ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ، ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ފްލެޓު ދޫކުރުމުގެ ހުރިހާ މަސައްކަތްތަކެއް ހުއްޓާލަން އެންގީ، ޕޯޓަލްގެ ތެރެއިން ކޮންމެވެސް ދިމާލަކުން، މީހުންނަށް ލިބިފައިވާ މާކްސް ބަދަލު ކުރާކަން ފާހަގަ ކުރެވިގެން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.
ފްލެޓަށް ހޮވުނު ފަރާތްތަކަށް ފްލެޓް ދިނުން އޭސީސީން ހުއްޓުވުމާއި އެ މަސައްކަތް ތަހުހީގު ކުރުން ލަސްވަމުންދާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އޭސީސީގެ މެންބަރުން މިއަދު ހާޒިރުކޮށް ވަނީ ސުވާލުކޮށްފައެވެ.
އެގޮތުން ފްލެޓް ދިނުން ހުއްޓުވި މައްސަލައިގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ކޮމިޝަންގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ، ފްލެޓް ދިން ގޮތާމެދު ހިތްހަމަނުޖެހިގެން 300 އަށްވުރެ ގިނަ މީހުން އެ ކޮމިޝަނަށް ޝަކުވާ ހުށަހެޅި ކަމަށެވެ.
އެކަމުގެ ތަފުސީލު ދެއްވަމުން ކޮމިޝަންގެ ނާއިބު ރައީސް އަބްދުއްސަލާމް ވިދާޅުވީ، ފްލެޓް ޕޯޓަލްއަކީ އޮޓަމެޓިކުން މާކްސްއަށް ބަދަލު އަންނަ ގޮތަށް ތައްޔާރުކޮށްފައިވާ އެއްޗެއް ނަމަވެސް ކޮންމެސް ދިމާލަކުން އެއަށްވަދެ މާކްސްއަށް ބަދަލުގެންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
"މި ޕޯޓަލްއަކީ ހުށަހަޅާ މައުލޫމާތާއެކީ އޮޓޯއިން މާކްސް ޖެނެރޭޓްވާ އެއްޗެއް، ނަމަވެސް މާކްސްތައް އެޕްރޫވަލް ކުރަން ހުންނަ ފަރާތްތައް ނުވަތަ އެޕްރޫވަލްގެ މައްޗަށް ސުޕަވައިޒް ކުރާ ފަރާތްތަކުން މާކްސް ބަދަލުކޮށްފަ ހުންނަކަން އެބަ ފާހަގަވޭ، މިސާލަކަށް ހުށަހަޅާ ލިޔެކިޔުންތަކުން ޝަރުތު ފުރިހަމައެއް ނުވޭ، އެހެންކަމުން ހަމަ ސިސްޓަމުން އޮޓޯ ޖެނެރޭޓްވާނެ ޝަރުތު ހަމަނުވާ ކަމަށް، ނަމަވެސް އެޕްރޫވަލް ލެވެލުން ޝަރުތު ފުރިހަމަވާ ކަމަށް ބަދަލުކޮށްފަ އޮންނަ ކަމަށް ފާހަގަވަނީ،" އަބްދުއްސަލާމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މާލޭގައި ދިރިނޫޅޭ ފަރާތްތައްވެސް ޝަރުތު ފުރިހަމަވާ ކަމަށް ނިންމައި ފްލެޓް ލިބިފައިވާ ކަމަށް ކަނޑައަޅާފައި އެބަހުރި ކަމަށެވެ.
"މިސާލަކަށް އެޕްލައިކުރާ ފަރާތަކުން ހުށަހަޅާ ލިޔުމުގައި އެ ބޭފުޅަކު ދަރިއަކު ނެތް ކަމަށް އެބަޖަހާ، ޑީއެންއާރު ސިސްޓަމުންވެސް އެބަ ދައްކާ ދަރިއަކު ނެތް ކަމަށް ނަމަވެސް ދަރިއަކު ހުންނަ ކަމަށް މާކްސް ދެންޏާ އެއިން މައްސަލަތަކެއް އެބަ ފާހަގަވޭ، އެހެންވީމަ އެބަ އެނގޭ ކޮންމެސް ދިމާލަކުން އެ ޕޯޓަލް ތެރެއިން މާކްސް އެބަ ބަދަލުކުރާކަން، މި ކަހަލަ ކަންތައްތަކެއް އެބަ ފާހަގަވޭ، އަދި ލިޔެކިޔުންތަކުން މާލޭގައި ދިރިއުޅޭ ފަރާތެއް ނޫންކަން ކަށަވަރުވާއިރު އެފަދަ ފަރާތްތައްވެސް އެބަހުރި ޝަރުތު ފުރިހަމަވާ ކަަމަށް ހަދާ ފްލެޓް ލިބިފަ،" އަބްދުއްސަލާމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ފްލެޓް ދިނުން ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު މަޑުޖައްސާލަން އެންގީ، އޭސީސީއަށް ފާހަގަވި ކަންތައްތައް ރަނގަޅު ކުރުމަށް ނޮވެމްބަރު ފަހެއްގައި ހައުސިން މިނިސްޓްރީއަށް އެންގުމަށްފަހުވެސް އެ ކަންތައްތައް ރަނގަޅު ނުކުރުމުން ކަމަށެވެ. އަދި އެ މައްސަލައިގައި އޭސީސީން ތަހުގީގު ކުރަނީ އެކަމުގައި ނާޖާއިޒް ފައިސާ ނަގާފައިވާ ކަމަށް ތުހުމަތު ކުރެވިގެން ކަމަށްވެސް ވިދާޅުވިއެވެ.
ޝާމިލް ވިދާޅުވީ، ހަތް ވައްތަރެއްގެ މައްސަލަ އެ ކޮމިޝަނަށް ފާހަގަވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި އިވެލުއޭޝަން ހެދިއިރު ހުހަޅާފައިވާ ލިޔުންތައް ވެރިފައިނުކޮށް ޝަރުތު ފުރިހަމަވާ ކަމަށް ކަނޑައަޅާފައިވުމާއި ޑީއެންއާރު ޕޯޓަލްއާ ގުޅޭ މައްސަލަތައް ހިމެނޭ ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މިނިސްޓްރީން އެ މަސައްކަތް ހިންގާ ޕޯޓަލްއަކީ ވަރަށް ފަސޭހަ އިތުބާރު ބޮޑު އޮޓަމެޓިކުން މަސައްކަތްކުރާ ޕޯޓަލެއް ކަމަށެވެ. ނަމަވެސް ފްލެޓްދިނުމުގެ ކަންތަކުގައި މީހުން މަސައްކަތް ކުރަންޖެހޭ ދެ މަރުހަލާއެއް އޭގައި ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ. އޭގެ ތެރެއިން އެއް މަރުހަލާއަކީ އެޕްރޫވް ކުރުމުގެ މަރުހަލާ ކަމަށާއި ދެވަނަ މަރުހަލާއަކީ ވެރިފައިކުރުމުގެ މަރުހަލާ ކަމަށް ވިދާޅުވިއެވެ.
"އޭގެ ތެެރެއިން ވެރިފައިކުރުމުގެ މަރުހަލާގައި ނަމްބާސް އޮފް ޕީޕަލް އަޅުގަނޑުމެންނަށް ފާހަގަވޭ، ނަމަވެސް އެޕްރޫވަލްގައި ހިމެނެނީ ދެ މީހުން ނުވަތަ ތިން މީހުންނަށް ޝައްކުކުރެވޭ،" ޝާމިލް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު