ވޯލްޑް ކަޕް ކޮލިފައިން

އޮސްޓްރޭލިއާއިން ފަލަސްތީނާ ދެކޮޅަށް ކުޅޭ މެޗުން ގައްޒާއަށް އެހީވަނީ

ފަލަސްތީނާ ދެކޮޅަށް އޮސްޓްރޭލިއާއިން ކުޅޭ ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗުން ލިބޭ ފައިސާގެ ބައެއް ގައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފިއެވެ.

ފަލަސްތީނުން ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އޮސްޓްރޭލިއާ ދެކޮޅަށް ކުޅޭ މެޗު އަންގާރަ ދުވަހުގެ ރޭ އޮންނާނީ ކުވައިތުގެ ޖަބޭރް އަލް-އަހުމަދު ސްޓޭޑިއަމްގައެވެ. ފަލަސްތީނުން ކޮލިފިކޭޝަންގައި ކުޅުނު ފުރަތަމަ މެޗުގައި ޝާރްޖާގައި ލުބުނާން ކައިރިން 0-0 އިން އެއްވަރުވި އިރު، އޮސްޓްރޭލިއާއިން ފުރަތަމަ ކުޅުނު މެޗުގައި ބަންގްލަދޭޝް ކައިރިން މޮޅުވީ 7-0 ގެ ނަތީޖާއަކުންނެވެ.

އޮސްޓްރޭލިއަން ބޮޑު އެހީއެއް ގައްޒާއަށް ދޭން ނިންމާފައިވާ އިރު، އެއީ މެޗު ފީގެ ގޮތުގައި ލިބޭ ފައިސާއެވެ. ކޯޗު ގްރަހަމް އާނޯލްޑް ބުނީ ގައްޒާގެ ހާލަތުގެ ސަބަބުން ފަލަސްތީނު މެޗަށް ވަމުންދާ ތައްޔާރީތަަކަށްވެސް އަސަރުތަކެއް ކޮށްފައިވާ ކަމަށެވެ.

ކުރިން އެ މެޗު ކުޅެން އޮތީ ވެސްޓް ބޭންކްގައި ނަމަވެސް މިހާރު ވަނީ ކުވައިތަށް ބަދަލު ކޮށްފައެވެ. 2019 ވަނަ އަހަރަށްފަހު އަދި ފަލަސްތީނުން އަމިއްލަ ގައުމުގައި މެޗެއް ނުކުޅެއެވެ.

"އަހަރެމެން ހަމްދަރުދީ ވޭ، ފަލަސްތީނު ޓީމަށް. މެދުއިރުމަތީގައި ހިނގަމުންދާ ކަންތައްތަކާއެކު ވަރަށް ބޮޑަށް ޓީމަށް އެކަމުގެ އަސަރު ކުރޭ. އަހަރެމެންނަށް މެޗަށް ނުކުންނައިރު ކުރެވޭނެ ކަމަކީ އަހަރެމެންގެ ކުޅުން ކޮންޓްރޯލް ކުރުން. އަދި ފުޓުބޯޅައިން ލިބެނޭ ހިތްހަމަ ޖެހުން ކުޅުންތެރިންނަށް ހޯދައިދިނުން،" އޮސްޓްރޭލިއާ ކޯޗު އާނޯލްޑް ބުންޏެވެ.

ގައްޒާއަށް އިސްރާއީލްގެ ޔަހޫދީން ދެމުންދާ ހަމަލާތައް ހައްދުފަހަނައަޅާފައިވާ އިރު، އެތައް ކުދިންނަކާއި އާންމުންނެއް ވަނީ ޝަހީދުކޮށްލައިފައެވެ. އިމާރާތްތައް ބިނާ ހަމަކޮށްފައިވާ އިރު، ހޮސްޕިޓަލްތަކަށްވެސް އިސްރާއީލުން ދަނީ ހަމަލާ ދެމުންނެވެ.