ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު އިދާރާ، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އޮތީ އިނދަޖެހިފައެވެ. ކޮރަޕްޝަނާއި ފައިސާގެ ހިޔާނާތުގެ މައްސަލަތަކެއްގެ ތެރެއަށް ފެތި، ތަޅު އެޅުވިފައެވެ. ލީގެއް ރަނގަޅަށް ހިންގާލެވޭނެ ފެންވަރުވެސް އިދާރާގައި ނެތެވެ. އިދާރާ މުވައްޒަފުންގެ މުސާރަ ނުދެވި، އެތައް ބައެއްގެ ނަފުރަތުގެ ކަޅި އެފްއޭއެމްއަށް ހުއްޓިއްޖެއެވެ. އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް އިސްތިއުފާ ދެއްވަން ޖެހެއެވެ. އެހާވެސް ބޮޑަށް ކަންކަން ބޮއްސުންލައި، ގައުމީ ކުޅިވަރުގެ ޖޯޝު ގެއްލިއްޖެއެވެ. ފޯރި ކެނޑި، ނާކާމިޔާބީއާވެސް ކުރިމަތިވެއްޖެއެވެ.
ކޮންމެޔަކަސް، އެ އިދާރާގެ ހިންގުމުގައި ހުރި ދޯހަޅިކަން، އޭއެފްސީއާއި ފީފާއަށް ނޭނގެނީ ކަމެއް، އޮޅިފައި އޮތީ ކަމެއް ނޭނގެއެވެ. ނޫންނަމަ، އެ އިދާރާތަކުން ބަލަން ބޭނުންނުވަނީ ކަމެއްވެސް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ ފީފާއާއި އޭއެފްސީއަށް ނޭނގި އޮތް ނަމަވެސް، އެފްއޭއެމުން ހިޔާނާތްތެރިވެ، އިހުލާސްތެރިކަން ގެއްލުވާލައިފި ކަމެވެ. މުޅި ރާއްޖޭގެ ފުޓުބޯޅަ އިނދޖެހުމުގައި ރައްޔިތުންގެ ކަންބޮޑުވުން ބޮޑުކަމެވެ. އެފްއޭއެމްގެ ރައީސް ބައްސާމް ދެވަނަ ދައުރެއް ފުރުއްވަމުން ގެންދަވާ އިރު، ސަރުކާރު ބަދަލުވެގެންވެސް، އޭނާއާ ދުރަށް ވޯޓިން ކްލަބުތައް ޖެހޭތަނެއް ނުފެނެއެވެ. ސަބަބުތައްވެސް އޮންނާނެއެވެ. ފައިސާގެ ސަބަބުތަކަށް ތުހުމަތު ބޮޑުވެސް މެއެވެ.
އެފްއޭމްގެ ވެރިން ހޮވައި، އެކްސްކޯ ހޮވަނީވެސް އެ އިދާރާގެ ވޯޓިން ރައިޓްސް އޮންނަ ކްލަބުތަކުންނެވެ. ރާއްޖޭގައި ފުޓުބޯޅަ، އަތޮޅު ތެރެއަށް ގޮސް، ކިތަންމެ ވަރުގަދަކޮށް ފުޅާވެފައި އޮތް ނަމަވެސް، ވޯޓު ކޮންޓްރޯލް ކުރަން ފަސޭހައެވެ. އެއީ ކައިރީގައި އޮންނަ މަދު ކްލަބަކަށް ދެވޭ ވޯޓަކަށް ވޯޓު ވާތީއެވެ. އެ ވޯޓު ބަރޯސާވެފައި އޮންނަނީ ކްލަބުތަކަށް ދޭ ފަންޑަށެވެ. އެ ވޯޓުގެ ކޮންޓްރޯލަށް ކުރިން ބައެއް ސަރުކާރުތަކުން މަސައްކަތް ކުރީ އެސްއޯއީ ކުންފުނިތަކުން ފަންޑު ކޮށްގެންނެވެ. އެ ފަންޑިން އެފްއޭއެމުން ދީ، ކްލަބުތައް ކޮންޓްރޯލުކޮށްލި ހިސާބުން އަނެއްކާވެސް އެފްއޭއެމަށް ކްލަބުތައް "ލޮކް" ކޮށްލެވުނީއެވެ.
"ސަރުކާރުން ދެމުން ގެންދިޔަ ފައިސާ މިދިޔަ ސަރުކާރު ހަވާލުވިހިސާބުން ކްލަބުތަކަށް ނުލިބުނު. އެއީ ސީޒަނަކަށް ތިން މިލިއަން ރުފިޔާ. އޭރު ރާއްޖޭގެ ލީގު ރަނގަޅުވިކަން ގަބޫލުކުރަން ޖެހޭ. އެހެންނަމަވެސް، އެހިސާބުން މިއަދާއި ހަމައަށް މިދިޔަ ފަސް އަހަރު އެ ފައިސާ ދޭން ޖެހެނީ އެފްއޭއެމުން. އެހެންވެ އެހެންކަމެއް ކުރާނެ ފައިސާއެއް ނުހުރޭ. ބައްސާމް އެ ފައިސާ ދޭނެކަން އެނގޭ. އެހެންވެ، ކްލަބުތަކުން ބައްސާމަށް ތާއިދު މި ކުރަނީ،" ރާއްޖޭގެ ފުރަތަމަ ޑިވިޝަން ކްލަބެއްގައި މަސައްކަތް ކުރި ފަރާތަކުން "ވަން ސްޕޯޓްސް"އަށް ވިދާޅުވިއެވެ.
