އަދި އެކްސެސް ނުލިބި މިހިގާ ދުވަސް ތަކަކީ މަސައްކަތް ލަސްވެގެންދާނެ ދުވަސްތަކެއް ކަަމަށްވެސް ވިދާޅުވިއެވެ.
"ޕޯޓަލްގެ އެކްސަސް ލިބިގެން ތަހުގީގު ކުރިއަށް ގެންދެވޭނީ، ޕްލޭނެއް ހެދިފަ އޮތީ ނަމަވެސް އެކްސެސް ނުލިބި މިދާ މުއްދަތުގައި މިދަނީ އަޅުގަނޑުމެންނަށް ޑިލޭ ތަކެއް އަންނަމުން، އެއީ އަޅުގަނޑުމެން އެކްސްޕެކްޓް ނުކުރި އެއްޗެއް، ފޯމުތަކުގެ ވެރިފިކޭޝަން ފެށޭނީ އެކްސެސްލިބިިގެން ޑިސެމްބަރުމަސްތެރޭ ވެރިފިކޭޝަން ނިންމަން މި ބަލަނީ، ނަމަވެސް އެއީ އެކްސެސް ވެވިގެނެ،"
ޚަބަރު
ޚަބަރު
ޚަބަރު