ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރަމުންދިޔަ ކްލަބު ގްރީން ސްޓްރީޓްސްއިންވެސް ލީގުގައި ބާކީ އޮތް މެޗުތައް ނުކުޅެން ނިންމާ އެކަން އެފްއޭއެމްއަށް އަންގައިފިއެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ) މިއަދު ވިދާޅުވީ ގްރީނުން ލީގުގައި ބާކީ އޮތް މެޗުތައް ދޫކޮށްލަން ނިންމާ އެކަން އަންގާފައިވާ ކަމަށެވެ. ގްރީނުން އެކަން އެގޮތަށް ނިންމީ ފައިސާގެ ދަތިތަކާ ހެދިގެން ކަމަށްވެސް ޖަވާ ވިދާޅުވިއެވެ. ގްރީނުން ލީގުގެ ބާކީ ހުރި މެޗުތައް ދޫކޮށްލުމުން، އެ މެޗުތަކަށް ޖޫރިމަނާ އަރާނެ ކަމަށް ބެލެވެއެވެ. އެހެން ނަމަވެސް އެގޮތަށް އެކަން ނިންމި ކަމަށް އެފްއޭއެމްއިން ރަސްމީކޮށް ބުނެފައެއް ނުވެއެވެ.
ގްރީނުން މީގެ ކުރިން ފައިސާގެ މައްސަލަތަކުގައި ބަޔާން ނެރެފައިވެއެވެ. އެގޮތުން ލީގުގައި ކުޅޭ ކްލަބުތަކަށް ސަރުކާރުން ދޭ މާލީ އެހީތެރިކަން ދިނުމުގައި ޔޫތު މިނިސްޓްރީން ތަފާތުކުރުން ގެންގުޅޭ ކަމަށް ގްރީނުން ބުނެފައިވާ އިރު، އެ ކްލަބުން ދާދިފަހުން އެފްއޭއެމްގެ ލީޑާޝިޕާ ދެކޮޅަށްވެސް އަޑު އުފުލާފައިވާކަން ފާހަގަވިއެވެ. އެގޮތުން އެފްއޭއެމްގެ އެކްސްކޯއިން ގްރީން ސްޓްރީޓްސްގެ ރައީސް މުއާވިޔަތު ހަލީލް (މުއާބެ) ވަނީ އިސްތިއުފާވެސް ދީފައެވެ.
ލީގުގެ ފެންވަރު ވަރަށް ބޮޑަށް ދަށްވެ، މިހާރު އޮތީ ކިރިޔާ ކުޅެވޭ ހިސާބުގައެވެ. ލީގުގެ އިންތިޒާމު ދުވަހެއް ދުވަހަކަށް ދަށަށް ގޮސް، މިހާރު ވަނީ ކްލަބު ވެލެންސިއާއިންވެސް ބާކީ މެޗުތައް ދޫކޮށްލައިފައެވެ. އެފްއޭއެމްގެ އިންތިޒާމުތައް ގޯސްވެ، އަތޮޅު ތެރޭގައި ކުޅެން ފެށި ކޮލިފިކޭޝަންތައްވެސް ހުއްޓިފައިވާ އިރު، އާ ލީގު ފޯމެޓަށް އަންނަ ސީޒަން ބަދަލު ނުކުރެވޭނެ ކަމަށް މިހާރު ވަނީ ބެލެވިފައެވެ.