ވޮލީ ބޯޅަ އެސޯސިއޭޝަން (ވީއޭއެމް) ހާލަތު ގޯހުން ގޯހަށް ގޮސް، ބަދަލުކުރަން ޖެހޭ ހިސާބަށް ކަންކަން ގޮސްފިއެވެ. ޔަގީނެވެ. އެކަން އޮތީ އެހެންނެވެ. އެހެން ނަމަވެސް، އެކަން ކުރަން ޖެހޭ ގޮތެއްވެސް އެބައޮތެވެ. އަވަސް އަރުވާލައި، ކުޅިވަރުގެ އުސޫލާއި، ގާނޫނުން ބޭރުން އެކަން ކުރުމަކީ ހައްލެއް ކަމަށް ދެކެވޭކަށެއް ނެތެވެ. މީގެ ކުރިން 2020 ވަނަ އަހަރު ވޮލީ ތެރެއިން ޖެހިގެން އައި މައްސަލައަށް ހައްލު ހޯދަންވެސް އުނދަގޫވީ އެތެރޭގެ ވާދަވެރިކަމުން އުފެދުނު "ފެކްޝަން"ތަކުގެ ސަބަބުންނެވެ. އެސޯސިއޭޝަނުގެ ބާރު ނެގުމަށް، "ކޮންމެހެނެއް ހަދާފައިވެސް" މަސައްކަތް ކުރާ ބަޔަކު އުޅެމުންދާތީއެވެ.
ދެހާސް ވިހިވަނަ އަހަރު ވީއޭއެމްގެ ކަންކަން ގޯސްވެ، އާ ވެރިކަމަކާ އެސޯސިއޭޝަން ހަވާލުކުރީ މުހައްމަދު ރަނޭޝް ރައީސަކަށް ހޮވައިގެންނެވެ. ރަނޭޝްއަށް އެފަހަރު އާ އަސާސީ ގަވާއިދެއް ފާސްކޮށް، ކަންކަން ހަމަ މަގަށް އަޅުވަން ސްޕޯޓްސް ކޮމިޝަނަރު 90 ދުވަހުގެ މުއްދަތެއް ދިން ނަމަވެސް، އޭނާއަށް އެކަމެއް ނުވިއެވެ. އަދި ދިގުލައިގެން ކަންކަން ގޮސް، އަހަރީ އާންމު ޖަލްސާ ނުބާއްވާ ތިން އަހަރު ފާއިތުވެ ދިޔައީ އަހަރީ ބަޖެޓެއްވެސް ފާސް ނުކޮށެވެ. އުސޫލުން ބޭރުވެ، ވީއޭއެމް އުވާލާ ހިސާބަށް ދިޔައެވެ. އެހިސާބުން ތެޅިގަނެ، މި މަހު ތިންވަނަ ދުވަހު ވީއޭއެމްއިން އާންމު ޖަލްސާއެއް ބޭއްވިއެވެ.
ވީއޭއެމްއިން ކުއްލިއަކަށް ތިން އަހަރު ފަހުން ބޭއްވި އާންމު ޖަލްސާގައި ގިނަ ކަންތައްތަކެއް ފާސްކޮށްފިއެވެ. މެމްބަރު ކްލަބުތަކަކުން ބައިވެރިވެ، އަސާސީ ގަވާއިދުވެސް ބަދަލުކޮށްފައިވާ އިރު، އެ ބަދަލު ރަޖިސްޓްރީކޮށްދޭން ސްޕޯޓްސް ކޮމިޝަނަރުގެ ކިބައިން އެދުނެވެ. އެ އެދުނު އެދުމަށް ސްޕޯޓްސް ކޮމިޝަނަރު އިޖާބަ ނުދެއްވާ ކަމަށް ބުނެ، ވީއޭއެމްއިން އެންމެ ފަހުން ނިންމީ 17 ވަނަ ދުވަހުގެ ރޭ، ރޭ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށެވެ. އެއީ ތިން ބައިކުޅަ ދެބައި ކްލަބުތަކުން އެކަމަށް އެދޭތީ ކަމަށް ބުނެއެވެ. އެހެން ނަމަވެސް އެ ބައްދަލުވުން ބޭއްވިކަމެއް ޔަގީނެއް ނުވެއެވެ. އެނގިފައިވަނީ ނުބާއްވާ ކަމަށެވެ.
