ބަހުސްގައި ވާހަކަދައްކަވާން ބޭނުންވެވަޑައިގަންނަވާ ހުރިހާ މެންބަރުންނަށް ފުރުސަތު ދިނުމަށް ފާސްކޮށް، އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގެ ބަހުސް ފަށައިފި އެވެ.

އަންނަ 2024 ވަނަ އަހަރަށް ލަފާކޮށް ދައުލަތުގެ ބަޖެޓްގެ ގޮތުގައި 49.5 ބިލިޔަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅައިފައެވެ.

ބަޖެޓް ބަހުސް މަޖިލިސް ތަޅުމުގައި ކުރިއަށްދާ އިރު، ކޮންމެ މެންބަރަކަށް 15 މިނެޓްގެ ފުރުސަތެއް ދިނުމަށާއި ބަޖެޓާ ބެހޭގޮތުން މެންބަރުން ކުރައްވާ ސުވާލުތަކަށް ޖަވާބު ދެއްވައި، މަޖިލީހަށް ޖަވާބުދާރީވެވަޑައިގެންނެވުމަށް ފިނޭންސް މިނިސްޓަރަށް 45 މިނެޓްގެ ވަގުތެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމިޓީން ވަނީ ފާސްކޮށްފައެވެ. ނަމަވެސް މިއަދު ކުރިއަށްދާ ބަހުސްގެ ވަގުތުގައި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގް މަޖިލިސް ޖަލްސާއަށް ވަޑައެއް ނުގަންނަވައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، މާދަމާގެ ޖަލްސާއަށް ވަޑައިގަންނަވާނެ ކަމަށް ފިނޭންސް މިނިސްޓަރު އަންގަވާފައިވާ ކަމަށެވެ.

މަޖިލިސް ގަވާއިދުގައި ކަނޑައަޅާފައިވާ ހުސްވަގުތުތައް ދިނުމަށްފަހު، ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަން އެދިވަޑައިގަންނަވާ ހުރިހާ މެންބަރުންނަށް ފުރުސަތު ދީ ނިމެންދެން ޖަލްސާގެ ވަގުތު މިރޭ 10:00 އަށް ކުރިއަށްގެންދަން އަދި ބަޖެޓް ބަހުސް ކުރިއަށްދާ ދެވަނަ ދުވަހުވެސް ވާހަކަ ދައްކަވަން ބޭނުންވެވަޑައިގަންނަވާ މެންބަރުންނަށް ފުރުސަތު ދެއްވައި ނިމެންދެން ޖަލްސާގެ ވަގުތު އިތުރު ކުރުމަށް ޖަލްސާގައި ތިއްބެވި 40 މެންބަރުންގެ ތެރެއިން 34 މެންބަރުން ވޯޓު ދެއްވައިގެން ވަނީ ފާސްކޮށްފައެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓްގައިވާގޮތުން، ބަޖެޓުން ހަރަދުގެ ގޮތުގައި ހިނގާނީ 47.3 ބިލިއަން ރުފިޔާއެވެ. އެއީ ރިކަރަންޓް ހަރަދުގެ ގޮތުގައި 34.8 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 12.5 ބިލިއަން ރުފިޔާއެވެ. މީގެ އިތުރުން ދައުލަތުގެ ދަރަނި އަދާކުރުމަށް ޓަކައި 2.2 ބިލިއަން ރުފިޔާވެސް ބަޖެޓުގައި ވަނީ ހިމަނައިފައެވެ.