އެއް ޖިންސުން ޖިންސީ ގުޅުން ހިންގި ކަމަށް އިއުތިރާފުވެ، ކުށް ސާބިތުވި ގާނޫނީ ވަކީލު ނާޒިމު އަބްދުއްސައްތާރަށް ކުރިމިނަލް ކޯޓުން ކަނޑައެޅި އަދަބު ކުޑަވެގެން، ހައި ކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ އަނބުރާ ނަގަން ޕްރޮސެކިއުޓަ ޖެނަރަލް (ޕީޖީ) އޮފީހުން އެދިފައިވާތީ، އެ މައްސަލަ ހައި ކޯޓުން ބޭރުކޮށްލައިފިއެވެ.

ހައި ކޯޓުން އެ މައްސަލަ ބޭރުކޮށްލާފައިވަނީ މިދިޔަ އާދިއްޔަ ދުވަހުއެވެ،

ނާޒިމްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާގެ އަސާސީ އަދަބަކީ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރް ނަަމަކަށް ކިޔާ މީހަކާއެކު އެއްޖިންސުން ގުޅުން ހިންގިކަމަށް އިއުތިރާފުވުމުން ނާޒިމްގެ މައްޗަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހު އިއްވީ އެއް މަހާއި 26 ދުވަހުގެ ޖަލު ހުކުމެކެވެ. އެ އަދަބު ލުއިކޮށް ވަނީ، ތިން މަހާއި 26 ދުވަހަށް ގޭބަންދުގެ ހުކުމަކަށް ބަދަލުކޮށްފައެވެ.

އެ ހުކުމް ތަންފީޒުކޮށް ނިމުމުން ނާޒިމް މިހާރު ހުރީ މިނިވަންވެފައެވެ.

ނާޒިމަށް ދިން އަދަބު ކުޑަވެގެން ޕްރޮސިިކިއުޓަ ޖެނަރަލް (ޕީޖީ) އިން ހައި ކޯޓަށް ހުށަހެޅީ މިދިޔަ އަހަރުގެ 26 އޮކްޓޫބަރުގައެވެ. ނަމަވެސް އެ މައްސަލައިގެ އެއްވެސް އަޑުއެހުމެއް އެ ކޯޓުގައި ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

ހައި ކޯޓުން އެ ދައުވާ ފޯމު ބާތިލުކުރި ރިޕޯޓުގައި ވާގޮތުން، އެ މައްސަލަ ބާތިލުކޮށްދޭން ޕީޖީން އެދިފައިވަނީ، މައްސަލަ އަލުން މުރާޖާ ކުރުމަށް ފަހު މިދިޔަ އާދިއްތަ ދުވަހުއެވެ. އަދި އެގޮތަށް ނިންމި ސަބަބެއް ކަމަށް ބަޔާންކޮށްފައިވަނީ އެ މައްސަލައިގެ ދައުވާއަށް ގާނޫނުގައި ބަޔާން ކުރަނީ ނިސްބަތުން ކުޑަ އަދަބަކަށް ވުމާއި ހުކުމާ އެއްގޮތަށް އެ ހުކުމް ތަންފީޒުކޮށް ނިމިފައިވުމުން އެ މައްސަލަ ކުރިއަށްގެންދިއުމުގެ މަސްލަހަތެއް މިހާރު ނެތުމުން ކަމުގައި ދައުވާ ފޯމު ބާތިލްކުރި ރިޕޯޓުގައިވެއެވެ.