ކޮންމެއަކަސް، އޭރު ސްޕޯޓްސް ކޮމިޝަނަރު ވީއޭއެމްއަށް މިމަހުގެ 15 ވަނަ ދުވަހު ފޮނުވި ސިޓީ، ވީއޭއެމްއިން އޮތީ ކްލަބުތަކާއި މީޑިއާތަކަށްވެސް ސިއްރުކޮށްފައެވެ. އެއީ އުސޫލުގެ ތެރެއިން ކަންކަން ކުރުމަށް ސްޕޯޓްސް ކޮމިޝަނަރު ގިނަ ކަންތައްތަކެއް ފާހަގަކޮށްފައިވާ ސިޓީއެކެވެ. އެކްސްޓްރާ އޯޑިނަރީ ކޮންގުރެހަކުން ބާރުތައް ނެގުމުގެ ކުރިން ކަންތައްތަކަކަށް ރިއާޔަތް ކުރަން އަންގާފައިވާ އެންގުންތައް ސިޓީގައި ވެއެވެ.
މީގެ ކުރިން 2020 ވަނަ އަހަރު ވީއޭއެމްގެ އޭޖީއެމްއިން ފާސްކޮށްފައިވާ ކްލަބުތަކުގެ އަދަދަކީ ހަތެކެވެ. އެއީ ފުރިހަމަ މެންބަރުންގެ ގޮތުގައި ރިޔާސަތުން އޭރު ބަލައިގަނެފައިވާ ކްލަބުތަކެވެ. އެއީ:
އެހެން އެކަން އޮއްވާ، މިމަހުގެ ތިންވަނަ ދުވަހު އަވަސް އަރުވާލައިގެން ބޭއްވި އާންމު ބައްދަލުވުމުގައި 16 ކްލަބަކަށް ފުރިހަމަ މެމްބަރޝިޕް ދީ، ދެ ކްލަބަކަށް އެސޯޝިއޭޓް މެމްބަޝިޕް ދޭން ވަނީ ނިންމައިފައެވެ. ހިންގާ ގަވާއިދުގެ 11 ވަނަ މާއްދާއާ ހިލާފަށް އެކަން ކޮށް، އެރޭ ބޭއްވި އާންމު ޖަލްސާގައި އެ ކްލަބުތަކުން ނިންމުންތަކަށް ވޯޓު ދިނެވެ. އެއީ އެސޯސިއޭޝަނުގެ ހިންގާ ގަވާއިދުގެ 50 ވަނަ މާއްދާއާވެސް ތައާރަޒުވާ ކަމެކެވެ.
ސްޕޯޓްސް ކޮމިޝަނަރުކަމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އައިޝަތު ސަމާހާ ވީއޭއެމްއަށް ފޮނުވި ސިޓީގައި ވިދާޅުވީ ހިންގާ ގަވާއިދުގެ 50 ވަނަ މާއްދާގެ (ހ) ގައިވާ ހިންގާ ކޮމިޓީގެ ބައްދަލުވުމަކާ ނުލައި، އަސާސީ ގަވާއިދަށް ބަދަލު ގެނެސް، އާންމު ޖަލްސާއެއްގެ ތެރެއިން ހިންގާ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައި ކަންކަން ނިންމާލުން އެއީ އުސޫލު ނޫން ކަމަށެވެ. އަދި ވޮލީ ބޯޅަ އެސޯސިއޭޝަން ހިންގުމުގެ 30 ވަނަ މާއްދާގައި ވާ ކަންކަމަށް ބަލައިގެން ހިންގާ ކޮމިޓީގެ ޖަލްސާ ބާއްވާފައި ނުވުމުން އާންމު ޖަލްސާ ތެރެއިން އެކްސްކޯ ބައްދަލުވުމުން ނިންމަން ޖެހޭ ކަންކަން ނިންމުން އެއީ ގާނޫނީ ގޮތުން ފުށުއަރާ ކަމެއް ކަމަށްވެސް ސަމާހާ ފާހަގަކުރެއްވިއެވެ.
އޭގެ އިތުރުން، އެ ޖަލްސާގައި އާ އަސާސީ ގާވާއިދެއް ފާސްކުރިއެވެ. އަސާސީ ގަވާއިދުގެ 56 ވަނަ މާއްދާއަށް ގެނައި އިސްލާހާއެކު، މި ހިންގާ ގަވާއިދު، ކޮންގްރެސްގެ ޖަލްސާއަކުން ފާސް ކުރާ ދުވަހުން ފެށިގެން ގިނަ ވެގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި މި ހިންގާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ އިންތިހާބެއް ބާއްވައި އާ ހިންގާ ކޮމިޓީއެއް އިންތިހާބު ކުރަން ވާނެ ކަމަށް ބުނެފައިވެއެވެ.
