ވިރާތު ކޯލީގެ ރެކޯޑު ސެންޗަރީއާއެކު ނިއު ޒިލެންޑް ބަލިކޮށް، އިންޑިއާއިން އައިސީސީ ކްރިކެޓް ވޯލްޑް ކަޕްގެ ފައިނަލަށް ދަތުރު ކޮށްފިއެވެ.
ގްރޫޕް ސްޓޭޖު ހުރިހާ މެޗަކުން މޮޅުވެ އިންޑިއާއިން މިފަހަރުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައިވާ އިރު، ރޭ މުމްބާއީގެ ވަންހެދޭ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އެޓީމުން ނިއު ޒިލެންޑް ބަލިކުރީ 70 ލަނޑުންނެވެ.
މި މެޗު ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، އިންޑިއާއަށް ޓޮސް ދިމާވުމުން ނިންމީ ބެޓް ކުރުމަށެވެ. އިންޑިއާއިން ބެޓް ކުރަން ނުކުމެ، 50 އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން 397 ލަނޑު ހެދިއެވެ. އެންމެ ފާހަގަކޮށްލެވުނީ 113 ބޯޅައިން 117 ލަނޑު ހެދި ކޯލީގެ ކުޅުމެވެ. ސަޗިން ޓެންޑަލްކާ އާއި ޑޭވިޑް ބެކަމް ފަދަ މަގުބޫލު މޫނުތައް ރޭ ސްޓޭޑިއަމްއިން ފެނިގެން ގޮސްފައިވާ އިރު، ކޯލީ ސަޗަންގެ ވަން-ޑޭ އިންޓަނޭޝަނަލް ސެންޗަރީ ރެކޯޑު މުގުރާލިއެވެ.
ކޯލީ މިހާތަނަށް ވަން-ޑޭ އިންޓަނޭޝަނަލް ކްރިކެޓްގައި 50 ސެންޗަރީ ހަދާފައިވާ އިރު، ސަޗިންގެ އެ ރެކޯޑު މުގުރާލުމާއެކު މުޅި ސްޓޭޑިއަމް ގުގުމާލިއެވެ.
އިންޑިއާގެ ޝްރެޔަސް އިޔާވެސް 70 ބޯޅައިން 105 ލަނޑު ހެދި އިރު، ނިއުޒިލެންޑުން ކުޅެން ނުކުމެ ނުރައްކާ ކުރިއެވެ. 48.5 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވި އިރު، އެޓީމަށް ހެދުނީ 327 ލަނޑެވެ.
އިންޑިއާއަށް މޮޅަށް އުކައިދީ ނިއު ޒިލެންޑް ކައިރިން ސަލާމަތް ކޮށްދިނީ މިހާތަނަށް ވޯލްޑް ކަޕްގައި ތަފާތު ކުޅުމެއް ދައްކަމުން އަންނަ މުހައްމަދު ޝާމީ އެވެ. އޭނާ ވަނީ 57 ލަނޑަށް ހަތް ވިކެޓް ނަގައިފައެވެ. ނިއުޒިލެންޑަށް އެންމެ ރަނގަޅަށް ކުޅުނު ޑަރީލް މިޗެލް ވަނީ 149 ބޯޅައިން 181 ލަނޑު ހަދައިފައެވެ.
ކްރިކެޓް ވޯލްޑް ކަޕްގެ ފައިނަލުގައި އިންޑިއާއިން ނުކުންނަން ޖެހޭނީ ދެކުނު އެފްރިކާ އާއި އޮސްޓްރޭލިއާ ވާދަކުރާ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
ކްރިކެޓް
ކްރިކެޓް
ކްރިކެޓް
ކްރިކެޓް