ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އުފައްދަވާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އޮފީހަށް އެމަނިކުފާނު މިރޭ ވަޑައިގަތުމުން، އެ މައްސަލަ ބަލަމުންދާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނެފިއެވެ.

ހ. ހުރަފާގޭގައި ހުންނަ އެ އޮފީހަށް ރައީސް ޔާމީން ވަޑައިގަތީ, ޕީއެންއެފް އުފެއްދުމަށް ބޭނުންވާ ފޯމު ފުރުން، އެ ގޭގެ ތިންވަނަ ފަންގިފިލާގައި ކުރިއަށްދަނިކޮށެވެ.

ޕީއެންއެފް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވަނީ އެކްސްގައި ޕީއެންއެފްގެ އޮފީހުގައި ޔާމީން އިންނަވާ މަންޒަރު ފެންނަ ފޮޓޯއެއްވެސް ހިއްސާކުރައްވައިފައެވެ.

ކަރެކްޝަންސްގެ އޮފިޝަލަކު "ވަން" އަށް މިރޭ ވިދާޅުވީ، ކެމްޕެއިން އޮފީހަށް ޔާމީން ވަޑައިގެންނެވި މައްސަލަ ބެލުމަށްފަހު އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ.

ޔާމީނަކީ މިހާރުވެސް ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެމަނިކުފާނު ގެކޮޅަށް ބަދަލުކުރެއްވީ މިދިޔަ އޮގަސްޓު މަހުގެ އެއްވަނަ ދުވަހުއެވެ. ކަރެކްޝަންސް އިން އެ މަނިކުފާނަށް ވަނީ އެ ފަހުން ސިއްހީ ކަންކަމަށް ބޭރަށް ނުކުމެ އުޅުމުގެ ލުއިތަކެއް ދެއްވައިފައެވެ.

ނަމަވެސް އެ ލުއިތަކާއެކު ޔާމީން ވަނީ ސިޔާސީ ހަރަކާތްތައް ހިންގަވައިފައެވެ. އެގޮތުން އެ މަނިކުފާނު މީގެ ކުރިން ޕީޕީއެމްގެ އޮފީހަށް ވަޑައިގެން، ބައްދަލުވުންތަކާއި ޖަލްސާތައްވެސް ވަނީ ބާއްވަވައިފައެވެ.

ލީޑަޝިޕްގެ ނިންމުންތަކާ މެދު ހިތްޕުޅު ހަމަޖެހިވަޑައިނުގެން ޔާމީން ޕީޕީއެމުން އިސްތިއުފާދެއްވީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގައެވެ.