ޗެލްސީއާއެކު ބޮޑެތި ކާމިޔާބީތަކެއް ހޯދި، އެ ކްލަބުގެ އަންހެން ޓީމުގެ ކޯޗު އެމާ ހޭސް، އެމެރިކާ އަންހެން ގައުމީ ޓީމާ ހަވާލުވާން އެއްބަސްވެއްޖެއެވެ.
އެމާ އެމެރިކާގެ ގައުމީ ޓީމާ ހަވާލުވާނީ މިސީޒަނުގެ ވުމަންސް ސުޕަ ލީގު ނިމުމުންނެވެ. ޗެލްސީން މިދިޔަ ހޮނިހިރު ދުވަހު ބުނީ ކޯޗު އެމާ، ކެރިއަރުގައި އާ ކަންތައްތަކެއް ތަޖުރިބާކުރަން ބޭނުންވާ ކަމަށާއި، އެކަން ކަމަށް ފުރުސަތު ލިބުމުން ޗެލްސީ ދޫކޮށްލަން ނިންމާފައިވާ ކަމަށެވެ.
އުމުރުން 47 އަހަރުގެ އެމާގެ ކޯޗިން ކެރިއަރު ފެށީގެންވެސް އެމެރިކާގައެވެ. އެ ގައުމުން ފެށި ކެރިއަރުގައި 2012 ވަނަ އަހަރު ޗެލްސީއާ ހަވާލުވެ އެކްލަބާއެކު މިހާތަނަށް ވަނީ 13 ތަށްޓެއް ހޯދައިފައެވެ. އޭގެ ތެރޭގައި ހަ ލީގު ތަށްޓާއި ފަސް އެފްއޭ ކަޕް ހިމެނެއެވެ. އެމާއަކީ 2021 ވަނަ އަހަރު ފީފާއިން ހޮވި އެންމެ މޮޅު އަންހެން ކޯޗެވެ. އަދި އޭނާއަކީ ހަ ފަހަރަށް ޕްރިމިއާ ލީގުގެ އަންހެން ޑިވިޝަނުގެ އެންމެ މޮޅު ކޯޗުކަން ހޯދި ކުޅަދާނަ ޓެކްޓީޝަނެކެވެ.
އެމެރިކާއިން މިއަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16 އިން ކަޓައިގެން ދާން ޖެހިފައިވާ އިރު، އެޓީމުން ތައްޔާރުވަމުން ދަނީ އަންނަ އަހަރުގެ އޮލިމްޕިކް ގޭމްސްއަށެވެ.
އެމާ ބުނީ އެމެރިކާގެ ފުޓުބޯޅައަކީ އަބަދުވެސް އޭނާއާ ގުޅިފައިވާ ގުޅުމެއް ކަމަށައި، އެގައުމުގެ ގައުމީ ޓީމަށް ކޯޗުކަން ކުރަން ފުރުސަތު ލިބުމަކީ ލިބޭނެ ބޮޑު ޝަރަފެއް ކަމަށެވެ. އަދި ގިނަ ކާމިޔާބީތަކެއް އެމެރިކާއާއެކު ހާސިލްކުރެވޭނެ ކަމަށްވެސް އެމާ ބުންޏެވެ.
ޗެލްސީ
ޗެލްސީ
ޗެލްސީ
ޗެލްސީ