ކުރީގެ ރައީސް ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސްޕެޝަލް އެންވޯއީގެ މަގާމު އަދާކުރެއްވި، އަދި ރައީސް މައުމޫނާއި ރައީސް ނަޝީދުގެ ސަރުކާރުގައި ގިނަ ވުޒާރާތެއްގެ ވަޒީރުކަން ކުރެއްވި އިބްރާހިމް ހުސެއިން ޒަކީގެ ޕާސްޕޯޓް ކެންސަލްކުރަން ނެރުނު އަމުރުގެ މައްސަލަ ނުބެލޭނެ ކަމަށް ހައިކޯޓުން ހުކުމްކުރީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ، ދައުލަތުގެ ފަރާތުން މޯލްޑިވްސް އިމިގްރޭޝަނުންނެވެ.
ރައްޔިތުން މަޖިލީހުގެ އޭރުގެ ބައެއް މެންބަރުންނާއި އެމްޑީޕީގެ ބައެއް މެންބަރުންނާއެކު، ބަނގުރާ ހިއްޕަވަން އިންނެވި ކަމަށް ބުނާ، މައްސަލައެއްގައި ކާށިދޫ ދާއިރާގެ މިހާރުގެ މެންބަރު އަބުދުﷲ ޖާބިރާއެކު ދެހާސް ތޭރަ ވަނަ އަހަރު ޒަކީ ވެސް ހައްޔަރު ކުރިއެވެ. ނަމަވެސް އޭނާގެ ޕާސްޕޯޓް ކެންސަލްކުރަން 2020 ވަނަ އަހަރު ކޯޓުން އަމުރު ކުރީ، މީހެއްގެ އަތުން ނެގި ޑޮލަރުތަކެއްގެ ތެރެއިން ބައެއް އަނބުރާ ނުދައްކައި ހުރި މައްސަލައެއްގައެވެ.
އެކަމާ ގުޅިގެން ޒަކީގެ ޕާސްޕޯޓް ސިވިލްކޯޓުން ކެންސަލްކުރި މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. ނަމަވެސް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެ ކޯޓުން ހުކުމް ކުރީ ސިވިލްކޯޓުން ކުރި އަމުރު އިސްތިއުނާފު ކުރުމުގެ ހައްގު ދައުލަތަށް ނެތް ކަމަށެވެ.
އެ މައްސަލަ ބެއްލެވި ހައިކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމްގައި ވަނީ، ޒަކީގެ ޕާސްޕޯޓް ކެންސަލް ކުރުމުގެ ސަބަބުން އޭނާގެ އެއްވެސް ހައްގެއް ނުވަތަ މަސްލަހަތެއް ގެއްލިފައިވާ ނަމަ ހައިކޯޓުގައި އެ މައްސަލައެއް އިސްތިއުނާފު ކުރުމަކީ ޒަކީއަށް ލިބިގެންވާ ހައްގެއް ކަމަށެވެ. އެ ހައްގު ދިވެހި ދައުލަތުގެ މައްޗަށް ފުރޮޅިގެން ދިޔައީ ކިހިނެއްކަމެއް ދައުލަތަށް ސާބިތު ކޮށްދެވިފައި ނުވާކަމަށްވެސް ބުނެފައިވެއެވެ.
ދަށުން ކޯޓުން ކުރާ ހުކުމަކުން ނުވަތަ އަމުރަކުން މީހެއްގެ ހައްގެއް ގެއްލިއްޖެކަމަށް އެމީހަކަށް ގަބޫލުކުރެވޭ ހާލަތުގައި، ފަރުދީގޮތުން އެމީހަކު މައްސަލަ އިސްތިއުނާފު ކުރުމުގެ ބަދަލުގައި ދިވެހި ދައުލަތުގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމަކީ އެކަމުގެ ސަބުން ގާނޫނީ ނުބައި އެތައް ނަތީޖާތަކެއް ނިކުންނާނެ ކަމެއް ކަމަށްވެސް ހުކުމުގައި ބުނެފައިވެއެވެ.
އެހެންކަމުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުގެ ހައިސިއްޔަތު ދިވެހި ދައުލަތަށް (މޯލްޑިވްސް އމިގްރޭޝަނަށް) ލިބިގެންވާ ކަމަކަށް ނުދެކޭ ކަމަށްވެސް ބުނެފައިވެއެވެ. އެ ސަބަބަށް ޓަކައި އެއީ އިމިގްރޭޝަނުން ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށް ބުރަ ނުވެވޭތީ އެއީ ހައިކޯޓުން ގޮތެއް ކަނޑައަޅަން ޖެހޭ މައްސަލައެއް ކަމަށް ނުދެކޭ ކަމަށްވެސް ހުކުމުގައި ވެއެވެ.
ހައިކޯޓުން ކުރި ހުކުމާ ގުޅިގެން އިމިގްރޭޝަންގެ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. ސުޕްރީމް ކޯޓުން މި މައްސަލަ ބެއްލެވި ތިން ފަޑިޔާރުންގެ އިއްތިފާގުން މިއަދު ކުރި ހުކުމުގައި ވަނީ، އެ މައްސަލައިގައި ހައިކޯޓުން ކުރި ހުކުމަކީ ގާނޫނީ އުސޫލުތަކާ ހިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށް ކަނޑައަޅައި އެ ހުކުމް ބާތިލު ކުރާ ކަމަށެވެ. ހަމަ އެއާއެކު އެ މައްސަލައިގެ މައުލޫއަށް ގޮތެއް ކަނޑައަޅަން އަންގައި ކޯޓުތަކުގެ ގާނޫނުގެ ދަށުން އެ މައްސަލަ ހައިކޯޓަށް ތަހުވީލު ކުރާކަމަށްވެސް ހުކުމްގައި ވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު