ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބޯހިޔާވަހިކަމާ ގުޅޭގޮތުން ގެނައީ ސިހުރު ހާހޫރައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ 2024 ވަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ދައުލަތުގެ ބަޖެޓް ބަހުސްގައި މިއަދު ވާހަކަ ދައްކަވަމުންނެވެ.
"ދެވަނަ ދައުރެއް ހޯއްދެވުމަށްޓަކައި ވަޒީރު ބޭފުޅުންނާއި އެންމެ ބޭފުޅުން ނުކުންނަވައި ރާއްޖޭގެ ރައްޔިތުންނަށް ކަނޑައެޅިގެން އޮޅުވާލަމުން ގެންދެެވީ، ގޯތި ދޭނަމޭ ވިދާޅުވެ ފާޑު ފާޑުގެ ސިޓީތައް ފާޑު ފާޑުގެ ލިއުންތައް މީހުންނަށް ބަހަމުން ގެންދިޔައީ ބިމެއްނެތް،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުންދޫކުރި ބޯހިޔާވަހިކަމުގެ ލިއުންތަކަށް، ހުރުމަތްތެރިކޮށް ނުހިއްތަވާނެ ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވީ ރަނގަޅަށް ކަމަށެވެ.
"ހައިދަރު އެ ވިދާޅުވާ ބަސް އައްސަވާ އެއީ މިކަން ކުރަންއެނގިވަޑައިގަންނަވާނެ ވަޒީރު ބޭފުޅެއް، އެ ބޭފުޅާގެ ފަންނީ އެހީގައި އަޅުގަނޑުމެން މިއަށް ހައްލެއް ހޯދަން ޖެހޭނީ، މާލޭ ސީޓީކައުންސިލްގެ ރުހުމެއް ބެލުމެއް އަހާލުމެއްނެތި މާލެ ފޮތިފޮތިކޮށް ބަހައިލީ ކަނޑައެޅިގެން ގާނޫނުގައި އެބައޮތް މާލޭ ސީޓީކައުންސިލުން ހިންގަންޖެހޭ ކަމެއް ކަމަށް، އެއީ ގާނޫނީ ނިޒާމުން ބޭރުން ބަހައިފަ ހުރި ރަޖިސްޓްރީތަކެއް އެ ދުވަހުވެސް އަޅުގަނޑު މާލޭ ރައްޔިތުންނަށް ދެންނެވިން ތިބޭފުޅުން ގަޅަހައްދަނިއްޔޭ، ގަބޫލު ނުކުރައްޗޭ، މިބޭފުޅުން އަޅުގަނޑުމެންގެ ކުރިމައްޗަށް މިގެނައި ލިޔުންތަކާއި ޕްލޭންތަކާއި އެ ގެނައި ކުރެނުން ތަކަކީ ބީލާހެއް، އެއީ ސިހުރެއް އެއީ ހާހޫރައެއްް އެއީ ބޯހިޔާވަހިކަމުގެ މަޝްރޫއެއްނޫން،"
ސޯލިހުގެ ސަރުކާރުންދޫކުރި ބޯހިޔާވަހިކަމުގެ ލިއުންތަކަށް ނުބައްލަވާނެ ކަމަށް މިނިސްޓަރު ހައިދަރު ވިދާޅުމުން، މަޖިލީހުން އޭނާއަށް ރުހުން ނުދޭނެކަމަށް ބައެއް އެމްޑީޕީ މެންބަރުން މިއަދު ވިދާޅުވިއެވ.
އެކަމާ ގުޅިގެން ނަޝީދު ވިދާޅުވީ، ހައިދަރަށް އެމަނިކުފާނުގެ އިތުބާރު އެބައޮތް ކަމަށެވެ. އަދި އާ ރައީސްގެ ކެބިނެޓަށް ރުހުންނުދީ ތިބުމުގެ ޖާގައެއްނެތް ކަމަށްވެސް ވިދާޅުވިއެވެ.
"ރައްޔިތުން މިވަނީ ވެރިކަން ބަދަލު ކޮށްފަ، އެ ވެރިކަން އެކުލެވިގެން ވަނީ ވަޒީރުންގެ މަޖިލީހަކާއެކު، އެ ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުމަކީ އަޅުގަނޑުމެންގެ މައްޗަށް އަހުލާގީގޮތުން ވާޖިބުކަމެއް، ހުރިހާ މެންބަރުންވެސް ރުހުން ދެއްވާނެ، ހައިދަރަކީ ރާއްޖޭގައި ޕްލޭނިން މިނިސްޓްރީއެއް އުފެއްދީއްސުރެން އެ މިނިސްޓްރީގައި މަަސައްކަތްކުރަމުން ގެންދަވާ ފަންނީ ބޭފުޅެއް،"
އެ މައްސަލައިގައި މިނިސްޓަރު ހައިދަރަށް ރުހުން ނުދޭންވީ ނޫން ކަމަށާއި، އެކަމުގައި ކުރީގެ ޕްލޭނިންގ އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމުގެ މައްޗަށް ދައުވާ ކުރަންވެސް ނަޝީދު ގޮވައިލެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު