އައިސީސީ ކްރިކެޓް ވޯލްޑް ކަޕްގެ ފައިނަލުގައި ހޯސްޓް އިންޑިއާ ބަލިކޮށް، އޮސްޓްރޭލިއާއިން ހަވަނަ ފަހަރަށް ދުނިޔޭގެ ކްރިކެޓް ޗެމްޕިއަންކަން ހޯދައިފިއެވެ.
ދުނިޔޭގެ އެންމެ ބޮޑު ކްރިކެޓް ސްޓޭޑިއަމް، އަހުމަދުއާބާދުގެ ނަރެންދްރަ މޯދީ ސްޓޭޑިއަމްގައި އިއްޔެ ކުޅުނު ކްރިކެޓް ވޯލްޑް ކަޕްގެ ފައިނަލް އޮސްޓްރޭލިއާއިން ކާމިޔާބުކުރީ ހަ ވިކެޓުންނެވެ. އެއް ލައްކަ ތިރީސް ހާސް މީހުންގެ ސްޓޭޑިއަމަށް އިންޑިއާއަށް ސަޕޯޓުކުރަން ލައްކައަކަށްވުރެ ގިނަ މީހުން ވަދެ ތިބި އިރު، މަގުބޫލު މޫނުތައްވެސް ހިމެނެއެވެ. އެގޮތުން ޝާހްރުކް ހާނާއި ވިރާތު ކޯލީގެ އަންހެނުން އަނުޝްކާ ޝަރުމާ، ދިޕިކާ ޕަޑުކޯންގެ ދެމަފިރިންވެސް ހިމެނެއެވެ.
ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗަކުން ފުރިހަމަ މޮޅުތައް ހޯދައި، ހުރިހާ މެޗަކުން މޮޅުވެގެން ސެމީއަށް ދިޔަ އިންޑިއާއިން ފައިނަލަށް ދިޔައީ ސެމީގައި ނިއު ޒިލެންޑްވެސް ބޮޑު ތަފާތަކުން ބަލިކޮށްފައެވެ. އިއްޔެގެ ތަށްޓަށް ފެވަރިޓުންގެ ގޮތުގައި އިންޑިއާ ނުކުތް ނަމަވެސް، ނާއުންމީދީ ބައްޔާއެކު މުޅި ސްޓޭޑިއަމް ފެނުނީ ރޮވިފައި ތިބިތަނެވެ.
މެޗުގައި ޓޮސް ދިމާވުމުން އޮސްޓްރޭލިއާއިން ނިންމީ ފީލްޑް ކުރުމަށެވެ. އިންޑިއާއަށް މިއަދުގެ ބެޓިންގައި ނާކާމިޔާބީއާ ކުރިމަތިވި އިރު، ރޯހިތު ޝަރުމާ ދިޔައީ 31 ބޯޅައިން 47 ލަނޑު ހެދިތަނުންނެވެ. އަދި ކަމިންސްގެ މޮޅު އުކުމާއެކު ކޯލީވެސް ވަނީ 54 ލަނޑުން ނުބައިވެފައެވެ. އެންމެ ރަނގަޅަށް ކުޅުނު ކޭއެލް ރާހުލްއަށް ހެދުނީ 66 ލަނޑެވެ.
އިންޑިއާއިން ބެޓްކޮށް ޖުމުލަ ހެދުނީ 50 އޯވަރު ތެރޭގައި 240 ލަނޑެވެ.
އޮސްޓްރޭލިއާއިން ބެޓްކުރަން އަރައި ފުރަތަމަ ކޮޅުގައި އުނދަގޫތަކާ ކުރިމަތިލި ނަމަވެސް، ޓްރެވިސް ހެޑް ސެންޗަރީ ހެދިއެވެ. އޭނާ 120 ބޯޅައިން 137 ލަނޑު ހެދިއިރު، އޮސްޓްރޭލިއާއިން ވަނީ 43 އޯވަރުގެ ތެރޭގައި 241 ލަނޑު ހަދައިފައެވެ. އެއީ ހަތަރު ކުޅުންތެރިން ނުބައިވެގެންނެވެ.
އިންޑިއާއިން 2011 ވަނަ އަަހަރަށްފަހު ތަށްޓަކަށް ކުރި އިންތިޒާރު ނިމުމަކަށް އައީ ކަރުނައިންނެވެ. އޮސްޓްރޭލިއާއިން 2021 ވަނަ އަހަރު ޓީ20 ވޯލްޑް ކަޕަށްފަހު އަނެއްކާވެސް ތަށި ހޯދައި، މުޅި އިންޑިއާއަށް ސިހުން ގެނައެވެ.