މިދިޔަ ސީޒަނުގައި ތިން ތަށީގެ ކާމިޔާބީއެއް ހޯދި މެންޗެސްޓާ ސިޓީން ރެކޯޑު 712.8 މިލިއަން ޕައުންޑްގެ ފައިދާއެއް އިއުލާނު ކޮށްފިއެވެ.

ސިޓީއަށް މިދިޔަ އަހަރުވި ފައިދާއަކީ މިހާތަނަށް ޕްރިމިއާ ލީގު ކްލަބަށް ފައިނޭންޝިއަލް އަހަރަކު ވީ އެންމެ ބޮޑު ފައިދާއެވެ. އެއީ މެންޗެސްޓާ ޔުނައިޓެޑުން މިދިޔަ މަހު އިއުލާނުކުރި އެ ކްލަބުގެ ފައިދާއަށްވުރެވެސް ބޮޑު އަދަދެކެވެ. ޔުނައިޓެޑުން އިއުލާނުކުރި ތަފާސްހިސާބު ދައްކާ ގޮތުން މިދިޔަ އަހަރު އެ ކްލަބަށް ވަނީ 648.4 މިލިއަން ޕައުންޑްގެ ފައިދާއެއް ވެފައެވެ.

ސިޓީން މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގާއި ޕްރިމިއާ ލީގުގެ އިތުރުން އެފްއޭ ކަޕްވެސް ކާމިޔާބު ކޮށްފައިވާ އިރު، އެއީ 1999 ވަނަ އަހަރަށްފަހު އިނގިރޭސި ކްލަބަކުން އެ ކާމިޔާބީ ތަކުރާރު ކުރި ފުރަތަމަ ފަހަރެވެ. 1999 ވަނަ އަހަރު އެފަދަ ކާމިޔާބެއް ތަކުރާރުކުރީ މެންޗެސްޓާ ޔަނައިޓެޑުންނެވެ.

ސިޓީގެ ޗެއާމަން ހަލްދޫން އަލް-މުބާރަކް ވިދާޅުވީ ސިޓީން މިދިޔަ ސީޒަނުގައި ތުރުކީގައި ޗެމްޕިއަންސް ލީގު ތަށި ހޯދި ހިސާބުން ދެން ކްލަބަށް ހޯދަން އޮތީ ކޮން ކާމިޔާބީއެއްތޯ ސުވާލު އުފެދުނު ކަމަށެވެ. އޭނާ ވިދާޅުވީ އެހިސާބުން ދެން ސިޓީއަށް އޮތީ ކްލަބެއްގެ ގޮތުގައި ފުރިހަމަ ހިންގުމުގެ ނިޒާމަކަށް ދިޔުން ކަމަށާއި، ސިޓީގެ ބްރޭންޑް ފުޅާކޮށް، އިތުރަށް ވިޔަފާރި ފުޅާކުރަން ކުރެވެން އޮތް ކަންކަން ވޭތުވެދިޔަ މާޒީން ފިލާވަޅުތައް ހޯދައި ކުރިއަށް ގެންދާނެ ކަމަށެވެ.

ސިޓީގެ މުސާރައިގެ ހަރަދު މިދިޔަ ސީޒަނުގައި ގާތްގަނޑަކަށް 262 ޕައުންޑުން އިތުރު ވެފައިވާ އިރު، ޖުމަލަ 422.89 ޕައުންޑް މިހާރު ސިޓީން މުސާރައަށް ހޭދަކުރެއެވެ. 2022-23 ފައިނޭންޝަލް އަހަރުގައި ސިޓީން ކުޅުންތެރިން ވިއްކައިގެން 121.7 މިލިއަން ޕައުންޑްގެ ފައިދާއެއް ހޯދާފައިވެއެވެ.

ސިޓީގެ ބްރޯޑްކާސްޓިން ފައިދާ 20.2 ޕަސެންޓް އިތުރުވެފައިވާ އިރު، ޓީވީ ފައިސާގެ ގޮތުގައި ސިޓީއަށް 299.4 ޕައުންޑްގެ ފައިދާއެއް އެ ކްލަބަށް ލިބިފައިވެއެވެ.

މީގެ ކުރިން ކްލަބަކަށް ފައިނޭންޝަލް އަހަރެއްގައި އެންމެ ބޮޑު ފައިދާއެއް ވެފައި ވަނީ 2019 ވަނަ އަހަރު ބާސެލޯނާ އަށެވެ. އެއީ ރެކޯޑު 861.43 މިލިއަން ޕައުންޑްގެ އަދަދެކެވެ. އޭރު ބާސާއިން ބައެއް ލިޔެކިޔުންތައް އޮޅުވާލި ކަމަށް މީޑިއާތަކުގައި ބުނެފައިވެއެވެ. އެހެންކަމުން އެއީ ސައްހަ އަދަދެއް ކަމެއް ޔަގީނެއް ނުވެއެވެ.