އެ ނިންމި ނިންމުން ކުޅިވަރު ގާނޫނުގެ ގާވާއިދު ނަންބަރު 2017/އާރް-13 އާ ހިލާފުވާ ކަމަށްވެސް ސްޕޯޓްސް ކޮމިޝަނަރު ވަނީ އަންގަވާފައެވެ. އެއީ ހިންގާ ކޮމިޓީތަކުގެ ދައުރު ހަމަނުވަނީސް، އަދި ދައުރު ހަމަވާން ދަނިކޮށް އާ ހިންގާ ކޮމިޓީއެއް ދައުރުގެ ތެރެއިން އިންތިހާބު ކުރަން ގެނައި އިސްލާހަކަށް 56 ވަނަ މާއްދާއަށް ގެނައި އިސްލާހު ވާތީއެވެ.
އޭގެ އިތުރުންވެސް އިންތިހާބީ މަގާމުތަކަށް އެކްސްކޯއަށް މެންބަރުން ހޮވާ ގޮތަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ކުރިން ކޯޗުންނާއި ރެފްރީންގެ ވޯޓުން އެކްސްކޯއަށް ހޮވާ މެމްބަރުން، ކްލަބުތަކުގެ ވޯޓުން ހޮވަން ޖެހޭ ގޮތަށްވެސް ވަނީ ބަދަލުކޮށްގައެވެ. އަދި ހަމައެއާއެކު ޑިސިޕްލިނަރީ ކޮމިޓީއަށް މެމްބަރުން އައްޔަން ކުރާ ކުރުންވެސް ވޯޓިން ނިޒާމަކަށް ބަދަލުކޮށް، ބީޗު ވޮލީއާއި އެހެން ޑިވިޝަންތަކާ ހަވާލުވުމަށްވެސް އެކްސްކޯއަށް ކުރިމަތިލާން ޖެހޭ ގޮތަށް ވަނީ ބަދަލު ގެނެސްފައެވެ.
އެއީވެސް އެސޯސިއޭޝަނަށް، އާންމު ބައްދަލުވުމަކުން ދައުރުގެ މެދުތެރެއިން ގެނެވޭނެ ބަދަލެއް ނޫން ކަމަށް، އަދި އެކްސްކޯއިން އެކަންކަން ފާސްކޮށްގެން، ވަކި މުއްދަތެއްގެ ތެރޭގައި ނޫނީ ގެނެވޭނެ ބަދަލެއް ނޫންކަމަށް ސްޕޯޓްސް ކޮމިޝަނަރު ވަނީ ފާހަގަކުރައްވާފައެވެ.
މިހާރު އޮތް ވޮލީގެ ހިންގާ ކޮމިޓީން 2021 ވަނަ އަހަރު މަގާމުތަކާ ހަވާލުވެ، އެންމެފުރަތަމަ އާންމު ޖަލްސާއެއް ބޭއްވީ މިމަހުއެވެ. މިމަހު ބޭއްވި ޖަލްސާގައި 2020، 2021، 2022 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ފާސްކޮށްފައިވީ ނަމަވެސް، އެ އަހަރުތަކުގެ އަހަރީ ހިސާބު ފާސްކޮށްފައެއް ނުވެއެވެ. އެއީ ޖަމިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާބެހޭ ގަވާއިދުގެ 25 ވަނަ މާއްދާގައި ބަޔާން ކުރާ ކަމެއް ކަމަށްވުމުން، އަހަރީ ހިސާބު ފާސްނުކޮށް އަދިވެސް އޮތް އޮތުން އެއީ ކަންބޮޑުވުމެކެވެ. އެއީ އެ ހިސާބަކީ ކޮމިޝަނަށް ކޮންމެ އަހަރަކު ހުށަހަޅަން ޖެހޭ ލިޔެކިޔުންތަކެއް ކަމަށްވާތީއެވެ.
