އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާސްއިން ކުޅުނު މެޗުގައި އެސްޓޮން ވިލާ އަތްދަށުވި އިރު، މެންޗެސްޓާ ޔުނައިޓެޑުން އެވަޓަން ބަލިކޮށްފިއެވެ.

ސީޒަން ފެށިގެން ލީގުގައި ކުޅުނު ފުރަތަމަ 10 މެޗަށްފަހު ސްޕާސްއިން ތާވަލުގެ އެއްވަނައިގައި އޮތް ނަމަވެސް، އެންމެފަހުން ކުޅުނު ތިން މެޗުންވެސް ބަލިވެ، އެޓީމު ވަނީ ފަސްވަނައަށް ސޮއްސާލައިފައެވެ. ރޭ ވިލާ ކައިރިން 2-1 އިން ސްޕާސް ބަލިވި އިރު، އެޓީމު އޮތީ އުނދަގޫ ހާލަތެއްގައެވެ. ހާއްސަކޮށް އަނިޔާގެ މައްސަލަތައް ބޮޑެވެ.

ސްޕާސްއިން ރޭގެ މެޗަށްވެސް ނުކުތީ އާންމުކޮށް ފަހަތަށް ކުޅޭ ސެންޓަ ބެކުން ކަމަށްވާ، މިކީ ވެނަ ޑަ ވެން އާއި ކްރިސްޓިއަން ރޮމޭރޯވެސް ނުލައެވެ. ރޮމޭރޯ ސަސްޕެންޝަނުގައި ހުރި އިރު، މިވަގުތު ޖޭމްސް މެޑިސަންވެސް ހުރީ އަނިޔާގައެވެ.

މެޗުގެ ފުރަޔަމަ ހާފުގައި ޓޮޓެންހަމްއިން ގޯލު ޖަހައި ލީޑު ނަގާފައިވާ އިރު، އެ ގޯލު ޖެހީ ޖިއޮވާނީ ލޮ ސެލްސޯއެވެ. އެ ގޯލާއެކު ޓޮޓެންހަމްއިން ކުރީގައި އޮވެ ހާފު ނިންމާލަން ދަނިކޮށް، ވިލާއިން އެއްވަރު ކުރީ ޑަގްލަސް ލުއިސްގެ އެސިސްޓަކުން ޕައު ޓޮރެސް ޖެހި ގޯލުންނެވެ.

ވިލާއިން މެޗު ކާމިޔާބުކުރީ ދެވަނަ ހާފުގައި އޮލީ ވޮޓްކިންސް ޖެހި ގޯލުންނެވެ.

އެ ނަތީޖާއާއެކު ޓޮޓެންހަމް ފަސްވަނައިގައި އޮތީ 13 މެޗުން 26 ޕޮއިންޓާއެކުގައެވެ. ވިލާއިން ހަތަރުވަނައަށް ޖެހިލީ 13 މެޗުން 28 ޕޮއިންޓާއެކުގައެވެ.

މިވަގުތު 13 މެޗުން 24 ޕޮއިންޓާއެކު ހަވަނައިގައި އޮތް ޔުނައިޓެޑުން ރަށުން ބޭރުގައި އެވަޓަން ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. ޕްރިމިއާ ލީގުގެ ފައިނޭންޝަލް ފެއާޕްލޭ އުސޫލާ ހިލާފުވެފައިވާ ކަމަށް ބުނެ، މިދިޔަ ހަފުތާ އެވަޓަންއަށް އަދަބުދީ، 10 ޕޮއިންޓް ވަނީ އުނިކޮށްފައެވެ. އެ އަދަބާއެކު ރޭ ސަޕޯޓަރުން ވަނީ "ކޮރަޕްޓް ޕްރިމިއާ ލީގު" ގެ ބޯޑުތަކާއެކު އަޑު އުފުލައިފައެވެ.

ޔުނައިޓެޑުން ރޭ މެޗުގެ ފުރަތަމަ ހާފުގައި ލީޑު ނެގީ އާޖެންޓީނާގެ އަލެހާންޑްރޯ ގާނާޗޯ ޖެހި ހިތްގައިމު އޯވަހެޑް ގޯލަކުންނެވެ. އޭރިއާ ތެރެއަށް އަރިމަތިން ހުރަސްވެގެން ދިޔަ ބޯޅަ އޯވަހެޑް ކިކަކުން ގޯލަށް ވައްދާލައި، ގާނާޗޯ އާކޮށްލަ ދިނީ ވޭން ރޫނީ މެންޗެސްޓާ ސިޓީ ކޮޅަށް ޖެހި ހިތްގައިމު ގޯލު މަތިންނެވެ.

ފުރަތަމަ ހާފުގައި އެވަޓަންއަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވި އިރު، ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވެ ޔުނައިޓެޑް ލީޑު ފުޅާކުރީ ލިބުނު ޕެނަލްޓީއަކުންނެވެ. އެންތޮނީ މާޝިއަލްއަށް އެޝްލީ ޔަންގް ކުރި ފައުލަށް ދިން ޕެނަލްޓީ ކާމިޔާބުކުރީ މާކަސް ރަޝްފޯޑެވެ.

ޔުނައިޓެޑް ރަނގަޅަށް ކުޅެ މޮޅު ޔަގީންކުރީ މާޝިއަލް ޖެހި ތިންވަނަ ގޯލަކާއެކުގައެވެ.