ދެކުނު އޭޝިއާ ސަރަހައްދުގެ ޓީމެއް ނަމަވެސް، އިންޑިއާއަކީ ފުޓުބޯޅައިގެ ގަދަބާރަކަށް ވެވިދާނެ ޓީމެއް ކަމަށާއި މިވަގުތު އިންޑިއާއަކީ ނިދާފައި އޮތް ފުޓުބޯޅައިގެ ގަދަބާރެއް ކަމަށް ކުރިން އާސެނަލަށް ގިނަ ދުވަސްތަކެއް ވަންދެން ކޯޗުކަން ކޮށްދިން، މިހާރު ފީފާފެ ޗީފް އޮފް ގްލޯބަލް ފުޓްބޯލް އާސެން ވެންގާ ބުނެފިއެވެ.

ފުޓުބޯޅައިގެ އެންމެ ތަޖުރިބާ ބޮޑު އެއް ފަރާތް ކަމަށްވާ ވެންގާ، މިވަގުތު އިންޑިއާއަށް ޒިޔާރަތްކޮށްފައި ވަނީ އެގައުމުގައި ފީފާގެ ހާއްސަ ޓެލެންޓް ސެންޓަރުތަކެއް ގާއިމުކޮށް، އިންޑިއާގެ ހުނަރުވެރި ކުދިން ދުނިޔޭގެ މަތީ ފަންތިއަށް ގެންދާނެ އެންމެ ފަހި ގޮތެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުންނެވެ. އެ މަސައްކަތުގެ ދަށުން އިންޑިއާއިން އިއްޔެ ވަނީ ބުބަނޭސްވާރްގައި އޮޑިޝާ ފުޓްބޯލް އެކަޑެމީ ހުޅުވައިފައެވެ. އެއީ ފީފާ އާއި އިންޑިއާގެ ފުޓުބޯޅަ ފެޑަރޭޝަން ގުޅިގެން ހިންގާނެ އެކަޑެމީއެކެވެ.

ވެންގާ އިއްޔެ ބުނީ ފުޓުބޯޅައަކީ ފެންވަރު ތަފާތު ތަޖުރިބާއިން ކުރިއެރުވޭނެ ހުނަރެއް ކަމަށާއި ހަގީގީ ހުނަރުވެރިން ހޯދޭނީ ވާދަވެރި މާހައުލެއް ގާއިމުކުރެވިގެން ކަމަށެވެ. އަދި ފުޓުބޯޅައަށްޓަކައި ސްޕޮންސަރުންނާއި ސަރުކާރުތައްވެސް އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށް ވެންގާ ބުނެފައިވާ އިރު، އޭނާ އިތުރަށް ފާހަގަކުރީ އިންޑިއާއިން ހުނަރު ހޯދަން މަދުވެގެން 40 އަކަށް އެކަޑެމީ ރަނގަޅަށް ހިންގަން ބޭނުންވާ ކަމަށެވެ.

އިއްޔެގެ އިވެންޓަށްފަހު ބޭއްވި ޕްރެސްގައި އިންޑިއާގެ ފުޓުބޯޅަ ފެޑަރޭޝަންގެ ރައީސް ކަލްޔާން ޗައުބޭ ބައިވެރިވެވަޑައިގެންފައިވާ އިރު، އޭނާ ވިދާޅުވީ އިންޑިއާއިން ކައިރި މުސްތަގުބަލެއްގައި ފުޓުބޯޅައިގެ އާ ތާރީހެއް ލިޔެލާނެ ކަމަށެވެ. އެކަމަށް ވެންގާ އެއްބަސްވެ، އޭނާ ބުނީ "1.5 ބިލިއަން މީހުންގެ އާބާދީއަކީ ފުޓުބޯޅަ ކުރިއަރައިގެންދާ އިރު ބާކީ ކޮށްލެވޭނެ އަދަދެއް ނޫން،" ކަމަށާއި އިންޑިއާއިން އަވަސް މުސްތަގުބަލެއްގައި ތާރީހު ލިޔެލާނެ ކަމަށެވެ.

ވެންގާ އިތުރަށް ބުނީ އިންޑިއާއަކީ ފުޓުބޯޅައިގެ ގަދަބާރެއް ކަމަށާއި މިވަގުތު ނިދާފައި އޮތަސް ވަރަށް އަވަހަށް ހޭލައްވާލެވިދާނެ ކަމަށެވެ. އަދި ބުނީ އިންޑިއާގެ އިގުތިސޯދު ބާރު ދުވެލީގައި ކުރިއަރަމުންދާ ދިޔުމަކީ އޭގެ މަންފާ ފުޓުބޯޅައަށްވެސް ކުރާނެ ކަމެއް ކަމަށާއި ދުނިޔޭގެ އެންމެ ޑިމާންޑް ބޮޑު، އެންމެ ވަރުގަދަ ކުޅިވަރު އިންޑިއާގައި ކުރިއަރުވަން ފީފާއިން ތައްޔާރު ކަމަށެވެ.