މި ސަރުކާރުގެ ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ފްލެޓު ދޫކުރުމުގެ ހުރިހާ މަސައްކަތެއް ހުއްޓާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގައިފިއެވެ.

އެ ކޮމިޝަނުން އެ ގޮތަށް އެންގީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި މިހާރު އިމާރަތްކުރަމުން އަންނަ 4،000 ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓަށް ހުށަހެޅި ޝަކުވާތައް ބެލުމަށް ފަހު، ރޭ ހައުސިން މިނިސްޓްރީން ދާއިމީ ލިސްޓް އާއްމުކޮށްފައި ވަނިކޮށެވެ.

ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކުރާ އެ ފްލެޓް ތަކުގެ ހުރިހާ ކަމެއް ހުއްޓާލަން ރޭ ހައުސިން މިނިސްޓްރީއަށް އަންގާފައިވާކަން އޭސީސީގެ އޮފިޝަލަކު ވަނީ "ވަން" އަށް ކަށަވަރު ކޮށްދެއްވައިފައެވެ. އޭގެ ތެރޭގައި ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުން ވެސް ހިމެނެއެވެ.

ފްލެޓު ދޫކުރުމުގެ ހުރިހާ ކަމެއް ހުއްޓާލަން އޭސީސީން އެންގި އިރު، ހައުސިން މިނިސްޓްރީން ރޭ ވަނީ ލިބޭ ފްލެޓްގެ ގުރުއަތު ނެގުން ކުރިއަށް ގެންގޮސްފައެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓު ފުރަތަމަ އާންމުކުރީ މިމަހުގެ ހަތަރުވަނަ ދުވަހުއެވެ. ނަމަވެސް ފުލެޓު ދިނުމުގައި ހަމަހަމަކަން ނެތްކަމަށް ބުނެ ފުލެޓަށް ކުރިމަތިލި ގިނަބަޔަކު ހައުސިން މިނިސްޓްރީގައި އިހުތިޖާޖު ކުރަން ފެށުމުން ވަނީ، ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފައެވެ.

އެ ސްކީމުގެ ދަށުން ފުލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމުކޮށްފައިވަނީ ޕޮއިންޓް ދިނުމުގެ އުސޫލާ ހިލާފަށް އަދި ވަކި ބަޔަކަށް ނާޖާއިޒު މަންފާ ހޯދައިދިނުމަށް ކަމަށް ބުނެ އޭސީސީން އަށް ވަނީ މައްސަލަ ހުށަހަޅައިފައެވެ. އެ ކޮމިޝަނުން ވަނީ ފްލެޓުތައް ހަވާލުކުރުމުގެ ކަންކަން، ޝަކުވާ ހުށަހަޅަން އެކަށީގެންވާ މުއްދަތެއް ދިނުމަށްފަހު، އެ ޝަކުވާތަކަށް ބެލުމަށް ފަހު ނޫނީ ކުރިއަށް ނުގެންދަން އަންގައިފައެވެ. އޭސީސީން ވަނީ އެ މައްސަލައިގައި ހައުސިން މިނިސްޓްރީ ވެސް ބަލައި ފާސްކޮށްފައެވެ.

ހައުސިން މިނިސްޓްރީން މިރޭ ވަނީ ފުލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓާއެކު، ފުލެޓަށް ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ އަދަދު ވެސް އިއުލާންކޮށްފައެވެ.

އެގޮތުން ގެދޮރުވެރިޔާ ސްކީމުން ދޫކުރުމަށް ހަމަޖެހިފައިވާ ތިން ކޮޓަރީގެ ފުލެޓުގެ މަހު ކުއްޔަކީ 7000 ރުފިޔާ އަދި މަރާމާތު ފީގެ ގޮތުގައި މަހަކު 1000 ރުފިޔާއެވެ. އަދި ދެ ކޮޓަރީގެ މަހު ކުއްޔަކީ 5000 ރުފިޔާ އާއި މަރާމާތު ފީގެ ގޮތުގައި މަހަކު 1000 ރުފިޔާއެވެ.

ކުލި ދައްކަން ފެށުމަށް ހަމަޖެހިފައިވަނީ ފުލެޓް ހަވާލުކުރާ ތާރީހުން ފެށިގެން ތިން މަސް ދުވަހުގެ ގްރޭސް ޕީރިއަޑް އަކަށްފަހުއެވެ. އަދި ކުލި ދައްކަންޖެހޭ ޖުމުލަ މަހުގެ އަދަދަކީ 300 މަހެވެ.

މިނިސްޓްރީން ބުނީ މި ލިސްޓަށް އައިސްފައިވާ ބަދަލާއެކު ފުރަތަމަ ބުރުގައި ތިން ކޮޓަރީގެ ފުލެޓް ލިބޭނީ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށް ފުލެޓް ނެގުމަށްފަހު ބާކީވާ ފުލެޓުތައް 75 މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތަކުން ހޮވޭ ފަރާތްތަކަށް ކަމަށެވެ. އަދި ފުރަތަމަ ބުރުގައި ދެ ކޮޓަރީގެ ފުލެޓް ލިބެނީ 73 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށް ކަމަށް ބުންޏެވެ.

ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ދެމަފިރިން ފުލެޓް ލިބުމަށް ހޮވިފައިވާނަމަ ފުލެޓް ލިބޭނީ ދެމަފިރިންނަށް އެއް ފުލެޓް ނުވަތަ ދެމަފިރިންގެ ތެރެއިން ކަނޑައަޅާ އެއްފަރާތަކަށް އެއް ފުލެޓު ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ފުލެޓް ލިބުމަށް ހޮވިފައިވާ ފަރާތްތަކަށް ލިބޭ ފުލެޓް ކަނޑައެޅުމަށް ހަމަޖެހިފައިވަނީ ގުރުއަތު ނަގައިގެން ކަމަށް މިނިސްޓްރީން ބުންޏެވެ.