ކެމަރޫން ގައުމީ ޓީމަށް ކުޅުނު މެޗުގައި އަނިޔާވި އަންދްރޭ އޮނާނާ އެވަޓަންއާ ދެކޮޅަށް ނުކުންނާނެ ކަމަށް ކޯޗު އެރިކް ޓެން ހާގު ބުނެފިއެވެ.

އުމުރުން 27 އަހަރުގެ އޮނާނާ، ކެމަރޫނުން މޮރިޝަސްއާ ދެކޮޅަށް ކުޅުނު ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗުގައި ކުޅެ އަނިޔާވެފައިވާ އިރު، އެ މެޗަށްފަހު އެނބުރި ޔުނައިޓެޑަށް ގޮސްފައިވެއެވެ.

ޔުނައިޓެޑުން މި ހަފުތާގެ ލީގު މެޗުގައި އެވަޓަންއާ ދެކޮޅަށް ނުކުންނަ އިރު، ކޯޗު ޓެން ހާގު އިއްޔެ ބުނީ އޮނާނާ ތަމްރީނުތަކަށް ނުކުމެ މަސައްކަތް ކޮށްފައިވާ ކަމަށާއި އޮނާނާ ފެންނަނީ ފިޓްކޮށް ކަމަށެވެ. އޭގެ އިތުރުން ލޫކް ޝޯވެސް ފިޓްވެ، އެނބުރި ސްކޮޑަށް އައިސްފައިވާ ކަމަށް ޓެން ހާގު ބުނެފައިވެއެވެ.

ޔުނައިޓެޑްގެ ފޯމު މިވަގުތު އޮތީ އެންމެ ރަނގަޅަކަށް ނޫނެވެ. އެޓީމަށް ގޯލު ޖެހުމުގައިވެސް އުނދަގޫތަކެއް ދިމާވެފައިވާ އިރު، އެންމެ ފޯމުގައި ހުރި ފޯވަޑް، ޑެންމާކުގެ ރަސްމުން ހޮއިލުންނަށް މިރޭގެ މެޗު ކުޅެވޭނެކަން ޔަގީނެއް ނޫނެވެ.

ޓެން ހާގު ބުނީ ހޮއިލުން ތަމްރީނުތައް ކުރި ނަމަވެސް، މެޗު ފިޓްކަން އެނގޭނީ ފަހުވަގުތު ޓެސްޓްތަކެއް ހެދުމަށްފަހުގައި ކަމަށެވެ. ޓެން ހާގަށް މިވަގުތު ހޮއިލުންގެ ބޭނުން ބޮޑުވެފައިވާ އިރު، ހޮއިލުންނަށް އަނިޔާވީ ޔުނައިޓެޑުން އިންޓަނޭޝަނަލް ބްރޭކްގެ ކުރިން ލުޓޮންއާ ދެކޮޅަށް ކުޅުނު މެޗުގައެވެ.