މީގެ ކުރިން 2019 ވަނަ އަހަރު އެފްއޭއެމްގެ ވެރިކަން ބަދަލުކުރަން އޭރުގެ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް މަސައްކަތް ކުރެއްވިއެވެ. މަހުލޫފު ވަނީ ސަރުކާރުން އެފްއޭއެމްގެ ކަންތައްތައް ރަނގަޅު ކުރަން ކުރަމުން އަންނަ މަސައްކަތަށް އެއްބާރުލުން ނުދޭ ކްލަބްތަކަށް ސަރުކާރުގެ ފަރާތުން މާލީ އެހީތެރިކަން ނުލިބުމުގެ ފުރުސަތު އޮތް ކަމަށް އޭރު ވިދާޅުވެފައެވެ. އެއީ މުޅިން ގޯސް ވާހަކައެކެވެ. ހާއްސަކޮށް ފާޅުގައި އެހެން ވިދާޅުވުން ވީ ގޯސް ކަމަކަށެވެ. މަހްލޫފް ކްލަބުތަކަށް ފައިސާ ދިނުމުގައި ތަފާތުކުރުންތަކެއް ގެންގުޅުއްވާ ކަމަށް، ފަހުން އަޑުތައް ފެތުރިގެން ގޮސްފައިވާ އިރު، މިނިސްޓަރު ކަމުގައި ފުރަތަމަ ދެއްކެވި ވާހަކައިން ފީފާއިން ވަނީ ރާއްޖެ ސަސްޕެންޑް ކުރަން އިންޒާރުވެސް ދީފައެވެ.
އެފްއޭއެމް ބަދަލުކުރަން އިސްވެ އުޅުނު ވިކްޓަރީ ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުވެސް ދަރަނިވެ، ސަސްޕެންޑް ވެގެން ދިޔަ އިރު، ފީފާގެ އިންޒާރާއެކު ތިންވަނަ ފަރާތެއްގެ ނުފޫޒު އެފްއޭއެމަށް ނުވައްދަން، މަހްލޫފް އެފްއޭއެމް ބަދަލުކުރަން ކުރެއްވި މަސައްކަތްވެސް ހުއްޓާލެއްވީއެވެ. އެހިސާބުން މިއަދާ ހަމައަށް އައިއިރު، އާ ސަރުކާރުގެ އެންމެ ބޮޑު ބޮލުރިހުމަކަށް ވާނީވެސް ފުޓުބޯޅައެވެ. ޔަގީނުންވެސް ކުޅިވަރުގެ އާ ވުޒާރާއަށް ފުޓުބޯޅަ މުހިއްމު ވާން ޖެހޭނެއެވެ. ޖިނާއީ ތަހުގީގެއް އެފްއޭއެމްގައި ހިނގަމުންދާ އިރު، ފުޓުބޯޅަ އިދާރާ މިނިވަންކޮށް ބަހައްޓަން ޖެހުނަސް، ބަދަލުކުރަން ޖެހޭކަން އެނގެން ވާނެއެވެ.
އެ ބަދަލަށް ސަރުކާރުން ކުރާނީ ކޮން މަސައްކަތެއްތޯ، އެއީ ސުވާލެކެވެ.
އެފްއޭއެމްގެ އާންމު އިންތިހާބު އަންނަ އަހަރު އޮތް އިރު، އެ އިދާރާގެ ވެރިންގެ ތެރެއިންވެސް ބަޔަކު މިހާރު ދެކަފި ވެއްޖެއެވެ. ބައްސާމް ގިނިކަންޏާ ވެދާނެހެންވެސް ހީވެއެވެ. ކޮންމެޔަކަސް، އަންނަ އަހަރު ފުޓުބޯޅަ ބަދަލުވާންދެން ބަހައްޓައިގެން ތިބޭކަހަލަ ގޮތަކަށް މިހާރު މަންޒަރުތައް ފެންނަ އިރު، އެފްއޭއެމްގެ ރައީސް ކަމަށް މި ސަރުކާރުގެ ތެރޭގައި އުޅުއްވާ އިސް ބޭފުޅެއް ކަމަށްވާ، މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް (ޓޮމް) ވަނީ ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ. އަތަށް ނެގި ވޯޓުގެ އަދަދެއް ނޭނގެއެވެ. ވާދަވެރިއެއްވެސް ޔަގީނެއް ނޫނެވެ.