"ވޮލީގެ ކަންކަން މިވާގޮތަކީ ދެ ބަޔަކު ބާރު ނަގަން މިއުޅެނީ. ދެން އެ ނަގަން އުޅޭ ގޮތަކަށް ނުވެސް ވިސްނާ. އުސޫލާ ހަމައަކަށްވެސް ނުވެސް ވިސްނާ. ޖެހުނު ގޮތަކަށް އެކަން ކުރަން މި ވިސްނަނީ. މިހާރު އޮޑިޓެއް ނުކުރާތާ 8 އަހަރު ވަނީ. އަހަރީ ހިސާބުތައް ފާސްކޮށް ނުބަލަހައްޓާތަނުގައި އެކަން ކޮށްލަން ބޭނުންވާ މީހަކުވެސް ނެތް. ކުއްލިއަކަށް ކަންކަން ނިންމާ އެހެން ކަންކަން ކުރީމަ ބޮޑު އެސޯސިއޭޝަނަކުން އެދެނީ ނުބައި މިސާލެއް،" ވޮލީގެ ތެރޭގައި ރާއްޖޭގެ އެންމެ ތަޖުރިބާރު އެކަކު "ވަން ސްޕޯޓްސް"އަށް ވިދާޅުވިއެވެ.
މިވަގުތު ވޮލީ އެސޯސިއޭޝަނުގެ ރައީސްގެ މަގާމުގައި ހުންނެވި ރަނޭޝް، އަވަސްކޮށް މަގާމު ދޫކޮށްލަން ބޭނުންވެ އެކަމަށް ފަހިކުރަމުންދާ ނަމަވެސް، މިހާރު ފާސްކޮށްފައި ގޮތަށް އިންތިހާބެއް ބާއްވައިގެން، ނޫނީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއަކުން ކަންތައްތަކެއް ނިންމި ނަމަވެސް، އެއީ ކުޅިވަރުގެ ގާނޫނީ ހަމަތަކަށް ފެތޭނެ ކަންތައްތަކަކަށް ނުވާނެއެވެ. ހާއްސަކޮށް ސްޕޯޓްސް ކޮމިޝަނަރުގެ އުސޫލުތަކަށް އެކަން ނުފެތި އޮތުން އެއީ އެސޯސިއޭޝަނުގެ ގާނޫނީ ބާރު ކެނޑިގެންދާނެކަމެއް ކަންވެސް ޔަގީނެވެ.
"ޕޭޕާ ކްލަބު"ތަކެއް އަދިވެސް ހިނގަމުންދާ ކަމަށް ވޮލީގެ ތަޖުރިބާކާރުން ސިފަ ކުރެއެވެ. ހާއްސަކޮށް ވަކި ޝަހުސަކަށް ބާރުތައް ހޯދަން މަސައްކަތް ކުރާ މަންޒަރު ސިފަވާ ކަމަށްވެސް ގިނަ ބަޔަކު ބުނެއެވެ. ހާއްސަކޮށް ސަރުކާރުގެ މަތީފަޑިއަށް އަންނަ ބަދަލާއެކު އެސޯސިއޭޝަންތައް ބަދަލުކުރަން ވިސްނާ ވިސްނުމުން ދުރުވެ، ކުޅިވަރަށް އިހުލާސްތެރިވާން ޖެހެއެވެ. ނޫންނަމަ، ކުޅިވަރުގެ ސިޔާސީ އޮއިވަރުން ނެއްޓުން ވާނީ އުނދަގޫ ކަމަށެވެ. އިހުލާސްތެރި ނަމަ ސޮޕޯޓްސް ކޮމިޝަނަރުގެ ސިޓީ ސިއްރު ކުރީ ކީއްވެ ހެއްޔެވެ؟ އެ ސިޓީ ފެނުން ހައްގުވާ މެންބަރު ހުރިހާ ކުލަބަކަށް ހިއްސާ ނުކުރީ ކީއްވެ ހެއްޔެވެ؟ ވަކި އިރުޝާދުތަކެއް ދީފައިވާ ސިޓީއަކަށް ވާއިރު، އެ ސިޓީ ފެނުން ހައްގު، ވޮލީގެ އެންމެހައި ފަރާތްތަކަށް ވެސް ހިއްސާ ކުރެވެން ވާނެ އެވެ. އަދި އަވަސް އަރުވާލައިގެން ވަކި ބައެއްގެ މެދުގައި "ޑީލް" ހަދާ ގޮނޑިއަކަށް ވީއޭއެމްގެ ރައީސްކަމުގެ ގޮނޑި ވެގެން ނުވާނެ އެވެ.