އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ޓިކެޓުގައި މާލެ ސިޓީގެ މޭޔަރު ކަމަށާއި ސިޓީ ކައުންސިލުގެ ހުސްވެފައިވާ ގޮނޑިތަކަށް ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މާލޭގެ މޭޔަރުގެ މަގާމު ހުސްވެފައި ވަނީ އެ މަގާމުގައި ހުންނެވި. ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ރައީސް ކަމުގެ ހުވާ ކުރެއްވުމަށް މި މަހުގެ 17 ވަނަ ދުވަހު މޭޔަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
ރައީސް މުއިއްޒުގެ އިތުރުން މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އަބްދުﷲ ނާސިރާއި ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރު ފާތިމަތު ޝަމްނާ އަލީ ސަލީމާއި މެދުހެންވޭރު ދާއިރާގެ ކައުންސިލަރު އާދަމް ރަމީޒް ވަނީ، ރައީސް މުއިއްޒު ހުވާ ކުރެވުމަށް ފަހު ސަރުކާރުގެ މަގާމުތަކަށް ވަޑައިގަތުމަށް އެ ކައުންސިލަރުން އިސްތިއުފާ ދެއްވައިފައެވެ.
މާލެއަށް މޭޔަރަކު ހޮވުމާއި ކައުންސިލުން ހުސްވި ގޮނޑިތަކަށް ކައުންސިލަރުން ހޮވުމަށް އިންތިހާބު އޮންނާނީ އަންނަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ.
އެމްޑީޕީން މިއަދު ނެރުނު އިއުލާނެއްގައި ވަނީ، 1 ޑިސެމްބަރު 2023ގެ ހަވީރު 4:00ގެ ކުރިން އެ ޕާޓީގެ ޓިކެޓަށް ޝައުގުވެރިކަން ފާޅުކުރުމަށް ހުޅުވާލާފައެވެ.
ނިމިގެންދިޔަ އެމްޑީޕީގެ ވެރިކަމުގައި ޔޫތު މިނިސްޓަރުކަން ކުރެއްވި އަހްމަދު މަހުލޫފް މާލޭގެ މޭޔަރު ކަމަށް ޝައުގުވެރިކަން ފާޅުކުރައްވައި، ކެމްޕޭން ކުރެއްވި ނަމަވެސް ފަހުން އެކަމާ ގުޅޭ ވާހަކައެއް އޭނާ ނުދައްކަވައެވެ. މަހުލޫފުގެ އިތުރުން އެމްޓީސީސީގެ ސީއީއޯގެ މަގާމުގައި ހުންނެވި އާދަމް އާޒިމް އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ނެރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު