ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ނިއުކާސަލްއާއި ޕީއެސްޖީ ކުޅުނު މެޗު އެއްވަރުވި އިރު، ބާސެލޯނާއިން ޕޯޓޯ ބަލިކޮށްފިއެވެ.
ޗެމްޕިއަންސް ލީގު ގްރޫޕް އެފްގައި ރޭ ޕީއެސްޖީން އަމިއްލަ ދަނޑުގައި ނިއުކާސަލްއާ އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އަނެއް ބުރުގެ ޖާގަ ޔަގީންވެފައިނުވާ އިރު، އެ ގްރޫޕްގައި ރޭ ޑޯޓުމަންޑުން ކުޅުނު މެޗުގައި އޭސީ މިލާން ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. ޑޯޓުމަންޑުން ވަނީ އެ މޮޅާއެކު ކޮލިފިކޭޝަން ޔަގީން ކޮށްފައެވެ.
ނިއުކާސަލްއަށް އަމިއްލަ ބާރު ގެއްލިފައި އޮތް އިރު، ގްރޫޕް ފަހު މެޗުގައި ނުކުންނަން ޖެހޭނީ އޭސީ މިލާނާ ދެކޮޅަށެވެ. ޕީއެސްޖީ ނުކުންނާނީ ޑޯޓުމަންޑާ ދެކޮޅަށެވެ.
މިވަގުތު ގްރޫޕްގެ އެއްވަނައިގައި ޑޯޓުމަންޑް ފަސް މެޗުން 10 ޕޮއިންޓާއެކު އޮތް އިރު، ޕީއެސްޖީ ދެވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓާއެކުގައެވެ. ނިއުކާސަލްއާއި މިލާނަށްވެސް ފަސް މެޗުން ލިބުނީ ފަސް ޕޮއިންޓެވެ.
ނިއުކާސަލްއިން އަހަރުތަކަކަށްފަހު މިފަހަރު ޗެމްޕިއަންސް ލީގުގައި ވާދަކުރަމުންދާ އިރު، އެޓީމުން ވަނީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައިވެސް ވަރުގަދަ ޕީއެސްކީ ބަލިކޮށްފައެވެ. ރޭގެ މެޗުގައި އެލެކްސެންޑްރާ އިސާކް ފުރަތަމަ ހާފުގައި ޖެހި ގޯލާއެކު ނިއުކާސަލް މޮޅުވާން ދަނިކޮށް، އެޓީމު މާޔޫސްވީ ފަހު މިނެޓުގައެވެ.
މެޗުގެ 98 ވަނަ މިނެޓުގައި ނިއުކާސަލް އޭރިއާ ތެރެއިން، އެޓީމުގެ ޓީނޯ ލިވަރަމެންޓޯ އަތުގައި ބޯޅައިން ޖެހުމުން ވީއޭއާރްގެ އެހީގައި މެޗު ރެފްރީ ޒީމޮން މާސިނިއަކް ވަނީ ޕެނަލްޓީ ދީފައެވެ. އެ ބޯޅަ ލިވަރަމެންޓޯ އަތުގައި ޖެހުނީ ފައިގައި ޖެހިފައި މިސްރާބު ބަދަލުވެގެން ގޮހެވެ. އެހެންކަމުން އެ ޕެނަލްޓީއާ ދޭތެރޭ ވަނީ ސުވާލުތަކެއް އުފެދިފައެވެ.
ނިއުކާސަލްއާ އެއްވަރުކުރަން ލިބުނު ޕެނަލްޓީ ޕީއެސްޖީއަށް ކާމިޔާބުކޮށްދިނީ ކިލިއަން އެމްބާޕޭއެވެ.
ޗެމްޕިއަންސް ލީގުގެ ގްރޫޕް އެޗުން ބާސެލޯނާ ކޮލިފިކޭޝަން ޔަގީންކުރީ ރޭ އަމިއްލަ ދަނޑުގައި 2-1 އިން ޕޯޓޯ ބަލިކޮށްގެންނެވެ. ލިއޮނަލް މެސީ ކްލަބު ދޫކޮށްލިފަހުން ބާސާއިން ފުރަތަމަ ފަހަރަށް ނޮކްއައުޓް ޔަގީންކޮށްފައި ވަނީ މިހާތަނަށް ކުޅުނު ފަސް މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ.
އެ ގްރޫޕްގެ ދެވަނައިގައި ޕޯޓޯ އޮތީ ފަސް މެޗުން ނުވަ ޕޮއިންޓާއެކުގައެވެ. ޝަކްތާ ޑޮނެސްކަށްވެސް ގަދަ 16 ގެ އުންމީދު އޮތް އިރު، އެޓީމު ތިންވަނައިގައި އޮތީވެސް ފަސް މެޗުން ނުވަ ޕޮއިންޓާއެކުގައެވެ. އެ ގްރޫޕް ފުލުގައި އޮތް ރޯޔަލް އަންޓްވާޕް އޮތީ ޕޮއިންޓެއް ނުލިބި ކަޓައިފައެވެ.
ބާސާގެ މެޗުގައި ޖާއޯ ކާންސެލޯ ވިދާލި އިރު، އޭނާ ވަނީ ފުރަތަމަ ހާފުގައި ގޯލު ޖަހައި، ދެވަނަ ހާފުގައި ޖާއޯ ފެލިކްސްގެ ގޯލަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ. މެޗުގައި ޕޯޓޯގެ ހަމައެކަނި ގޯލަކީ ފުރަތަމަ ހާފުގައި އަގުއީނޯ ކޯސާ ޖެހި ގޯލެކެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު