އެކިއެކި މަޝްރޫއުތައް ހިންގުމަށް ވެފައިވާ އެއްބަސްވުންތައް ނުހިމަނައި، ފާއިތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އިންޑިއާއާއެކު 100 އަށްވުރެ އެއްބަސްވުންތައް ހަދާފައިވާ ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.

ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ޕަބްލިކް ޕޮލިސީ އަންޑަސެކްރެޓަރީ މުހައްމަދު ފިރުޒުލް ވިދާޅުވީ ރާއްޖޭގެ ސިޔާދަތަށް އުނިކަން ލިބޭގޮތަށް ދޭދޭ ގައުމުތަކާއެކު ވެފައިވާ އެއްބަސްވުންތަކުގައި ސިޔާދަތަށް އުނިކަން ލިބޭހެން ހުރި ނުކުތާތައް އުވާލުމުގެ މަސައްކަތް ފެށުމަކީ މި ސަރުކާރުން އިސްކަމެއްދޭ ކަމެއް ކަމަށާއި އޭގެ ތެރެއިން އެންމެ ބޮޑަށް ފާހަގަވެގެން އައި ކަމަކީ އިންޑިއާއެކު ވެފައިވާ އެއްބަސްވުންތައް ކަމަށެވެ،

"މިހާތަނަށް އެއް ކުރެވިފައިވާ މައުލޫމާތައް ބަލާ އިރު، އަދި ޔަގީންކުރެވިފައިވާ މައުލޫމާތަށް ބަލާ އިރު، ބައިލެޓަރަލް އެއްބަސްވުންތަކުގެ ގޮތުގައި އިންޑިއާއެކު އެކަނި ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި 100 އަށްވުރެ ގިނަ ބައިލެޓަރަލް އެގްރީމަންޓް ވެވިފައި އެބަހުރި، ސޮއިކުރެވިފައި އެބަހުރި. އަޅުގަނޑު ފާހަގަކޮށްލަން ބޭނުން މި އަދަދުގެ ތެރޭގައި އަޅުގަނޑު މި ފާހަގަކުރަނީ ޕްރޮޖެކްޓްތައް ހިންގުމަށް ވެވިފައި ހުރި އެއްބަސްވުންތައް ނުހިމަނައި. މިއީ ވަރަށް ބޮޑު އަދަދެއްކަން ފާހަގަކޮށްލަން،" އޭނާ ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ އިންޑިއާއެކު ވެފައިވާ އެއްބަސްވުންތައް ދިރާސާކުރަން ޖެހޭ ކަމަށާއި 100 އަށްވުރެ ގިނަ އެއްބަސްވުމަކީ ދިރާސާކުރުމަށް ވެސް މަދު އަދަދެއް ނޫން ކަމަށެވެ. އަދި ރާއްޖޭގައި އިންޑިއާ ސިފައިން ތިބި އަދަދު ވެސް އޭނާ ހާމަކުރެއްވިއެވެ.

""އެންމެ މުހިންމު ކަމެއްގެ ގޮތުން ދިވެހިރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުވެ ތިބި އަދަދު މިހާތަނަށް އެއް ކުރެވުނު މައުލޫމާތުން އަޅުގަނޑުމެންނަށް ސާފުވެފައިވާ މިންވަރު ޔަގީންކުރެވިފައިވާ މިންވަރު އަޅުގަނޑު ދަންނަވާލާނަން. މިހާތަނަށް އަޅުގަނޑުމެންނަށް އެއް ކުރެވިފައިވާ މައުލޫމާތަށް ބަލާ އިރު، އިންޑިއާ ސިފައިންގެ 77 ސިފައިން ދިވެހިރާއްޖޭގައި ގާއިމުވެ ތިބިކަން އަޅުގަނޑު ފާހަގަކުރަން ބޭނުން. މީގެ ތެރޭގައި އެއް ހެލިކޮޕްޓަރު ބެލެހެއްޓުމަށް ނުވަތަ ދުއްވުމަށް 24 ސިފައިން، ޑޯނިއާ މަތިންދާބޯޓު ދުއްވުމަށް 25 ސިފައިން އަދި ދެވަނަ ހެލިކޮޕްޓަރެއް ދުއްވުމަށް 26 ސިފައިން. މި އަދަދުތަކުގެ އިތުރަށް ދެ ސިފައިން މެއިންޓެނަންސް އާއި އިންޖިނިއަރިންގެ މަސައްކަތްތަކުގައި ބައިވެރިވެ އެބައުޅޭ. އެހެންވީމާ އިންޑިއާގެ ޖުމުލަ 77 ސިފައިން ރާއްޖޭގައި ގާއިމުވެ ތިބެ މަސައްކަތްކުރަމުން އެބަގެންދޭ،" އޭނާ ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ ހެލިކޮޕްޓަރުތަކާއި ޑޯނިއާ މަތިންދާބޯޓުން މެޑިކަލް އިވެކުއޭޝަންގެ ގޮތުގައި 661 އިވެކުއޭޝަނާއި ސަވޭލަންސްގެ 220 މަސައްކަތް ނުވަތަ އޮޕަރޭޝަނާއި ސާޗް މިޝަންގެ 100 އޮޕަރޭޝަންގެ އިތުރުން އެއާކްރޫ ޓްރާންސްފާ އާއި ކޮވިޑް ސާމްޕަލް ކަލެކްޝަނާއި ވީއައިޕީގެ އެކިއެކި މަސައްކަތްތައް އަދި އެކިއެކި ޑިފެންސާ ގުޅޭ ތަމްރީނުތަކުގެ މަސައްކަތްތައް ވެސް ކުރިއަށްގެންގޮސްފައިވާ ކަމަށެވެ.