ކޮންމެޔަކަސް މި ސަރުކާރުގެ ރުހުން ހޯދަން ބައްސާމް މަސައްކަތްތަކެއް ކުރައްވާކަން މީޑިއާތަކަށް ވަނީ ތިލަވެފައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ޖަލުން ގެއަށް ބަދަލުކުރެއްވި ދުވަހުވެސް ބައްސާމް ފެނިގެން ގޮސްފައިވާ އިރު، އާ ކުޅިވަރުގެ ވަޒީރު އަބްދުﷲ ރާފިއު (ރާއްޕެ)ގެ ނަޒަރުގައި އެސޯސިއޭޝަންތައް ހަރުދަނާ ކުރަން ސްޕޯޓްސް ކޮމިޝަނަރުގެ ޒިންމާ އަދާކުރަން ޖެހެއެވެ. މިވަގުތު އެ މަގާމުގައި ހުންނެވީ ކުރިން އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސްކަން ކުރެއްވި މުހައްމަދު ތޮލާލެވެ.
"އެސޯސިއޭޝަންތަކަށް އޮތް ހައްލަކީ މިނިސްޓްރީގެ މުއައްސަސާއެއް ކަމަށްވާ ކޮމިޝަނާ އޮފް ސްޕޯޓްސް ހިންގުން ރަނގަޅުކުރުން. ކޮމިޝަނާ އޮފް ސްޕޯޓްސްއަކީ އެސޯސިއޭޝަންތަކާ ބެހޭ އެއް އިދާރާ. އެސޯސިއޭޝަންތަކުގެ މައްސަލައެއް އުޅޭނަމަ ކޮމިޝަނާ އޮފް ސްޕޯޓްސްއިން އެކަން ހިއްސާކުރަން ވާނެ. އެހެން ނަމަވެސް، ކުޅިވަރު އެސޯސިއޭޝަންތަކުގެ ހިންގުމުގެ ތެރެއަށް މިނިސްޓްރީއަކުން ނުއެއް ވަންނާނެ. ކަންކަން ހައްލު ކުރެވޭނީ ވާހަކަ ދައްކައިގެން ކަމަށް ގަބޫލުކުރަން. ހިންގުމުގެ ތެރޭގައި މައްސަލައެއް އުޅޭނަމަ، ހެޔޮ ނިޔަތުގައި އެކަންކަން ރަނގަޅު ކުރަން އަޅުގަނޑުމެން ވިސްނާނީ،" ރާފިއު "ވަން ސްޕޯޓްސް"އަށް ދެއްވި އެކްސްކްލޫސިވް އެއްގައި ވިދާޅުވިއެވެ.
މިނިސްޓަރު ރާފިއު ވިދާޅުވީ ކޮމިޝަނާ އޮފް ސްޕޯޓްސްގެ ދައުރު އަދާކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށާއި، ކޮމިޝަނަރުގެ މަސައްކަތަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ. ފީފާ ސަސްޕެންޝަނަކަށް ދިޔަޔަސް ހެޔޮކަމަށް ބައްލަވައި، އެފްއޭއެމްގެ މައްސަލައިގެ ތެރެއަށް ސަރުކާރު ވަދެފާނެތޯ ސުވާލު ކުރުމުން، ރާފިއު ވިދާޅުވީ "ގާނޫނީ ގޮތުން ކުރެވެން އޮތް ކަމެއް ސަރުކާރުން ކުރާނެ،" ކަމަށާއި، ސަސްޕެންޝަނެއްގެ ވާހަކައަށް ސީދާ ޖަވާބެއް ދެއްވަން އުނދަގޫ ކަމަށެވެ.
ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ސަސްޕެންޝަނެއް އަޔަސް، ސަރުކާރުން އެފްއޭއެމަށް ވަންނަން ޖެހެއެވެ. އެއީ ސަރަހައްދީ ގައުމުތަކުގައިވެސް އާންމުކޮށް ދިމާވާ ހާލަތެކެވެ. ދާދިފަހުން އިންޑިއާ ފުޓުބޯޅަ ސަސްޕެންޑް ކުރިއެވެ. ސްރީ ލަންކާއާއި ޕާކިސްތާނަށްވެސް އެ މައްސަލަތައް ދިމާވެއެވެ. އިންޑިއާއިން އިސްލާހީ ބަދަލުތައް އަވަސްކުރާތީ އަވަހަށް ސަސްޕެންޝަން އުވޭތީ، ދިވެހީންގެ ތެރެއިން ގިނަ ބަޔަކުވެސް އެގޮތް މިހާރު ބޭނުންވެއެވެ. އެފްއޭއެމްގެ އަސާސީ ގަވާއިދަށް ބޮޑެތި އިސްލާހުތަކެއްވެސް ބޭނުންވެފައި އޮތް އިރު، އިދާރާ އިސްލާހުވެސް ކުރަން ޖެހެއެވެ. ސަރުކާރުގެ ސްޓޭންޑަކީ މަޝްވަރާއެވެ. ކުރިއަށް ވާ އެއްޗެއް ބަލަން އެތައް އާންމުންނެއް އެބަތިއްބެވެ.
ބައްސާމް އަދީލް ޖަލީލް
ބައްސާމް އަދީލް ޖަލީލް
ބައްސާމް އަދީލް ޖަލީލް