ދުނިޔޭގެ އެންމެ ވަރުގަދަ ފްރެންޗައިސް ކްރިކެޓް މުބާރާތް އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ގެ ޗެމްޕިއަންކަން، އަނެއްކާވެސް ރޯޔަލް ޗެލެންޖާސް ބެންގަލޫރުން ހޯދައިފިއެވެ.
މިދިޔަ އަހަރުގެވެސް ޗެމްޕިއަން ބެންގަލޫރުން މިފަހަރުގެ ފައިނަލުގައި ވާދަކުރީ ގުޖުރާތު ޓައިޓަންސްއާ ދެކޮޅަށެވެ. އަހްމަދުއާބާދުގެ ނަރެންދްރަ މޯދީ ސްޓޭޑިއަމްގައި މިރޭ ކުޅުނު ފައިނަލުގައި ބެންގަލޫރުން ގުޖުރާތު ބަލިކުރީ ފަސް ވިކެޓުންނެވެ.
ބެންގަލޫރުން ފުރަތަމަ ފަހަރަށް ތަށި ހޯދީވެސް މިދިޔަ އަހަރުއެވެ. އޭގެ ކުރިން ކުޅުނު ތިން ފައިނަލަކުން އެޓީމު ބަލިވެފައިވާ އިރު، މިއީ ޖެހިޖެހިގެން ކާމިޔާބުކުރި ދެވަނަ ތަށްޓެވެ. މީގެ ކުރިން އައިޕީއެލް ތަށި ދިފާއުކުރީ ޗެންނާއި ސުޕާ ކިންގްސްއާއި މުމްބާއީ އިންޑިއަސް އެކަންޏެވެ. ޗެންނާއީން 2010 އަދި 2011 ވަނަ އަހަރު ތަށި ހޯދި އިރު، މުމްބާއީން ވަނީ 2019 ވަނަ އަހަރާއި 2020 ވަނަ އަހަރު ތަށި ހޯދައިފައެވެ.
ލީގު ބުރުގެވެސް އެއްވަނަ ހޯދި ބެންގަލޫރަށް ގުރު ދިމާވުމުން އެޓީމުން ނިންމީ ހޮވާށެވެ. ގުޖުރާތަށް 20 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ 155 ލަނޑެވެ. ބެންގަލޫރުގެ ރާސިހް ދާރު ތިން ވިކެޓް ނެގި އިރު، ގުޖުރާތުގެ އެންމެ ރަނގަޅު ބެޓްސްމަނުން ކަމަށްވާ ސައި ސުދަރްސަނާއި ކެޕްޓަން، ޝުބްމަން ގިލްވެސް ވަނީ މާ ރަނގަޅު ސްކޯއެއް ނުހެދި ނުބައިވެފައެވެ.
ގުޖުރާތަށް އެންމެ ރަނގަޅަށް ކުޅުނު ވޮޝިންޓަން ސުންދަރަށް 50 ލަނޑު ހެދުނީ 37 ބޯޅައިންނެވެ.
ބަދަލުގައި ކުޅެން އަރައި، 18 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން ބެންގަލޫރުން 161 ލަނޑު ހަދައި ފައިނަލް ކާމިޔާބުކުރިއެވެ. ކެޕްޓަން ވިރާތު ކޯލީ ވަނީ ނުބައި ނުވެ، 42 ބޯޅައިން 75 ލަނޑު ހަދައިފައެވެ. މެޗުގެ ވިރާތު ވަނީ 25 ބޯޅައިން 50 ހަމަކޮށްފައެވެ. އެއީ އޭނާގެ އައިޕީއެލް ކެރިއަރުގައިވެސް އެންމެ އަވަސް 50 އެވެ.
މުޙައްމަދު ޝަމްޢޫން
އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)
އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)
އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)
އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)