ފައިސާގެ މައްސަލަތަކާއި އިދާރީ އެތައް މައްސަލަތަކެއްގެ ތެރޭގައި އޮތް އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުން ހުސައިން ޖަވާޒު (ޖަވާ) އިސްތިއުފާ ދެއްވައިފިއެވެ.
ޖަވާ އިސްތިއފާ ދެއްވިކަން އޭނާ ވަނީ ކަށަވަރު ކޮށްދެއްވައިފައެވެ.
ޖަވާ މިއަދު މީޑިއާތަކަށް ވިދާޅުވީ 24 އަހަރާއި ތިން މަސް ދުވަހު އެފްއޭއެމްގައި ހޭދަކުރެއްވުމަށްފަހު މިއަދު އިސްތިއުފާ ދީފައިވާ ކަމަށާއި އެއީ އުނދަގޫވި ނިންމެވުމެއް ކަމަށެވެ.
ޖަވާ އިސްތިއުފާ ދިން ރަސްމީ ސަބަބު އޭނާ ބަޔާންކޮށްފައި ނުވި ނަމަވެސް، އިތުރަށް ވިދާޅުވީ މިވީހާ ދުވަހު އެފްއޭއެމްގައި މަސައްކަތް ކުރެއްވީ އިހުލާސްތެރިކޮށް ކަމަށާއި މަސައްކަތުގައި އެއްބާރުލުން ދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
ޖަވާ "ވަން ސްޕޯޓްސް"އަށް ވިދާޅުވީ މިވަގުތު މާ ގިނަ ވާހަކަތަކެއް ދައްކަވަން ބޭނުންފުޅު ނުވާ ކަމަށާއި އިސްތިއުފާ ދެއްވީ ހާލަތު ހުރި ގޮތުން ކަމަށެވެ.
އެފްއޭއެމްއަކީ މިވަގުތު ކޮރަޕްޝަނާއި ފައިސާގެ ހިޔާނާތުގެ ތުހުމަތުތަކެއްވެސް ކުރެވިފައިވާ އިދާރާއެކެވެ. އެ އިދާރާގެ ޖިނާއީ ތަހުގީގެއްވެސް ޕީޖީގެ އެންގުމަށް ފުލުހުން ކުރަމުންދާ އިރު، ދާދިފަހުން ވަނީ އިދާރާއަށް ފާސްކުރަންވެސް ވަދެފައެވެ. ފާސްކުރަން ވަދެ، ބައެއް ހެކިތައް ހޯދިފައިވާ ކަމަށް ފުލުހުން ބުނެފައިވާ އިރު، އެފްއޭއެމްއަށް މިހާރު ލީގުތައް ހިންގަންވެސް ވަނީ ދަތިތަކާ ދިމާވެފައެވެ. އެގޮތުން މުއައްޒަފުންނަށް މުސާރަ ނުދީ އެތައް ދުވަހެއްވެފައި އޮތުމުން، އިދާރާ މުވައްޒަފުން ވަޒީފާއަށްވެސް ނުނުކުމެއެވެ.
ކުރިން ފުޓްބޯޅަ ކުޅުއްވި، ޖަވާ އަންނަނީ 1999 ވަނަ އަހަރުން ފެށިގެން އެފްއޭއެމްގައި މަސައްކަތްކުރައްވަމުންނެވެ. އެފްއޭއެމް ސްޓާފެއްގެ ގޮތުގައި ފެށި މަސައްކަތުގައި ޖަވާ ވަނީ އެކި ރައީސުންގެ ދައުރުގައިވެސް ފުޓުބޯޅައިގައި ބުރަކޮށް މަސައްކަތް ކުރައްވައިފައެވެ. އެފްއޭއެމްގެ ރައީސް ކަމަށް ބައްސާމް އިންތިހާބުވެވަޑައިގަތުމަށް ފަހު 2016 ވަނަ އަހަރު ޖަވާ ޖެނެރަލް ސެކްރެޓަރީއަކަށް އައްޔަނުކޮށްފައިވާ އިރު، މިއަދާ ޖެހެންދެން އޭނާ ފުރުއްވަމުން ގެންދެވީ ދެވަނަ ދައުރެވެ. ބައްސާމްގެ ދައުރުގެ ކުރިން 2014 ވަނަ އަހަރު ވެސް ޖަވާ ވަނީ ޖެނެރަލް ސެކްރެޓަރީގެ މަގާމު އަދާކުރައްވައިފައެވެ.
ޖަވާ ވަނީ ދާދިފަހުން އޭޝިއާ ފުޓުބޯޅައިގެ މައި އިދާރާ އޭއެފްސީގެ ޑިވެލޮޕްމަންޓް ކޮމިޓީގެ މަގާމަކަށް އައްޔަންކޮށްފައެވެ.
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް