ޖަރުމަނުގެ ގައުމީ ޓީމާ އަލަށް ހަވާލުވި ކޯޗު، ޖޫލިއަން ނަގެލްސްމަންގެ އިރުޝާދުގެ ދަށުން އެޓީމުން ކުޅުނު ފުރަތަމަ ހޯމް މެޗުގައި ތުރުކީ ކައިރިން ބަލިވެއްޖެއެވެ.
އަންނަ އަހަރު ޔޫރޯ ބާއްވާ ގައުމު ކަމަށްވާ ޖަރުމަނުން ރޭ 70000 ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މެޗުން ބަލިވީ 3-2 ގެ ނަތީޖާއަކުންނެވެ. ނަގެލްސްމަން މިދިޔަ ސެޕްޓެމްބަރު މަހު ޖަރުމަނު ގައުމީ ޓީމާ ހަވާލުވެފައިވާ އިރު، އޭނާގެ ކުރިން ހުރީ ހާންސީ ފްލިކެވެ. ފްލިކް މަގާމުން ދުރުކުރީ ދަށް ނަތީޖާތަކެއްގެ ސަބަބުންނެވެ.
ނަގެލްސްމަން ޖަރުމަނުގެ ޓީމަށް ބަދަލުތަކެއް ގެނެސްފައިވާ އިރު، ކައި ހަވާޓްސްވެސް ފެށީ ލެފްޓް ބެކު މަގާމުންނެވެ. އެޓޭކިން ހަތަރު ކުޅުންތެރިޔަކު ކުރިއަށް ނެރެފައިވާ އިރު، އެއީ ލެރޮއި ސާނޭއާއި ނިކޮލަސް ފުލްކްރަގް، ޖޫލިއަން ބްރަންޓް އަދި ފްލޯރިއަން ވިޓްޒްއެވެ.
މެޗުގައި ފުރަތަމަ ލީޑު ނެގީ ޖަރުމަނުންނެވެ. އެ ގޯލު ޖެހީ ފަހަތަށް ކުޅެމުންދިޔަ ހަވާޓްސްއެވެ. ހަވާޓްސްގެ އެ ގޯލާއެކު ލީޑު ނެގި ނަމަވެސް ދެން ފެނިގެން ދިޔައީ ތުރުކީގެ ދެ ގޯލެވެ. ތުރުކީގެ ގޯލުތައް ޖެހީ ފާޑީ ކަޑިއޮގްލޫ އާއި ކެނަން ޔިލްޑިޒްއެވެ. އޭގެ ފަހުން ފުލްކްރަގް އަނެއްކާވެސް ޖަރުމަނަށް ނަތީޖާ ހަމަހަމަ ކޮށްދިން ނަމަވެސް، ޔޫސުފް ސާރީގެ ޕެނަލްޓީން ތުރުކީ މެޗު ކާމިޔާބު ކުރިއެވެ.
ޖަރުމަނުން މި އިންޓަނޭޝަނަލް ބްރޭކްގައި އަދި އިތުރު މެޗެއް ކުޅޭނެއެވެ. އެއީ އޮސްޓްރިއާއާ ދެކޮޅަށް އަންގާރަ ދުވަހުގެ ރޭ ކުޅޭ މެޗެވެ.
ޖަރުމަނުވިލާތް
ޖަރުމަނުވިލާތް
ޖަރުމަނުވިލާތް
ޖަރުމަނުވިލާތް