މަސްތުވާތަކެތީގެ ދެ މައްސަލައެއްގައި އައްޑޫ އިން ނުވަ މީހަކު ހައްޔަރުކޮށްފިއެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނީ، މި 9 މީހުން ހައްޔަރުކުރީ މަސްތުވާތަކެއްޗާ ދެކޮޅަށް އައްޑޫ ސިޓީގައި ކުރިއަށް ގެންދާ ހާއްސަ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ.

އެ އޮޕަރޭޝަންތަކުގެ ތެރެއިން ފޭދޫގައި ހިންގި އޮޕަރޭޝަނަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުންޏެވެ. މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ގެއެއް ބަލައި ފާސްކޮށް ދިވެހި 8 ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެއީ 20 އަހަރުގެ މީހަކާއި 26 އަހަރުގެ މީހަކާއި 27 އަހަރުގެ މީހަކާއި 30 އަހަރުގެ މީހެއްގެ އިތުުރުން 31 އަހަރުގެ މީހަކާއި 33 އަހަރުގެ މީހަކާއި 36 އަހަރުގެ މީހަކާ އަދި 45 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުނެއެވެ.

އެ މީހުން ހައްޔަރުކޮށް އެ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ހަތް ސެލޯފިންކޮޅާއި ފިލްމު ހުސްކުރި ހަތަރު ދަޅު އަދި ކަރުދާސްކޮޅެއް ފެނިފައިވާ ކަމަށާއި މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހަކާ ގުޅުން ހުރި އެހެން ގެއެއްގައި މަސްތުވާތަކެތި ގެންގުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ހުކުރު ދުވަހުގެ ރޭ، އެ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓު ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މީގެ އިތުރުން ފުލުހުންގެ އިންޓެލިޖެންސާއި ހުޅުމީދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ހަތަރު ދަޅާއި، މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި އެހެނިހެން ތަކެތި ފެނިފައިވާ ކަމަށާއި މި ތަކެތި ފެނިފައިވަނީ މިދިޔަ ބުދަދުވަހުގެ ރޭ ހިންގި އޮޕަރޭޝަނުގައި 31 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް އޭނާ މަސައްކަތްކުރާ ބޯޓު ބަލައިފާސްކުރި ކުރުމުންކަމަށް ފުލުހުން ބުންޏެވެ.

މި ދެ މައްސަލަވެސް ފުލުހުންގެ އަންނަނީ މިހާރު ތަހުގީގު ކުރަމުންކަމަށް ފުލުހުން ބުންޏެވެ.