އާޖެންޓީނާ ގައުމީ ޓީމުގެ ކޯޗު، ލިއޮނެލް ސްކަލޯނީ ފަސް އަހަރު ފަހުން ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށްލާނެ ކަމުގެ އިޝާރާތެއް ދީފިއެވެ.

ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާއިން ރޭ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ބްރެޒިލާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކުރީ 1-0 ގެ ނަތީޖާއިންނެވެ. އެމެޗުގެ ކުރިން ވަރަށް ބޮޑަށް ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުން ހިނގާފައިވާ އިރު، އާޖެންޓީނާއިން ވަނީ މެޗު ފެށުމުގެ ކުރިން ދަނޑު ދޫކޮށް ގޮސްފައެވެ. އަދި އަނބުރާ އައީ މައްސަލަ ހައްލުވެ، 30 އަކަށް މިނެޓް ވީ ފަހުންނެވެ. މެޗު ފެށީ އެ ވަގުތު ދީފައެވެ.

އާޖެންޓީނާއާއެކު 2021 ވަނަ އަހަރުގެ ކޮޕާ އެމެރިކާއާއި މިދިޔަ އަހަރުގެ ގަތަރު ވޯލްޑް ކަޕް ކާމިޔާބުކުރި ކޯޗު ސްކަލޯނީ، ރޭގެ މެޗަށްފަހު ވާހަކަ ދައްކަމުން ބުނީ އާޖެންޓީނާއަށް ކޯޗުކަން ކުރަން މިވަގުތު އޭނާއަށް ފަސޭހަ ނޫން ކަމަށެވެ.

"އާޖެންޓީނާއަށް ބޭނުންވޭ ހަކަތަ ރަނގަޅު، އަބަދު ކޯޗުކަމަށް ވިސްނަން މިހާރު ހަކަތައެއް ނެތް. އަހަންނަށް މިހާރު ވިސްނަން ޖެހޭ އެތައް އެހެން ކަމެއް އެބަހުރި. އަހަރެން މިވަގުތަށް ބޯޅައިގެ ތެރެއިން ބޭރުވާން ޖެހޭ. މިއީ ގުޑްބާއީއެއް ނޫން. އެކަމަކު އަހަރެން މިހާރު ކޯޗުކަމާމެދު ވިސްނަން ޖެހޭ،" ސްކަލޯނީ ބުންޏެވެ.

ސްކަލޯނީ ބުނީ އާޖެންޓީނާއަށް ކުރާ އުންމީދު ވަރަށް ބޮޑު ކަމަށާއި ކާމިޔާބީތައް ހިފެހެއްޓުމަކީ ޗެލެންޖެއް ކަމަށެވެ. އެހެންކަމުން އެފްއޭއާ ވާހަކަ ދައްކައި، އާޖެންޓީނާ ކޯޗުކަމާމެދު ގޮތެއް ވިސްނާނެ ކަމަށްވެސް ސްކަލޯނީ ބުންޏެވެ.