އިނގިރޭސި ޕްރިމިއާ ލީގުގެ ތާރީހުގައި ކްލަބަކަށް ދިން އެންމެ ބޮޑު އަދަބު އެވަޓަންއަށް ދީފިއެވެ.
އެވަޓަންގެ 10 ޕޮއިންޓް މިއަދު އުނިކޮށްފައި ވަނީ ޕްރޮފިޓް އެންޑް ސަސްޓެއިނެބިލިޓީ އުސޫލުތަކާ ހިލާފިވެގެންނެވެ. އެވަޓަންގެ ފައިސާގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ އިރު، އެ ކްލަބުން މިދިޔަ ފަސް ސީޒަންވެސް ނިންމާލީ ގެއްލުމުގައެވެ. މިދިޔަ މާޗު މަހު އެވަޓަންއިން އިއުލާނުކޮށްފައި ވަނީ 2021-22 ވަނަ އަހަރުގެ ސީޒަނުގައި އެކްލަބަށް 44.7 މިލިއަން ޕައުންޑް ގެއްލުންވި ކަމަށެވެ.
ޕްރިމިއާ ލީގުގެ ޕްރޮފިޓް އަދި ސަސްޓެއިނިބިލިޓީ އުސޫލުގެ ދަށުން އެ ލީގުގެ ކްލަބަކަށް ތިން އަހަރުން 105 މިލިއަން ޕައުންޑަށްވުރެ އިތުރަށް ގެއްލުން ވެއްޖެނަމަ ފިޔަވަޅު އަޅާނެއެވެ. އެވަޓަންގެ މައްސަލަ މިދިޔަ މާޗު މަހު، މިނިވަން ކޮމިޝަނަކާ ހަވާލުކޮށްފައިވާ އިރު، އެފަހަރު އެވަޓަންއިން ފައިނޭންޝަލް ފެއާޕްލޭއާ ހިލާފުވި ގޮތް ބުނެފައެއް ނުވެއެވެ.
އެވަޓަންގެ ފައިސާގެ މައްސަލަތައް ރަސްމީ އިދާރާތަކުން ބަލާފައިވާ އިރު، އެ މައްސަލައިގައި މިނިވަން ކޮމިޝަނުން ގޮތް ނިންމީ ފަސް ދުވަހުގެ އަޑުއެހުންތަަކަކަށް ފަހުގައެވެ. އެ ކޮމިޝަނުން ނިންމީ ތިން އަހަރު ތެރޭގައި އެވަޓަންއަށް 124.5 މިލިއަން ޕައުންޑްގެ ގެއްލުން ވެފައިވާ ކަމަށެވެ.
ޕްރިމިއާ ލީގުން ދިން އަދަބާއެކު އެވަޓަންއިން "ޝޮކް" އެއްގައި ތިބިކަމަށް އެ ކްލަބުން ބުނެފައިވާ އިރު، 10 ޕޮއިންޓް އުނިވެ، ތާވަލުގެ 19 ވަނަ އަށް އެޓީމު ވަނީ ސޮއްސާލައިފައެވެ. އެޓީމުން މިވަގުތު 19 ވަނައިގައި އޮތީ ހަތަރު ޕޮއިންޓާއެކުގައެވެ.