ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ ސަރުކާރުގެ ހިމާޔަތުގައި ސާބިތުވެ ހުންނަވާނެ ކަމަށް ޕީޕީއެމްގެ ދެ ނައިބް ރައީސުން ކަމަށްވާ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމްއާއި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ޕީޕީއެމް/ ޕީއެންސީގެ ލީޑާޝިޕުން އެ މަނިކުފާނަށް އެއްބާރުލުން ނުދެއްވާ ކަމަށާއި މަޝްވަރާ ނުކުރައްވާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ޕީޕީއެމްއާ ދުރަށް ވަޑައިގެން، އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވައިފައެވެ.
އެކަމާ ގުޅިގެން ސަރުކާރު ދިފާއުކުރައްވައި ގައްސާން އެކްސަގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގައުމަށް ހެޔޮ އެދޭ އެންމެހާ ރައްޔިތުން ރައީސް މުއިއްޒާއެކު ތިބުމަށް އެދޭ ކަމަށެވެ.
"ޕީޕީއެމް އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއެކު. ރައީސް މުއިއްޒުގެ ސަރުކާރުގެ ހިމާޔަތުގައި އަތާއިއަތް ގުޅައިގެން މި ތިބި ސަފުތަކުގައި ކެރުމާއި އިހުލާސްތެރިކަމާއެކު ސާބިތުވެ ހުރެ، ގައުމަށް ހެޔޮ އެދޭ އެންމެހާ ލޮބުވެތި ދިވެހިންނަށް ރައީސް މުއިއްޒާއެކު ކުރިއަށް ވަޑައިގަތުމަށް ގޮވައިލަން" ގައްސާންގެ ޕޯސްޓުގައިވެއެވެ.
ނައިފަރު ދާއިރާގެ މެންބަރުކަމުގައި ހުންނެވުމަށްފަހު ކެބިނެޓަށް ވަޑައިގެންނެވި ޝިޔާމް އެކްސްގައި މިރޭ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރަކީ ރައްޔިތުންގެ ވަރަށް ބުރަ މަސައްކަތުގެ ފޮނި ނަތީޖާ ކަމަށާއި މި ސަރުކާރު ގެނެވުނީ ރައްޔިތުން ފަސް އަހަރު މަގުމަތީ ވަރަށް ބޮޑެތި ގުރުބާނީތަކެއް ވެގެން ކަމަށެވެ.
"އަޅުގަނޑުގެ އަޒުމަކީ ރައްޔިތުން އެދޭ އަމާޒަށް ގައުމު ގެންގޮސްދެއްވުމަށް ރައީސް ޑރ. މުއިއްޒަށް އެންމެ ފުރިހަމައަށް އެއްބާރުލުންދީ އަދި އަޅުގަނޑަށް އިތުބާރު ކުރައްވާ ރައީސް ޑރ. މުއިއްޒު އަޅުގަނޑާ ހަވާލުކުރެއްވި ގައުމީ މަސްއޫލިއްޔަތު އަޅުގަނޑުގެ ލަޔާގަތާ ގާބިލިއްޔަތު ތަންދިން އެންމެ ފުރިހަމައަކަށް އަދާކޮށްދީ ގައުމާ ރައްޔިތުންނަށް އިހުލާސްތެރި މަސައްކަތްތަކެއް ކޮށްދީ ދިވެހީން ގެނައި މި އުއްމީދީ ސަރުކާރު ދަމަހައްޓަން އެންމެ ކުރީ ސަފުގައި މަސައްކަތް ކޮށްދިނުމެވެ،" ޝިޔާމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު