އިންޑިއާއަށް ބަދުބަސްބުނެ، ކައިބޮއިގެން ހަމަޖެހިގެން އުޅެވޭނެ ކަމަށް ހީކޮށްގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ، އަންނަ 2024 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓް ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނަޝީދު ވިދާޅުވީ، މިފަހަރުވެސް މަޖިލީހަށް ހުށަހަޅާފައިވަނީ ބޮޑު ދަރަނި ބަޖެޓެއް ކަމަށާއި، ރާއްޖެ މިދަނީ ޑީފޯލްޓަކާ ދިމާލަށް ކަމަށެވެ.
ނަޝީދު ވިދާޅުވީ، 800 މިލިޔަން ޑޮލަރު އެކި ގޮތްގޮތުން ރާއްޖޭން ބޭރުން ހޯދަން ބަޖެޓްގައި ހިމަނާފައިވާއިރު، ދައުލަތުގެ ދަރަނި އަނބުރާ ރީސްޓްރަކްޗާ ކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއްކަމަށެވެ. އެކަން ނުކޮށް އެހެން ތަންތަނުން ބަޖެޓް ސަޕޯޓް ލިބޭނެކަމަށް ހީކޮށްގެން ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އިންޑިއާއާ އެކު ރާއްޖެ އޮތުން މުހިއްމުކަން ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވީ ޓްރެޝަރީބިލް ރޯލްއޯވާކުރަން މާދަމާވެސް ދާން ޖެހޭނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ކަމަށެވެ.
"މާދަމާ ޓްރެޝަރީބިލް ރޯލްއޯވާކުރަން ދާން ޖެހޭނީ އެސްބީއައި އަށް، 100 މިލިޔަން ޑޮލަރު ބޭނުންވޭ، އެ ރޯލެއް ނުކުރެވޭނެ އަޅުގަނޑުމެން އިންޑިއާޔާ ދިމާލަށް އެއްޗެހި ކިޔަމުން ދަނިކޮށެއް، އަދި މާދަމާ ޗައިނާ އަތުން އަޅުގަނޑުމެންނަށް ފައިސާ ލިބިދާނެކަމަށް ދެކުންވެސް އެއީ ކުށެއް ގޯހެއް، ނަގާނެ ދުވަސް އަދި ޔޫއޭއީ އަތުންވިޔަސް، ސައުދީ އަތުންވިޔަސް ފައިސާ އަންނަން ދުވަސްކޮޅެއް ނަގާނެ، ބުއްދިވެރިކަމާއެކީ މިކަން ކުރައްވާނެ ކަމަށް އަޅުގަނޑު ޔަގީންކުރަން." ނަޝީދު ވިދާޅުވިއެވެ.
އެހެންކަމުން ނަޝީދު ވިދާޅުވީ، އިންޑިއާއަށް ބަދުބަސް ބުނެ އަޅުގަނޑުމެން މިތަނުގައި ތަނަވަސްކަމާއެކު ކައިބޮއި އުޅެވޭނެ ކަމަށް ދެކިގެންނުވާނެ ކަމަށެވެ.
"އަޅުގަނޑުމެން އިންޑިއާއާ އެކީގައި ތިބުމަކީ ވަރަށް ބޭނުންތެރިކަމެއް، މިތަނުގައި އެއްވެސް މަސައްކަތަކަށް އައިސްތިބި އިންޑިއާބަޔަކު ބޭރުކޮށްލާކަށް އަޅުގަނޑުމެން އުޅެގެން ނުވާނެ،" ކަމަށްވެސް ނަޝީދު ވިދާޅުވިއެވެެ.
އަންނަ 2024 ވަނަ އަހަރަށް ލަފާކޮށް ދައުލަތުގެ ބަޖެޓްގެ ގޮތުގައި 49.5 ބިލިޔަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅައިފައެވެ.
މިއަދު ބަޖެޓް ބަހުސް ފެށީ، މަޖިލިސް ގަވާއިދުގައި ކަނޑައަޅާފައިވާ ހުސްވަގުތުތައް ދިނުމަށްފަހު، ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަން އެދިވަޑައިގަންނަވާ ހުރިހާ މެންބަރުންނަށް ފުރުސަތު ދީ ނިމެންދެން ޖަލްސާގެ ވަގުތު މިރޭ 10:00 އަށް ކުރިއަށްގެންދަން އަދި ބަޖެޓް ބަހުސް ކުރިއަށްދާ ދެވަނަ ދުވަހުވެސް ވާހަކަ ދައްކަވަން ބޭނުންވެވަޑައިގަންނަވާ މެންބަރުންނަށް ފުރުސަތު ދެއްވައި ނިމެންދެން ޖަލްސާގެ ވަގުތު އިތުރު ކުރުމަށް ޖަލްސާގައި ތިއްބެވި 40 މެންބަރުންގެ ތެރެއިން 34 މެންބަރުންގެ ވޯޓުން ފާސްކޮށްގެންނެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓްގައިވާގޮތުން، ބަޖެޓުން ހަރަދުގެ ގޮތުގައި ހިނގާނީ 47.3 ބިލިއަން ރުފިޔާއެވެ. އެއީ ރިކަރަންޓް ހަރަދުގެ ގޮތުގައި 34.8 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 12.5 ބިލިއަން ރުފިޔާއެވެ. މީގެ އިތުރުން ދައުލަތުގެ ދަރަނި އަދާކުރުމަށް ޓަކައި 2.2 ބިލިއަން ރުފިޔާވެސް ބަޖެޓުގައި ވަނީ ހިމަނައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު