ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއިން ކުޅުނު މެޗުގައި ރަޔޯ ވަޔެކާނޯ ކައިރިން އެއްވަރުވެއްޖެއެވެ.
ބާސާއިން ރަށުން ބޭރުގައި ވަޔެކާނޯ ކައިރިން އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. ބާސާ ކޮޅަށް ވަޔެކާނޯގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ގޯލުން ރޭ ޕޮއިންޓެއް ލިބިފައިވާ އިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަތަރު ވަނައިގައެވެ. އެއީ 14 މެޗުން 31 ޕޮއިންޓާއެކުގައެވެ.
ބާސާގެ މަތިން ތާވަލުގެ ތިންވަނަ އާއި ދެވަނަ އަދި އެއްވަނައިގައި އޮތް ޓީމުތައް މިހާތަނަށް 13 މެޗު ކުޅެފައިވާ އިރު، ޖިރޯނާ އެއްވަނައިގައި އޮތީ 34 ޕޮއިންޓާއެކުގައެވެ. ރެއާލް މެޑްރިޑް ދެވަނައިގައި އޮތީ 32 ޕޮއިންޓާއެކުގައެވެ. އެތުލެޓިކޯ މެޑްރިޑް ތިންވަނައިގައި އޮތީ ބާސާއާ އެއްވަރަށް ޕޮއިންޓް ހޯދައި، ފައިދާ ގޯލުގެ ތަފާތުންނެވެ.
އިންޓަނޭޝަނަލް ބްރޭކަށްފަހު ރޭގެ މެޗަށް ބާސާއިން ނުކުތީ އަނިޔާގެ މައްސަލަތަކަކާ އެކުގައެވެ. މީގެ ދެ ހަފުތާ ކުރިން ލީގުގައި ކުޅުނު މެޗަށް ނެރުނު ފުރަތަމަ 11 އަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ބާސާއިން ރޭގެ މެޗަށް ނުކުމެފައިވާ އިރު، އެންމެ ބޮޑަށް ފާހަގަކުރެވުނީ އަނިޔާގެ ސަބަބުން ގޯލްކީޕަރު މާކް-އަންދްރޭ ޓާ ސްޓެގަންއަށް ނުކުޅެވުމެވެ.
އޭނާގެ ބަދަލުގައި ފުރަތަމަ 11 އަށް ނުކުތީ އިނާކީ ޕެނާއެވެ. ބާސާގެ ގޯލްކީޕަރުގެ ފަރާތުން މެޗުގެ ކުރީކޮޅުގައިވެސް ނުތަވަސް ވަގުތުތަނެއް ފެނިގެން ގޮސްފައިވާ އިރު، ފުރަތަމަ ހާފުގައި ވަޔެކާނޯއިން ލީޑުވެސް ނެގިއެވެ. އުނައި ލޮޕޭޒްގެ ހަމަލާއިން ވަޔެކާނޯ ލީޑުގައި ކުލެމުން ދަނިކޮށް ދެވަނަ ހާފަށް ކޯޗު ޒަވީ ވަނީ ކުރިން މެންޗެސްޓާ ސިޓީއަށް ކުޅުނު އިލްކޭ ގުންޑޮގަންއަށް ފުރުސަތު ދީފައެވެ.
އެހިސާބުން ބާސާއިން ނުރައްކާ ބޮޑުކޮށް، އެއްވަރުކުރީ 82 ވަނަ މިނެޓުގައެވެ. އެއީ ފްލޯރިއަން ލެޖެއޫން އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