އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީން ކުޅުނު މެޗުގައި ބޮޑު ތަފާތަކުން ނިއުކާސަލް ކައިރިން ބަލިވި އިރު، އާސެނަލުން ފަހުވަގުތު ބްރެންޓްފޯޑް ބަލިކޮށް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ޗެލްސީން ރޭ ރަށުން ބޭރުގައި ނިއުކާސަލް ކައިރިން ބަލިވީ 4-1 ގެ ނަތީޖާއަކުންނެވެ. އޭގެ ފަހުން އާސެނަލުން ރަށުން ބޭރުގައި ކުޅުނު މެޗުގައި ފަހުވަގުތު ބްރެންޓްފޯޑު ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

ރޭގެ ނަތީޖާއާއެކު އާސެނަލް ތާވަލުގެ އެއްވަނައަށް ޖެހިލީ 13 މެޗުން 30 ޕޮއިންޓާއެކުގައެވެ. ރޭ ލިވަޕޫލާއި މެންޗެސްޓާ ސިޓީ ވާދަކުރި މެޗު 1-1 އިން އެއްވަރުވުމުން އާސެނަލަށް އެއްވަނައިގައި ފުރުސަތު އޮތް އިރު، މިވަގުތު ސިޓީ ދެވަނައިގައި އޮތީ 13 މެޗުން 29 ޕޮއިންޓާއެކުގައެވެ. ތިންވަނައިގައި ލިވަޕޫލް އޮތީ 13 މެޗުން 28 ޕޮއިންޓާ އެކުގައެވެ.

ޗެލްސީން ކުޅުނު މެޗުގެ 13 ވަނަ މިނެޓުގައި ނިއުކާސަލްއިން ލީޑު ނެގިއެވެ. އެ ގޯލު ޖެހީ އެލެކްސެންޑްރާ އިސާކެވެ. އެ ގޯލާއެކު ނިއުކާސަލްއިން ލީޑު ނެގިތާ މާގިނައިރެއް ނުވެ، ރަހީމް ސްޓާލިން ފޮނުވާލި ހިލޭ ޖެހުމަކުން ޗެލްސީން ނަތީޖާ ހަމަހަމަ ކުރިއެވެ. އޭގެ ފަހުން ފުރަތަމަ ހާފުގައި ޗެލްސީގެ ނުރައްކާ ބޮޑުކޮށް ފެނުނު އިރު، އެންޒޯ ފެނާންޑޭޒްގެ ހަމަލާވެސް މަތަކުރީ ނިއުކާސަލްގެ ކީޕަރެވެ.

ހާފު ނިމެން ދަނިކޮށް ކީރެން ޓްރިޕިއާ ފޮނުވާލި ހަމަލާއެއް ޗެލްސީ ގޯލުގެ ދަނޑިއަށް އަމާޒުވި ނަމަވެސް، އިތުރު ގޯލެއް ދެން ފެނުނީ 60 ވަނަ މިނެޓުގައެވެ. ނިއުކާސަލްއަށް އެ ގޯލު ޖަހައިދިނީ ޖަމާލް ލަސެލްސެވެ. އެ ގޯލަށް މިނެޓެއްވެސް ނުވަނީސް ޖޮއެލިންޓަންގެ ގޯލަކާއެކު ނިއުކާސަލްއިން ދެ ގޯލުގެ ފަރަގެއް ނެގިއެވެ.

މެޗުގެ 73 ވަނަ މިނެޓުގައި ރީސް ޖޭމްސްއަށް ރަތް ކާޑު ދައްކާފައިވާ އިރު، ނިއުކާސަލްއިން ހަތަރުވަނަ ގޯލެއް ޖެހީ 83 ވަނަ މިނެޓުގައެވެ. އެއީ އެންތޮނީ ގޯޑަން ޖެހި ގޯލެކެވެ.

އާސެނަލުން ކުޅުނު މެޗުގެ ފުރަތަމަ ހާފުގައިވެސް އެޓީމު ނުރައްކާ ބޮޑެވެ. ލިއާންޑްރޯ ޓްރޮސާޑާއި ގެބްރިއަލް ޖީސަސްއަށް ލިބުނު ފުރުސަތުތައް ބޭކާރުވެގެން ދިޔައިރު، އެޓީމުން ލީޑު ނެގީ 89 ވަނަ މިނެޓުގައެވެ. ބެންޗުން ނުކުތް ކައި ހަވާޓްސް، ގޯލު ޖެހީ ބުކަޔޯ ސަކާގެ ގޯލުންނެވެ.